ރިޕޯޓް

އެކްސްޕާޓުގެ ބަސް: "ރައީސްގެ މޮޓޯކޭޑް އެމަގުން ދިއުމަކީ ފުރަތަމަ ގޯސް، ވައްޓައިލެވުނީ ރައީސް ރިސްކަށް"

މުހައްމަދު އިޝާން

2

ބައިނަލްއަގުވާމީ އަންހެނުންގެ ދުވަހުގެ މުނާސަބަތުގައި ރޭ އުމަރު ޒާހިރު އޮފީސް އިމާރާތުގައި ބޭއްވި ޖަލްސާ ޝަރަފުވެރިކޮށްދެއްވުމަށްފަހު މާލެ ވަޑައިގެން ބޮޑުތަކުރުފާނު މަގުން ދަތުރު ކުރައްވަމުން ގެންދަވަނިކޮށް ރައީސް އިބްރާހީމް މުހައްމަދު ސޯލިހުގެ މޮޓޯކޭޑަށް ޕީޕީއެމް/ޕީއެންސީ ކޯލިޝަންގެ މުޒާހަރާގެ ބައިވެރިން ހުރަސް އެޅުމުން އުފެދިގެން އައީ އެތައް ސުވާލުތަކެކެވެ. މުޒާހަރާގެ ބައިވެރިން 15 މިނިޓު ވަންދެން މޮޓޯކޭޑަށް ހުރަސް އަޅައި ރައީސްގެ ކާރުކޮޅު ކައިރިއަށް ދިއުމަށް މަސައްކަތް ކުރިއެވެ.

ދައުލަތުގެ އެންމެމަތީ ވެރިޔާއަށް ފުރިހަމައަށް ސެކިއުރިޓީ ފޯރުކޮށްދެވޭތޯ؟ ޕީޕީއެމްއިން ކޮންމެ ރެޔަކު މުޒާހަރާކުރާ މަގެއްކަން އެމްއެންޑީއެފަށް ނޭނގެނީތޯ؟ މުޒާހަރާކުރަން އެނގި ތިބެ އެ މަގުން ދިޔައީ ކީއްވެގެންތޯ؟ މޮޓޯކޭޑަށް ހުރަސް އެޅުމުންވެސް ސްލޯ ރެސްޕޮންސެއްގައި މޮޓޯކޭޑު އަނބުރާލީ ކީއްވެގެންތޯ؟ އެހާ ފަސޭހައިން ރައީސްގެ މޮޓޯކޭޑަށް ހުރަސް އެޅުނީ ކީއްވެގެންތޯ؟ ހުރަސް އެޅީމާ ރައީސްގެ މޮޓޯކޭޑް ޖެހޭނީ އަނބުރާލައި ދާންތޯ؟ މިއީ ހައްތާވެސް ސުވާލެވެ.

ރައީސްގެ ސެކިއުރެޓީ ބެލެހެއްޓުމުގެ ޒިންމާ މަތިކޮށްފައިވަނީ ޑިފެންސް މިނިސްޓްރީގެ ބެލުމުގެ ދަށުން ހިންގާ މޯލްޑިވްސް ނެޝަނަލް ޑިފެންސް ފޯސް (އެމްއެންޑީއެފް) އަށެވެ. އެމްއެންޑީއެފުން ވަނީ ރައީސުލްޖުމްހޫރިއްޔާގެ ސެކިއުރެޓީ ކަންކަން ބެލެހެއްޓުމަށް ހާއްސަ ތަމްރީނުތަކެއް ލިބިގެންވާ ބޮޑީގާޑުންގެ ޓީމެއް ތަމްރީނުކޮށްފައެވެ. ރައީސްގެ ބޮޑީގާޑުންގެ ޓީމާއީ އެ މަނިކުފާނުގެ ސެކިއުރިޓީ ކަންކަން ވަރަށް ގާތުން އެނގިވަޑައިގަންނަވާ، އެމްއެންޑީއެފްގެ އިސް ބޭފުޅަކު "ވަން" އަށް މިރޭ ވިދާޅުވީ ފެންނަ ފެނުމަށް ރައީސްގެ ސެކިއުރިޓީ މަތި ނަމަވެސް ބްރީޗު ކޮށްލެވޭނެ ޕޮއިންޓުތަކެއް ހުންނަ ކަމަށެވެ.

"ބްރީޗިން ޕޮއިންޓަކީ ރައީސްގެ ފަރާތުން އަންނަ ޕޮއިންޓަކަށްވެސް ވެދާނެ. މިސާލަކަށް ރައީސް ތަނަކަށް ވަޑައިގަންނަވާއިރު ސެކިއުރިޓީ ޓީމުން އިން ޑެޕްތު އެނަލިސިސްއެއް އެބަހަދާ، ރައީސް ދަތުރުކުރައްވާނެ މަގުތަކާއި ޓްރެފިކް ފްލޯއާއި ވީކް ޕޮއިންޓްސް. އެ މަގުގައި މުޒާހަރާކުރަމުންދާކަން އެ މަގުން ދަތުރުކުރައްވައިފިނަމަ މިކަން މިހެން ހިނގާނެކަން ނޭނގި ނުދާނެ. އެއީ ޔަގީން ކަމެއް. އެހެންވީމާ އެ މަގުން ދަތުރުކުރުން މިއީ ފުރަތަމަ ގޯސް" އޭނާ ވިދާޅުވިއެވެ.

އޭނާ ވިދާޅުވީ ރައީސްގެ މޮޓޯކޭޑުގެ ކުރީގައި ސައިކަލުގައި ފުލުހުން ތިބޭއިރު އެ މީހުންނަށް ބަޔަކު މީހުން އެއްވެ މުޒާހަރާކުރަމުންދާތަން ފެންނާނެ ކަމަށެވެ. އެ ހިސާބުން ފުލުހުން ސެކިއުރެޓީ ކޯޑިނޭޓަރަށް އަންގައި ދަތުރު އަނބުރާލަން ޖެހޭނެ ކަމަށް އޭނާ ވިދާޅުވިއެވެ. މުޒާހަރާއަކީ ހޫނު މާހައުލަކަށްވާއިރު، އެތަނުގެ ތެރެއަށް ރައީސްގެ މޮޓޯކޭޑް ދިމާކޮށްގެން ނުވާނެ ކަމަށްވެސް ވިދާޅުވިއެވެ.

"އެކަމަކު މިވީ ކިހިނެއް. މުޒާހަރާ ތެރެއަށް ވަންނަން މިދިޔައީ. މިއީ އަސްލު ވަރަށް ބޮޑަށް ތުރެޓެއް. އެއީ ފެންނަ ފެނުމުގައި މުޒާހަރާކަށްވިޔަސް އެމްއެންޑީއެފުން ތިބޭނީ ވޯސްޓް ކޭސް ސިނާރިއޯއަށް ރެޑީއަށް. މި ދެންނެވީ އެތަނުގަ ހުރެދާނެ ދޯހަމަ ރައީސަށް ހަމަލާދިނުމުގެ ނިޔަތުގައި ރެޑީވެގެން ހުރި މީހެއްވެސް. އެހެންވީމާ އަސްލު މިކަން މިދިޔައީ ވަރަށް ގޯސްކޮށް. ދައުލަތުގެ އެންމެ މަތީ ވެރިޔާ ނުރައްކަލަށް މި ވައްޓާލެވުނީ، ހަމަ ސީދާ ސަލާމަތީ ހިދުމަތްތަކުގެ ފަރުވާކުޑަކަމުން. މޮޓޯކޭޑަށް ހުރަސް އެޅުނީ މޮޓޯކޭޑަށް ހުރަސްއެޅޭ ހިސާބަށް ދިޔައީމަ. އެހެންވެ އެހާ އީޒީކޮށް އެކަން އެދިޔައީ" އޭނާ ވިދާޅުވިއެވެ.

މުޒާހަރާގެ ބައިވެރިން ރައީސްގެ ކާރުކޮޅާ ކައިރިވާން މަސައްކަތް ކުރިއިރުވެސް ކާރުކޮޅު ކައިރީގައި ސެކިއުރިޓީ އޮންނަން ޖެހޭ ވަރަށް ނެތްކަމަށް އޭނާ ވިދާޅުވިއެވެ. "މިއީ ރާއްޖޭގައި މިފަދަކަމެއް ހިނގި ފުރަތަމަ ފަހަރު، އެކަމަކު މިކަހަލަ ސެޓަކަށް" ބޮޑީގާޑުން ތައްޔާރުކޮށްފައި ތިބޭނެ ކަމަށާއި އެހެންކަމުން އެފަދަ ހާދިސާއެއްގެ ތެރެއިން ކަންކަން ކުރަންވީ ގޮތް ބޮޑީގާޑުންނަށް އެނގޭނެކަމަށް އޭނާ ވިދާޅުވިއެވެ.

"ޔުނިވާސަލީވެސް އެންމެ ބެސްޓް ޕްރެކްޓިސް އަދި އެންމެ އިފްކްޓިވް އަދި އެންމެ ބޮޑަށް އެންކަރޭޖްކުރާނެ މެތަޑަކީ އެފަދަ ހާދިސާއެއް ދިމާވުމުން އަނބުރާލާފައި ދިއުން. އެކަން އެގޮތަށްކުރި. އެކަމަކު އެކަން ކުރެވުނީ އެ ވަގުތު އެ މަގުގެ ޓްރެފިކް އޮތްގޮތުން ފުދޭ ވަރަކަށް ލަހުން. އިމިޑިއެޓްލީ މޮޓޯކޭޑް ވަށާލާން ޖެހޭނެ. މުޒާހަރާގެ ބައިވެރިން ހުރަސް އަޅަން އަންނަތަން ފެނުމާއެކު އިމިޑިއެޓް އެކްޝަން ޕްލޭ ވާން ޖެހޭނެ" އޭނާ ވިދާޅުވިއެވެ.

މީގެ އިތުރުންވެސް އޭނާ ވިދާޅުވީ ރައީސްގެ ސެކިއުރިޓީ މީގެ ކުރިންވެސް އާންމުކޮށް ބްރީޗުވާ ކަމަށާއި އެކަންކަން ޕަބްލިކަށް ނޭނގި އޮންނާތީ ސޯޝަލް މީޑިއާގައި އެ މައްސަލަތަކުގެ ކޮންވަޒޭޝަން ޓޮޕިކެއް ނޯންނަ ކަމަށެވެ. އޭނާ ވިދާޅުވީ ރައީސަށް އެންމެ ބޮޑަށް ތުރެޓް (ނުރައްކާ) ބޮޑުވަނީ ރަށްރަށަށް ވަޑައިގަންނަވާއިރު ކަމަށެވެ.

އެގޮތުން ރައީސް ރަށަކަށް ވަޑައިގެން މީހުންނާ ބައްދަލުކުރައްވައި ސަލާން ކުރައްވާއިރު ބައެއް ފަރާތްތަކުން ސެކިއުރިޓީއަށްވުރެ ކުރިއަށް އަރައި ސަލާންކޮށް ރައީސާ ބައްދައި ހަދާކަމަށް އޭނާ ވިދާޅުވިއެވެ.

"އެކަހަލަ ވަގުތެއްގައި ރައީސް އެބަ އިޝާރާތެއް ކުރައްވާ އެ އޯކޭވާނެކަމަށް. އަސްލު އޯކޭއެއް ނުވާނެ ދެއްތޯ. އެކަމަކު ޕޮލިޓިކަލް އިމޭޖް ހިފަހައްޓަން ހަދައިގެން އެހެން އެވަނީ. މިސާލަކަށް ބޮޑީގާޑަށް ކުރިއަށް އަސްލު ނޭރޭނެ. އެގޮތަށް އަރާ މީހާކާ ރައީސާ ދެމެދު ހުރަހެއް ނެތް. ސަލާމަތީ ޑިސްޓެންސް އެބަ ގެއްލޭ" އޭނާ ވިދާޅުވިއެވެ.

ރައީސްގެ ސެކިއުރެޓީ ބްރީޗުވުމާ ގުޅިގެން ރައްޔިތުން މަޖިލީހުގެ ބައެއް މެންބަރުން "ވަން" އަށް ވިދާޅުވީ ރޭ ހިނގި ހާދިސާއަކީ ހިނގައިގެންވާނެ ހާދިސާއެއް ނޫން ކަމަށެވެ. މަޖިލީހުގެ ރައީސް، ކުރީގެ ރައީސް މުހައްމަދު ނަޝީދު އަވަހާރަކޮށްލަން ދިން ހަމަލާއާ ގުޅިގެން ތައްޔާރުކުރި ރިޕޯޓުގައިވެސް ސެކިއުރިޓީ ބްރީޗުތައް ފާހަގަކޮށްފައިވާނެކަމަށް މެންބަރުން ވިދާޅުވިއެވެ.

"ރިޕޯޓުގައި ފާހަގަކޮށްފައިވާ ކަންކަން އިސްލާހުކޮށްފައިވާ ކަމަށް ސަރުކާރުން ބުނި، އެކަމަކު ނުވެ ހުރީމާ މިކަހަލަ ކަމެއް މި ހިނގީ" މަޖިލީހުގެ އުނގޫފާރު ދާއިރާގެ މެންބަރު މުހައްމަދު ވަހީދު ވިދާޅުވިއެވެ.

ޕީޕީއެމްގެ ނައިބު ރައީސް، މަޖިލީހުގެ ނައިފަރު ދާއިރާގެ މެންބަރު އަހްމަދު ސިޔާމް ވިދާޅުވީ ރޭ ފެނިގެން ދިޔައީ ވަރަށް ކަންބޮޑުވާފަދަ ކަމެއް ކަމަށާއި އެފަދަ އެއްވެސް ކަމަކަށް ހިތްވަރު ނުދެއްވާނެ ކަމަށެވެ. ސިޔާމް ވިދާޅުވީ ރައީސްގެ ސެކިއުރިޓީ އެހާ ފަސޭހައިން ފޫއަޅުވައިލެވޭ ގޮތަށް ހުރުންވެސް ބަލައިނުގަންނާނެ ކަމަށެވެ.

މޮޓޯކޭޑަށް ހުރަސްއެޅި މައްސަލައިގައި ފުލުހުން ވަނީ ހަތަރު މީހަކު ހައްޔަރުކޮށްފައެވެ. އެމްއެންޑީއެފުން ވަނީ އެ މޮޓޯކޭޑަށް ހުރަސްއެޅި މައްސަލަ ތަހުގީގުކުރަން ހާއްސަ ކޮމިޓީއެއް އުފައްދައިފައެވެ. އަދި ވަނީ ޕްރެޒިޑެންސަލް ގާޑްސްގެ ކޮމާންޑިން އޮފިސަރުގެ މަގާމުގައި ހުންނެވި ކާނަލް އަބްދުالله އިބްރާހިމް މަގާމުގެ މަސްއޫލިއްޔަތާއި ޒިންމާތަކުން އެކަހެރިކޮށް، އެ މަސްއޫލިއްޔަތުތައް ވަގުތީ ގޮތުން ހިންގެވުން މޭޖަރު އިބްރާހިމް ހަލީމްއާ ހަވާލު ކޮށްފައެވެ. މަޖިލިސްގެ 241 ކޮމެޓީން ވެސް ވަނީ މި މައްސަލަ ބަލަން ފަށައިފިއެވެ. ރައީސުލްޖުމްހޫރިއްޔާގެ ސެކިއުރިޓީ މިގޮތަށް ފޫއަޅުވައިލެވުމަކީ އާދައިގެ ކަމެއް ނޫނެވެ. ސީރިއަސް މައްސަލައެކެވެ.

ކޮމެންޓްސް އެބަހުރި، ކިޔާލަން ބޭނުންތަ؟