މޯލްޑިވްސް މާކެޓިން އެންޑް ޕަބްލިކް ރިލޭޝަންސް ކޯޕަރޭޝަން (އެމްއެމްޕީއާރްސީ) މެދުވެރިކޮށް ހިންގި ބޮޑު ހިޔާނާތާ ގުޅިގެން އެންޓިކޮރަޕްޝަން ކޮމިޝަން (އޭސީސީން) މިހާތަނަށް ތަހުގީގުކޮށް ނިންމި 25 މައްސަލައިގައި ދައުލަތަށް 287.3 މިލިޔަން ރުފިޔާ ލިބެންޖެހޭ ކަމަށް އެ ކޮމިޝަނުން ބުނެފިއެވެ.
ރައްޔިތުންގެ މަޖިލީހުގެ މިނިވަން މުއައްސަސާތަކުގެ ކޮމިޓީގެ މިއަދުގެ ބައްދަލުވުމުގައި އެ މައުލޫމާތު ހިއްސާ ކުރައްވަމުން އޭސީސީގެ ރައީސް އާދަމް ޝާމިލް ވިދާޅުވީ، ހުސްވި އަހަރު އެ ކޮމިޝަންގެ މަސައްކަތްތަކުން އެކަށީގެންވާ ރަނގަޅު ނަތީޖާއެއް ހޯދިފައިވާ ކަމަށެވެ.
ކޮމިޝަންގެ މަސައްކަތްތައް ބޮޑަށް އަމާޒުކޮށްފައި ވަނީ އެމްއެމްޕީއާރުސީގެ ބޮޑު ހިޔާނާތް ތަހުގީގު ކުރުމަށްކަން ފާހަގަކުރައްވައި، ޝާމިލް ވިދާޅުވީ އެމްއެމްޕީއާރުސީގެ ކޮރަޕްޝަނާ ގުޅުން އޮތް 13 މައްސަލައެއް ހުސްވި އަހަރު ބަލައި ނިންމާފައިވާ ކަމަށެވެ.
އަދި ދައުވާ ކުރުމަށް އެދި ބައެއް މައްސަލަތައް ޕްރޮސިކިއުޓާ ޖެނެރަލް (ޕީޖީ) އަށް ފޮނުވާފައިވާ ކަމަށާއި އަދި 12 މައްސަލަ ނިމުމުގެ މަގުމަތީގައި، ކުރިއަށް އޮތް ބައްދަލުވުންތަކަށް ޝެޑިއުލްކުރަން ޕެންޑިންގައި އެބައޮތް ކަމަށެވެ. އޭގެ އިތުރުން ޑިއުޓީ މަރުހަލާގައި އަށް މައްސަލައަކާމެދު މަޝްވަރާ ކުރެވެމުންދާ ކަމަށްވެސް ވިދާޅުވިއެވެ.
މިހާތަނަށް ތަހުގީގު ނިމުނު މައްސަލަތަކުގައި 16.1 މިލިޔަން ޑޮލަރާއި 38.2 މިލިއަން ރުފިޔާ ދައުލަތަށް އަނބުރާ ލިބެންޖެހޭ ކަމަށް އޭސީސީގެ ރައީސް ވިދާޅުވިއެވެ.
މިފައިސާތަކާއެކު މިހާތަނަށް ތަހުގީގު ނިންމި 25 މައްސަލައިގައި ޖުމްލަ 278 މިލިޔަން ރުފިޔާ ދައުލަތަށް ލިބެންޖެހޭ ކަމަށްވެސް ޝާމިލް ވިދާޅުވިއެވެ.
ނިމުނު ބައެއް މައްސަލަތަކުގައި 16.1 މިލިޔަން ޑޮލަރާއި 38.2 މިލިޔަން ރުފިޔާ ދައުލަތަށް އަނބުރާ ލިބެންޖެހޭ ކަމާއި ބައެއް ފައިސާ ހޯދުމަށް ކަމާބެހޭ ފަރާތްތަކުގައި އެދިފައިވާ ކަމަށްވެސް ވިދާޅުވިއެވެ.
ޝާމިލް ވިދާޅުވީ އެމްއެމްޕިއާރްސީގެ ބޮޑު ހިޔާނާތާ ގުޅޭ 56 މައްސަލައެއް މިހާރުވެސް ބަލަމުންދާ ކަމަށެވެ.
ޚަބަރު
ޚަބަރު
ޚަބަރު