އިނގިރޭސި ޕްރިމިއާ ލީގުގެ އިތުރުން އިނގިރޭސި ފުޓުބޯޅަ ލީގުގެ އެހެން ޑިވިޝަންތަކުގައި ކުޅޭ މުސްލިމް ކުޅުންތެރިންނަށް ރޯދަ ވީއްލުމަށް މެޗު ތެރެއިން ވަގުތު ހުސްކޮށްދޭން ރެފްރީންގެ ބޮޑީން މިފަހަރުވެސް އެދިއްޖެއެވެ.
އިނގިރޭސި ޕްރިމިއާ ލީގާއި އެހެން ޑިވިޝަންތަކުގެ މެޗުތަކުގައި ރެފްރީކަން ކުރާ ރެފްރީންނަށް ރޯދަ ވީއްލުމަށް ފުރުސަތު ދޭން ހާއްސަ އެންގުމެއް އަންގައި، އެކަމަށް ވަގުތު ހުސްކުރާނެ އުސޫލެއް މިފަހަރުވެސް ވަނީ ކަނޑައަޅައިފައެވެ. އެގޮތުން މެޗު ތެރެއިން ރޯދަ ވީއްލާ ކުޅުންތެރިންނަށް އެކަން ކުރުމަށް ބޭނުން ކުރާނީ ފެނާއި، އެނާޖީ ޖެލް ނޫންނަމަ، ހާއްސަ އެނާޖީ ބޫސްޓް ސަޕްލިމަންޓެކެވެ. މުސްލިމް ކުޅުންތެރިޔާ ރޯދަ ވީއްލުމަށް މިނެޓެއް ހާއިރު ހުސްކޮށްލާނެ ކަމަށް ރެފްރީންގެ ބޮޑީން ވަނީ މައުލޫމާތު ދީފައެވެ.
ލީގުގެ މެޗުތަކަށް ނުކުންނަ އިރު، ކުރިއާލައި ރޯދަ ކުޅުންތެރިން ދެނެގަނެ، އެ ކުޅުންތެރިންނަށް މެޗު ތެރެއިން ހުސްކުރާނެ ވަގުތެއްވެސް ނިންމައިގެން ތިބުމަށް ރެފްރީންނަށް ވަނީ އިރުޝާދު ދީފައެވެ.
އިނގިރޭސި ޕްރިމިއާ ލީގުގައި މުސްލިމް ގިނަ ކުޅުންތެރިންތަކެއް ކުޅެމުންދާ އިރު، ރޯދަ ވީއްލުމަށް ވަގުތު ހުސްކުރަން ނިންމީ 2021 ވަނަ އަހަރު ރޯދަމަހު ދިމާވި ހާލަތެއްގެ ސަބަބުންނެވެ. އެއަހަރުގެ ސީޒަންގައި ލެސްޓާ ސިޓީގެ ދަނޑުގައި ލެސްޓާއިން ކްރިސްޓަލް ޕެލެސްއާ ދެކޮޅަށް ކުޅުނު މެޗުގައި، އޭރު ލެސްޓާއަށް ކުޅޭ، މިހާރު ޗެލްސީގެ ޑިފެންޑަރު ވެސެލޭ ފޯފާނާ އާއި ޕެލެސްގެ ޗެކޯ ކަޔޯޓޭ ރޯދަ ވީއްލަން ހާއްސަ ވަގުތު ކޮޅެއް ރެފްރީ ދިނީ، ފޯފާނާ އާއި ކަޔޯޓޭ މެޗު ނުހުއްޓައި އެއް އަރިމައްޗަށް ޖެހި ރޯދަ ވީއްލަން އުޅެނިކޮށެވެ. އެމެޗުގައި ހުރި ގްރަހަމް ސްކޮޓްގެ އެ ނިންމުމަށް ތައުރީފުވެސް އަމާޒުވެފައިވާ އިރު، ރެފްރީގެ އެ ނިންމުމާއެކު ޕްރިމިއާ ލީގުން ފަހުން ވަނީ އެކަމަށް ރަސްމީކޮށް މަޝްވަރާކޮށް ހުރިހާ މުސްލިމު ކުޅުންތެރިންނަށްވެސް މެޗުގެ ތެރެއިން ރޯދަ ވީއްލަން ފުރުސަތު ދޭން ނިންމައިފައެވެ.
މިދިޔަ އަހަރުވެސް ޕްރިމިއާ ލީގުގައި ރޯދަ ވީއްލަން މުސްލިމް ކުޅުންތެރިންނަށް ފުރުސަތު ދޭން ހާއްސަ އުސޫލެއް ކަނޑައަޅާފައިވެއެވެ.
މުސްލިމް ކުޅުންތެރިންގެ ރަމަޟާން މަހުގެ ރޫޓީން އެންމެ ރަނގަޅަށް ގެންދިޔުމަށް ލީގުން ވަނީ މިދިޔަ އަހަރުވެސް ހާއްސަ ބައެއް ފަރާތްތަކުގެ ލަފާ ހޯދައިފައެވެ. އެގޮތުން މެޗުތަކުގެ އޮފިޝަލުކަން ކުރާ ހުރިހާ ފަރާތްތަކުންވެސް ނުޖޫމް ސްޕޯޓްސްގެ ހާއްސަ ވޯކްޝޮޕެއް ފުރިހަމަ ކުރުމަށްވެސް ވަނީ އަންގައިފައެވެ.
ނުޖޫމްގެ އިތުރުން ޕްރިމިއާ ލީގުގައި ކުޅޭ މުސްލިމް ކުޅުންތެރިންގެ ކަންކަން ގާތުން ބެލުމަށް، ލީގުން ފަންޑުކޮށް ހިންގަމުން އަންނަ މުސްމިލް ޗަޕްލައިންސް އިން ސްޕޯޓްސް (އެމްސީއެސް) އިން 2014 ވަނަ އަހަރުން ފެށިގެން އަންނަނީ ހަރަކާތްތެރިވަމުންނެވެ. އިނގިރޭސި ލީގު ސިސްޓަމްގެ ތެރެއިން ޕްރިމިއާ ލީގާއި ދެވަނަ ޑިވިޝަންގެވެސް ޓީމުތައް ހިމެނޭހެން 92 ކްލަބެއްގެ ތެރޭގައި އެމްސީއެސްއިން އަންނަނީ މަސައްކަތް ކުރަމުންނެވެ. އެމްސީއެސްއިން ކްލަބުތަކުގެ ކުޅުންތެރިންނާއި އޮފިޝަލުންނަށް ހާއްސަކޮށް، އިސްލާމް ދީނުގެ ކަންކަން އޮޅުން ފިލުވައިދިނުމަށް ގިނަ މަސައްކަތްތަކެއް ކުރެއެވެ. އެގޮތުން ލެކްޗާތަކާއި ސެމިނާތައްވެސް އަންނަނީ ބާއްވަމުންނެވެ.
އެންގޯލޯ ކާންޓޭ އާއި މުހައްމަދު ސަލާހްގެ އިތުރުން ރިޔާދު މަހަރޭޒް ފަދަ މަޝްހޫރު މުސްލިމް ކުޅުންތެރިންގެ ސަބަބުން ލީގަށް ވަނީ މިހާރު ހެޔޮ ބަދަލުތަކެއްވެސް އައިސްފައެވެ. ޕްރިމިއާ ލީގުގެ މެޗަކުން މޮޅު ކުޅުންތެރިޔާގެ މަގާމު ލިބޭ ކުޅުންތެރިޔާއަށް ދޭ ޝެމްޕޭން ފުޅި، ހަނދާނީ ކުޑަ ފިލައަކަށް ބަދަލުވީ މުސްލިމް ކުޅުންތެރިން ޝެމްޕޭން ފުޅީގައި ހިފަން ދެކޮޅު ހެދުމުންނެވެ. އަނެއްކޮޅުން ޖާޒީތަކުގައި ރާ ވިއްކާ ކުންފުނިތަކުގެ ސްޕޮންސާ ނުޖަހަންވެސް ޕްރިމިއާ ލީގުން އެންގީ މުސްލިމް ކުޅުންތެރިޔަކު އެފަދަ އިޝްތިހާރެއް ޖެހި ޖާޒީގައި ކުޅެން އިންކާރު ކުރުމުންނެވެ.