ރައީސް އިބްރާހިމް މުހައްމަދު ސޯލިހު، "ހިޔާ ރައްޔިތުންގެ ގުޅުން" ޖަމިއްޔާއާ މިއަދު ބައްދަލުކުރައްވައި ހިޔާ ފްލެޓްތަކުގެ ކުލި ކުޑަކުރުމާ ގުޅޭ ގޮތުން އެ ޖަމިއްޔާގެ އިސް މެމްބަރުންނާ މަޝްވަރާ ކުރައްވައިފިއެވެ.
ރައީސް އޮފީހުގައި މިއަދު ބޭއްވި އެ ބައްދަލުވުމުގެ މައުލޫމާތު ދެމުން "ހިޔާ ރައްޔިތުންގެ ގުޅުން" ޖަމިއްޔާގެ ސުޕަ އެޑްމިން އަލީ ރިފާއު "ވަން" އަށް މިއަދު ބުނީ އެ ބައްދަލުވުމުގައި ރައީސް ސޯލިހަށް ހުށަހެޅި މައިގަނޑު ކަންބޮޑުވުމަކީ ހިޔާ ފުލެޓުތަކުގެ ކުލި ބޮޑުވުން ކަމަށެވެ. އެ ހުށަހެޅުމަށް ރައީސްގެ ފަރާތުން ވަރަށް އެދެވޭ ޖަވާބެއް ލިބުނު ކަމަށް އޭނާ ބުންޏެވެ.
ރިފާއު ބުނީ ހިޔާ ފްލެޓްތަކުގެ ކުލިތައް ކުޑަކުރުމަށް ރައީސް ތިން ހުށަހެޅުމެއް ހުށަހެޅުއްވި ކަމަށެވެ.
އެގޮތުން "ބޭންކުތަކުން ނަގާފައިވާ ލޯނުތަކުގެ ޑިއުރޭޝަން ފަސް އަހަރު. އެ ފަސް އަހަރަށް ކުލި ކުޑަކޮށްދިނުން. އަނެއް އޮޕްޝަނަކީ ކުލި ކުޑަކުރަން އެ ހާލަތު ހުރި ބޭފުޅުންނަށް ކުލި ކުޑަކޮށްދިނުން،. ތިން ވަނަ އޮޕްޝަނަކަށް ވިދާޅުވީ ދައުލަތުން ލޯނު ނެގީ 25 އަހަރުން ދައްކާ ގޮތަށޭ. އެހެންވީމާ 30 އަހަރަށް ލޯނު ދަންމާލުމަށްފަހު ދައުލަތުން ކުޑަ ބާޑެންއެއް ނަގާފައި ހުރިހާ އެންމެންނަށް ހަމަހަމަކޮށް ކުލި ކުޑަ ކޮށްދިނުން،" ކަމަށް ރިފާއު ބުންޏެވެ.
"ދެން އެއްސެވި ކޮން ގޮތެއްތޯ ބޭނުންވަނީ. އަޅުގަނޑުމެން ދެންނެވިން ސޯޝަލް ހައުސިންގެ ގޮތުގައި ދައުލަތުން ކަނޑައަޅާފައިވުމުގެ ސަބަބުން ކުލި ކުޑަކުރެވޭނީ ހުރިހާ މިހުންނަށް ހަމަހަމަ ގޮތުގައޭ،" ރިފާއު ބުންޏެވެ.
ރިފާއު ބުނީ ސަރުކާރުން ހިޔާ ފުލެޓުގެ ކުއްޔާ މެދު ގޮތެއް ނިންމާނީ އިކޮނޮމިކް ކައުންސިލްގެ މަޝްވަރާއަށްފަހު ޖަމިއްޔާގެ މެމްބަރުންނާ ބައްދަލުކުރެއްވުމަށްފަހު ކަމަށް ރައީސް ވިދާޅުވި ކަމަށެވެ.
ހިޔާ ފުލެޓުގައި ދިރިއުޅޭ ރައްޔިތުންގެ ދިރިއުޅުމުގެ ހާލަތު ދެނެގަތުމަށް ކުރަމުން އަންނަ ސާވޭގެ ނަތީޖާއަށް ބެލުމަށްފަހު، ފުލެޓުތަކުގެ ކުލި ކުޑަކުރަން ހާއްސަ ކޮމިޓީއަކުން މަޝްވަރާކުރާނެ ކަމަށް ވެސް ރައީސް ވިދާޅުވި ކަމަށް ރިފާއު ބުންޏެވެ.
"ހުރިހާ ހުށަހެޅުމަކަށް ރައީސް ޖަވާބު ދެއްވީ ވަރަށް ޕޮޒިޓިވްކޮށް" އޭނާ ބުންޏެވެ.
ހިޔާ މަޝްރޫގެ ދަށުން 7،000 ފްލެޓް ގާއިމުކޮށްފައިވެއެވެ. އެއީ އެއީ 25 ބުރީގެ 16 ޓަވަރެވެ. ހިޔާ ފުލެޓުގެ ކުލީގެ ގޮތުގައި މިހާރު ދައްކަން ޖެހެނީ 8،500 ރުފިޔާއެވެ. ނަމަވެސް އެއީ ބޮޑު އަދަދެއް ކަމަށް ބުނެ ކުލީގެ އަގު 5،000 ރުފިޔާ ކުޑަކޮށްދިނުމަށް ގޮވާލައި ވަނީ އެއްވުންތައް ބާއްވައިފައެވެ.