އިދިކޮޅު ޕީޕީއެމް/ޕީއެންސީ ކޯލިޝަނުން ސިްލސިލާކޮށް ކުރިއަށް ގެންދާ މުޒާހަރާތަކުގެ ތެރެއިން، ރޭ ބޭއްވި މުޒާހަރާއިން 17 މީހަކު ހައްޔަރުކޮށްފައިވާ ކަމަށް ފުލުހުން ބުނެފިއެވެ.

ފުލުހުންގެ މީޑިއާއިން "ވަން" އަށް މިއަދު ބުނީ ރޭގެ މުޒާހަރާއިން 8 ފިރިހެނުންނާއި 9 އަންހެނަކު ހައްޔަރުކޮށްފައިވާ ކަމަށެވެ. މިމީހުން ހައްޔަރުކޮށްފައިވަނީ ފުލުހުންގެ ވާޖިބު އަދާކުރުމާއި ގާނޫނު ހިންގަން ހުރަސް އަޅާފައިވާތީ ކަމަށްވެސް ބުންޏެވެ.

ފުލުހުން ބުނީ މި މީހުންގެ ބަންދާމެދު އަދި ވަކި ގޮތެއް ނުނިންމާ ކަމަށާއި އެމީހުން އަދިވެސް ތިބީ ފުލުހުންގެ ބެލުމުގެ ދަށުގައި ކަމަށެވެ.

ސިލްސިލާކޮށް ބާއްވާ މުޒާހަރާގެ ބައިވެރިން ގޮވަމުންދަނީ ރައީސް ޔާމީން މިހާރުން މިހާރަށް ދޫކޮށްލުމަށެވެ. ރައީސް ޔާމީނަށް ކޮށްފައިވަނީ "ހަރާން ހުކުމެއް" ކަމަށްބުނެ އެ ހުކުމް ބާތިލުކުރުމަށް މުޒާހަރާގެ ބައިވެރިން ދަނީ ގޮވަމުންނެވެ.

މުޒާހަރާތަކުން ކޮންމެ ރެއަކުވެސް މީހުން ހައްޔަރުކުރެއެވެ. ނަމަވެސް ބައެއް މީހުން ކޯޓަށް ނުގެންގޮސް ދޫކޮށްލާއިރު އަނެއްބައި މީހުން ބަންދާމެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރުކުރުމުން ޝަރުތުތަކަކަށްފަހު ދޫކޮށްލައެވެ.