ބޮޑުތަކުރުފާނު މަގުން، ޕީޕީއެމްގެ އޮފީސް ކައިރިން ރައީސް އިބްރާހީމް މުހައްމަދު ސޯލިހު މޮޓޯކޭޑްގައި ދަތުރުކުރައްވަމުން ގެންދަވަނިކޮށް، އެ ސަރަހައްދުގައި އެވަގުތު މުޒާހަރާ ކުރަމުންދިޔަ ޕީޕީއެމް/ޕީއެންސީ ކޯލިޝަންގެ ބައިވެރިން، ރައީސްގެ މޮޓޯކޭޑަށް ހުރަސް އަޅައިފިއެވެ.
ރައީސްގެ މޮޓޯކޭޑަށް ހުރަސްއަޅާފައި މިވަނީ ބައިނަލްއަގުވާމީ އަންހެނުންގެ ދުވަހުގެ މުނާސަބަތުގައި މިރޭ އުމަރު ޒާހިރު އޮފީސް އިމާރާތުގައި ބޭއްވި ޖަލްސާ ޝަރަފުވެރިކޮށްދެއްވުމަށްފަހު މާލެ ވަޑައިގެން ބޮޑުތަކުރުފާނު މަގުން ދަތުރު ކުރަމުން ގެންދަނިކޮށެވެ.
ރައީސްގެ މޮޓޯކޭޑު ދަތުރުކުރަމުން ދިޔަ ބޮޑުތަކުރުފާނު މަގުގައި ހުންނަ ޕީޕީއެމް އޮފީސް ކުރިމަތީގައި ކޮންމެ ރެއަކު ޕީޕީއެމް/ޕީއެންސީން އެ ކޯލިޝަންގެ ލީޑަރު، ކުރީގެ ރައީސް އަބްދުﷲ ޔާމީން މިނިވަންކުރުމަށް ގޮވާލައި ސިލްސިލާކޮށް މުޒާހަރާތައް ކުރިއަށް ގެންދެއެވެ.
ރައީސްގެ މޮޓޯކޭޑަށް މުޒާހަރާގެ ބައިވެރިން ހުރަސް އަޅާ ވީޑިއޯއެއް ވަނީ ސޯޝަލް މީޑިއާގައި އާންމުކޮށްފައެވެ. އެ ވީޑިއޯއިން ފެންނަ ގޮތުގައި ރައީސްގެ މޮޓޯކޭޑު ޗީބޯ ރެސްޓޯރެންޓާ އަރައި ހަމަވި ވަގުތު މުޒާހަރާގެ ބައިވެރިން ވަނީ މޮޓޯކޭޑް ކުރިމައްޗަށް އަރައި ޕީޕީއެމްގެ ދިދަށް ވިހުރުވަން ފަށައިފައެވެ. މޮޓޯކޭޑަށް ހުރަސް އެޅުމާއެކު އެމްއެންޑީއެފްގެ ސްޕެޝަލް ފޯސްގެ ސިފައިން ވަނީ ހަތިޔާރާއެކު މުޒާހަރާގެ ބައިވެރިންގެ ކުރިމައްޗަށް ނުކުމެފައެވެ. އެ މީހުންނާއެކު ފުލުހުންނާއި ރައީސްގެ ބޮޑީގަޑުންވެސް ހަރަކާތްތެރިވިއެވެ.
މުޒާހަރާގެ ބައިވެރިން ރައީސްގެ ކާރުކޮޅު ކައިރިއަށް ދިޔުމަށް މަސައްކަތް ކުރަމުން، އެސްއޯ ފުލުހުންނާއި ސިފައިން ވަނީ އެމީހުން އެ ސަރަހައްދުން ދުރަށް ޖައްސައިފައެވެ. ފަހުން ޕީޕީއެމް އޮފީސް ކުރިމަތީގައި ތިބި މުޒާހަރާގެ ބައިވެރިން ވެސް މޮޓޯކޭޑްއާ ދިމާލަށް ދިއުމަށް މަސައްކަތް ކުރިއެވެ. ނަމަވެސް ފުލުހުން ވަނީ އެމީހުންނަށް ހުރަސް އަރައިފައެވެ. އަދި ފުލުހުން ވަނީ ބައެއް މީހުން ހައްޔަރުވެސް ކޮށްފައެވެ.
މުޒާހަރާގެ ބައިވެރިން މޮޓޯކޭޑަށް ހުރަސް އެޅުމުން، ރައީސްގެ ކާރުކޮޅު ވަނީ އަނބުރާލާފައި، އެސަރަހައްދުން ގޮސްފައެވެ. އެއިރުވެސް މުޒާހަރާގެ ބައިވެރިން ދިޔައީ ރައީސްގެ ކާރުކޮޅު ކައިރިއަށް ދިޔުމަށް މަސައްކަތް ކުރަމުންނެވެ.
ރައީސްގެ މޮޓޯކޭޑަށް ހުރަސްއެޅި މައްސަލައިގައި ފުލުހުންގެ ބަހެއް ހޯދުމަށް ގުޅައި މެސެޖުކުރުމުންވެސް ޖަވާބު ދީފައެއް ނުވެއެވެ.