ގޯލްޑަން ފުޓްސަލް ޗެލެންޖް

ގަމާއި ވާދޫ ރަށުގެ ތާރީޚު ލިޔެލުމަށް، އަމާޒު ރާއްޖޭގެ އެންމެބޮޑު ފުޓްސަލް މުބާރާތުގެ ޝަރަފުވެރި ތައްޓަށް

މުޙައްމަދު ޝަމްޢޫން

ރާއްޖޭގެ އެކި ކަންކޮޅުތަކުން 102 ޓީމަކުން ވާދަކޮށް، ގަދަ ދެޓީމާ ހަމައަށް އަތުވެއްޖެއެވެ. ސޮނީ ސްޕޯޓްސް ގޯލްޑަން ފުޓްސަލް ޗެލެންޖް 2023 ގެ ފައިނަލް މެޗަށް ވަގުތު ކުޑަތަންވެއްޖެއެވެ. އެއް ޒޯނެއްގެ ދެޓީމެވެ. ލ. ގަމާއި ގދ. ވާދޫ މިރޭ ނުކުންނާނީ މުބާރާތުގެ ތާރީހުގައި ރަން އަކުރުން ރަށުގެ ނަން ލިޔެލުމަށެވެ. ރާއްޖޭގެ ފުޓްސަލް ޗެމްޕިއަނުންނަށް ވުމަށެވެ. ރަށުގެ، އަތޮޅުގެ ހުރިހާ ރައްޔިތުންގެ އުންމީދުތަކާ ގުޅިފައިވާ ފައިނަލް ފުރިހަމަވާނެކަން ޔަގީނެވެ. ސަޕޯޓަރުން އައިސް މުޅި ދަނޑު ފުރާލާނެކަންވެސް ޔަގީނެވެ. މުޅި ރާއްޖޭގެ ކަޅި، މިރޭގެ ފައިނަލަށް ހުއްޓޭނެކަމާ މެދުވެސް ސުވާލެއް ނެތެވެ.

ވާދޫގެ ސަޕޯޓަރުންނާއި ގަމުގެ ސަޕޯޓަރުން، ދިގު ދަތުރުތައް ކޮށް، މާލެ އައިސް މިރޭގެ ފައިނަލަށް ފުރިހަމައަށް ތައްޔާރުވެއްޖެއެވެ. އެތައް ދުވަހެއްގެ އިންތިޒާރުގެ ނިމުމަށް ތައްޔާރުވެއްޖެއެވެ. އެތައް މަސައްކަތެއްގެ ކާމިޔަބީ ހާސިލްކުރަން ދެޓީމަށްވެސް އޮތީ ޕްރެޝަރެވެ. ރައްޔިތުން އެދޭ އެދުން ހާސިލްކޮށްދޭން ޖެހޭތީ، ނަތީޖާއަށް އޮތް ޕްރެޝަރެވެ. ގައުމުގެ އެންމެންގެ ލޯތައް އަމާޒުވެފައިވާ ފައިނަލަކަށް ނުކުންނަން ޖެހޭތީ އޮތް ޕްރެޝަރެވެ. އެކަމަކު މިހާތަނަށް މުބާރާތުގައި ދެއްކި ކުޅުމުން، ދެޓީމުވެސް ތައްޔާރުކަން ވަރަށް ސާފެވެ.

"ސެމީގައި ފިޓްނަސް ހިފަހައްޓަން ގިނަ ކުޅުންތެރިން ކުރީން ބޭނުންވެސް ވި. އެކަން ކާމިޔާބުވެ ފައިނަލަށް ދެވުނީ. ކުރީން ގަމާ ކުޅުނު މެޗުތަކަށްވުރެ ކޮންމެ ގޮތަކުންވެސް ފައިނަލް އުނދަގޫވާނެ. ކޮންމެ ގޮތެއްވިޔަސް ގަމުގަ ތިބީ ވަރަށް މޮޅެތި ކުޅުންތެރިންތަކެއް. ކުރިން މެޗުތަކުގަ ގަމަށް އަހަރެމެން ބަލިކުރެވިފަ އޮތުމަކީ އެޓީމުން ފައިނަލް މެޗަށް އިތުރު ހިތްވަރެއް ލާނެ ކަމެއް. އެމީހުންވެސް ނުކުންނާނީ ތަށްޓަށް. އެކަމަކު ވާދޫވެސް މިއޮތީ ހަމަ ތަށި ހޯދަން،" ވާދޫގެ ކޯޗު އަލީ ނަދީމް (ކޮކޯ) ބުންޏެވެ.

ކޮކޯގެ ނަޒަރުގައި ވާދޫ، ރޫހުގައި ފައިނަލަށް ދިޔައީ ސަޕޯޓަރުންގެ ބުރަ މަސައްކަތުންނެވެ. އާބާދީގެ އަދަދަށް ނުބަލައި ސަޕޯޓަރުން ދެމުން އަންނަ ހިތްވަރު ކޮކޯ ފާހަގަކުރި އިރު، މުޅި ރަށް އެކުގައި އޮތް އޮތުމަށް އޭނާ ޝުކުރު އަދާކުރިއެވެ.

ނޮކްއައުޓް ބުރުގައި ގަމާއި ވާދޫން ނެރުނު ނަތީޖާތައް

ނޮކްއައުޓްގައި ވާދޫގެ ނަތީޖާތައް

  • ގަދަ 16: ގދ. ވާދޫ 3-0 އދ. މާމިގިލި
  • ކުއާޓާ ފައިނަލް: ގދ. ވާދޫ 4-1 މާފަންނު
  • ސެމީ ފައިނަލް: ގދ. ވާދޫ 9-8 ދ. ކުޑަހުވަދޫ (ޕެނަލްޓީ)

ނޮކްއައުޓްގައި ގަމުގެ ނަތީޖާތައް

  • ގަދަ 16: ލ. ގަން 3-2 މ. ދިއްގަރު
  • ކުއާޓާ ފައިނަލް: ލ. ގަން 5-4 ތ. ތިމަރަފުށި (ޕެނަލްޓީ)
  • ސެމީ ފައިނަލް: ރ. އިނގުރައިދޫ 1-4 ލ. ގަން

ވާދޫން މުޅިން އަލަށް މިފަހަރު ގޯލްޑަން ފުޓްސަލް ޗެލެންޖްގެ ސެމީގައިވެސް ކުޅުނު އިރު، ގަމުން މީގެ ކުރިން 2018 ވަނަ އަހަރު ގޯލްޑަން ފުޓްސަލް ޗެލެންޖްގެ ފައިނަލްގައި މާފަންނާ ދެކޮޅަށް ކުޅެ ބަލިވިއެވެ. ފައިނަލްގެ ތަޖުރިބާއެއް ގަމަށް އޮތް ނަމަވެސް، ކޯޗު އިސްމާއީލް ޝަރީފް (އިއްސެ)ގެ ނަޒަރުގައި ފައިނަލް ޗެލެންޖިން ވާނެއެވެ.

"ސެމީ މެޗުގަ އެންމެ މުހިއްމު ކަމަކަށްވީ ގޯލު ޕްރޮޓެކްޓުކުރުން. އިނގުރައިދޫގެ އެޓޭކް ހުއްޓުވަން ޕްލޭނެއް ހަދައި، ކައުންޓާގައި ގޯލު ޖަހަން ރޭވީވެސް. ޕްލޭން އޮތް ގޮތަށް އިރާދަކުރެއްވިއްޔާ ސެމީގަ މެޗު ދިޔައީ. ވަރަށް ކޮމްޕްލީޓް ގޭމެއް ކުޅެވުނީ. ފައިނަލަށް ވަރަށް ތަފާތުވާނެ. ކުރިން މި މުބާރާތުގަ ވާދޫއާ ދެކޮޅަށް ކުޅުނު މެޗުތަކަށްވުރެ ރަނގަޅުކޮށްގެން ފައިނަލަށް ނުކުންނަން ޖެހޭނީ. އެއީ ކުރިން ދެމެޗުގަވެސް ގަމަށް ވާދޫ ބަލިކުރެވިފަ ނުވާތީއާވެސް އެކު. އެހެންވީމާ އެކަމަށް ބަލައިގެން ނުކުންނާނީ،" އިއްސެ ބުންޏެވެ.

މިހާތަނަށް ގަމާއި ވާދޫ މިއަހަރުގެ ގޯލްޑަން ފުޓްސަލް ޗެލެންޖްގައި ވާދަކުރި ދެމެޗުގެ ތެރެއިން ޒޯން ފައިނަލުގައި ވާދޫން ގަން ބަލިކުރީ 3-1 ގެ ނަތީޖާއަކުންނެވެ. ޒޯން ބުރުގެ ލީގު ބުރުގައި ދެޓީމު އެއްވަރުވީ 2-2 ގެ ނަތީޖާއަކުންނެވެ.

ގޯލްޑަން ފުޓްސަލް ޗެލެންޖްގެ ކާމިޔާބު ހަ މުބާރާތެއްގައި މިހާތަނަށް ހަތަރު ޗެމްޕިއަނުން ފެނިފައިވެއެވެ. އެއީ ތިންފަހަރު މުބާރާތުގެ ތަށި ނެގި ތ. ތިމަރަފުއްޓާއި، ބ. ހިތާދޫގެ އިތުރުން މާލޭގެ މާފަންނާއި ހެންވޭރެވެ. އެ ތާރީހީ ލިސްޓަށް މިރޭ އާ ޓީމެއް އިތުރުވެގެންދާނެއެވެ. އާ ޗެމްޕިއަނެއްގެ ނަން ތަށީގައި ލިޔެވިގެންދާނެއެވެ. އާ "ކިންގް"އެއް ހޮވިގެންދާނެއެވެ. ފުޓްސަލްގެ އާ ރަސްގެފާނެއް މިރޭ ކަނޑައެޅޭނެއެވެ.

މިރޭގެ ފައިނަލް މެޗުގެ ހަރަކާތްތައް 8:30ގައި ފެށޭނެއެވެ. ހުޅުމާލޭ ރެހެންދި ދަނޑު އެކެއްގައެވެ.