ސްކޭމް ކޯލްތައް މެދުވެރިކޮށް ބޭންކު އެކައުންޓްތަކުން ފައިސާ ފޭރޭ މައްސަލަ ބޮޑުވެފައިވާ އިރު، ދެ ބިދޭސީންގެ ނަން މަތީ 24،000 ސިމް އަދި 12 ބިދޭސީއެއްގެ ނަންމަތީ ދިރާގުގެ 38،000 ސިމެއް ނަގާފައިވާކަން ފާހަގަކޮށް، ކަމާބެހޭ މުއައްސަސާތަކަށް ރައްޔިތުންގެ މަޖިލީހުގެ ސްޓޭޓް އޯންޑް އެންޓަޕްރައިޒަސް (އެސްއޯއީ) ކޮމެޓީން ބުނެފިއެވެ.
ސްކޭމްތަކުގައި ބޭންކް އޮފް މޯލްޑިވްސް (ބޯއެމްއެލް) ގެ އެކައުންޓްތަކުން ފޭރޭ މައްސަލައިގައި މިއަދު ބޭއްވި އެސްއޯއީ ކޮމިޓީގެ ބައްދަލުވުމުގައި ވަނީ އެ މައްސަލައިގައި ފުލުހުންނާއި އެމްއެމްއޭ އާއި ބީއެމްއެލް އިން ފާހަގަކުރި މައްސަލަތަކާ ގުޅޭ ގޮތުން މެމްބަރުން މަޝްވަރާ ކޮށްފައެވެ.
އެ މަޝްވަރާ ތަކުގައި ކޮމިއުނިކޭޝަން އޮތޯރިޓީ އާއި ހޯމް މިިނިސްޓްރީއަށް، ކޮމިޓީ މެމްބަރުން ވަނީ ވަރަށް ބޮޑަށް ފާޑޫ ވިދާޅުވެފައެވެ.
އެެސްއޯއީ ކޮމިޓީގެ މުގައްރިރު ހުޅުދޫ ދާއިރާގެ މެމްބަރު އިލިޔާސް ލަބީބު ވިދާޅުވީ، ޖަލުގައި ތިބޭ ގައިދީން ފޯނު ބޭނުންކޮށްގެން ސްކޭމު ކޯލުތައް ކުރާ މައްސަލަ ހައްލު ކުރުމަށް މާފުށީ ޖަލުގައި އެންޓަނާއެއް ޖެހުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށް ކަރެކްޝަންސް އިން ބުނާ އިރު، އެންޓަނާއެއް ޖެހުމުގެ ބަދަލުގައި، ޖަލަށް ފޯނު ވެއްދުން ހުއްޓުވުން މާ މުހިއްމު ކަމަށެވެ.
ކެޔޮދޫ ދާއިރާގެ މެމްބަރު ހުސައިން ގާސިމް ވިދާޅުވީ، ސްކޭމު ކޯލުތައް ގިނަ އިރު، އެކަކުގެ ނަމުގައި ބައިވަރު ސިމްތަކެއް ދޫކޮށްފައިވާކަން ފުލުހުންނަށްވެސް ވެސް އެނގޭ ކަމަށެވެ.
އެކަކުގެ ނަމުގައި ގިނަ ސިމް ކާޑުތަކެއް ދޫކުރާ އިރު، އެކަމަށް ހާއްސަ އުސޫލެއް ނޯންނަ ކަމަށާއި އެފަދަ ސިމްތައް ބޭނުންކޮށްގެން ކުށްތަކަށް އަރައިގަން އިރު، އެކަން ހުއްޓުވޭނެ ގާނޫނެއް ނުވަތަ ގަވައިދެއް ނެތް ކަމަށްވެސް ބައެއް މެމްބަރުން ވިދާޅުވިއެވެ.
އިލްޔާސް ލަބީބު ވިދާޅުވީ، އެ ކޮމިޓީއަށް ފުލުހުން ފޮނުވި ރިޕޯޓުގައި ފާހަގަކޮށްފައިވާ އެންމެ ބޮޑު އެއް މައްސަލައަކީ އެކެއްގެ ނަން މަތީ ގިނަ އަދަދެއްގެ ސިމް ބޭނުންކުރާ މައްސަލަ ކަމަށެވެ.
ފުލުހުންގެ ރިޕޯޓުގައި އެކެއްގެ ނަން މަތީ 800 އަށް ވުރެ ގިނަ ސިމް ނަގާފައިވާ މައްސަލައަކާއި ދެ ބިދޭސީންގެ ނަން މަތީ 24،000 ސިމް ނެގި މައްސަލައަކާއި 12 ބިދޭސީއެއްގެ ނަންމަތީ ދިރާގުގެ 38،000 ސިމެއް ނެގި މައްސަލަ ހިމެނޭ ކަމަށްވެސް ވިދާޅުވިއެވެ.
ނަމަވެސް ކަމާބެހޭ ފަރާތްތަކަށް ކަންކަން ނުހުއްޓުވޭ ކަމަށްވެސް އޭނާ ވިދާޅުވިއެވެ.
ޚަބަރު
ޚަބަރު
ޚަބަރު