އިނގިރޭސި ޕްރިމިއާ ލީގު

ޗެލްސީއާއި ސްޕާސްއަށްވެސް ޕޮއިންޓެއް

އިނގިރޭސި ޕްރިމިއާ ލީގުގައި ރޭ ކުޅުނު މެޗުތަކުގައި ޗެލްސީއާއި ޓޮޓެންހަމްހަމް ހޮޓްސްޕާސްވެސް އެއްވަރު ވެއްޖެއެވެ.

ޓޮޓެންހަމްއިން ރޭ ސައުތެމްޓަން ދަނޑުގައި ކުޅުނު މެޗުގައި އެޓީމާ އެއްވަރުވީ 3-3 ގެ ނަތީޖާއަކުންނެވެ. ޗެލްސީން އަމިއްލަ ދަނޑުގައި އެވަޓަން ކައިރިން އެއްވަރުވީ 2-2 ގެ ނަތީޖާއަކުންނެވެ. ރޭގެ ނަތީޖާއާއެކު އިންޓަނޭޝަނަލް ބްރޭކްގެ ކުރިން ދެޓީމަށްވެސް ކުރިމަތިވީ މާޔޫސްކަމާއެވެ. ހާއްސަކޮށް ދެޓީމުންވެސް ގަދަ ހަތަރަކަށް ކުރަމުން އަންނަ އުންމީދުތަކަށް ވަނީ އުނދަގޫތަކާ ކުރިމަތިވެފަވެ. ހާއްސަކޮށް ޗެލްސީއަށެވެ.

ޓޮޓެންހަމް މިވަގުތު ލީގު ތާވަލުގެ ހަތަރު ވަނައިގައި އޮތީ 28 މެޗުން 49 ޕޮއިންޓާ އެކުގައެވެ. ފަސްވަނައިގައި އޮތް ނިއުކާސަލް ޔުނައިޓެޑަށް 26 މެޗުން 47 ޕޮއިންޓް ލިބިފައިވާ އިރު، ހަވަނައިގައި ލިވަޕޫލް އޮތީ 26 މެޗުން 42 ޕޮއިންޓާ އެކުގައެވެ. ޗެލްސީ، ލީގުގެ 10 ވަނައިގައި އޮތީ 27 މެޗުން 38 ޕޮއިންޓާ އެކުގައެވެ.

ރޭ ޓޮޓެންހަމްއިން ކުޅުނު މެޗުގެ ފުރަތަމަ ހާފުގައި އެޓީމުން ލީޑު ނެގިއެވެ. ފުރަތަމަ ހާފު ނިމެން ދަނިކޮށް ޓޮޓެންހަމްއަށް ލީޑު ނަގައިދިނީ މިދިޔަ ޖެނުއަރީ ޓްރާންސްފާގައި ޓީމާ ގުޅުނު ޕެޑްރޯ ޕޯރޯއެވެ. ޓޮޓެންހަމްއިން ލީޑުގައި އޮވެ ފުރަތަމަ ހާފު ނިންމާލި ނަމަވެސް، ދެވަނަ ހާފު ފެށިގެން މާ ގިނައިރެއް ނުވެ ސައުތެމްޓަންއިން ނަތީޖާ ހަމަހަމަކުރިއެވެ.

އެ ގޯލު ޖެހީ ޗޭ އެޑަމްސްއެވެ. އެ ގޯލަށްފަހު ޓޮޓެންހަމްއިން ކުޅުން ރަނގަޅުކޮށް، 65 ވަނަ މިނެޓުގައި އަލުން މެޗުގެ ލީޑު ހޯދިއެވެ. އެ ގޯލު ހެރީ ކޭން ޖަހައިދިން އިރު، އޭގެ 10 މިނެޓް ފަހުން އިވާން ޕެރަސިޗް ވަނީ ޓޮޓެންހަމްގެ ލީޑު ފުޅާކޮށްދީފައެވެ. ދެ ގޯލުގެ ލީޑަކާއެކު ޓޮޓެންހަމްއަށް ތިން ޕޮއިންޓް ޔަގީންކުރެވު ކަމަށް ބަލައިގެން ތިއްބާ، 77 ވަނަ މިނެޓުގައި ގޯލު ޖަހައި ތިއޯ ވޮލްކޮޓް ވަނީ ނަތީޖާގެ ފަރަގު ކުޑަކޮށްފައެވެ.

މެޗުގެ ނަތީޖާ އެއްވަރުކުރި ގޯލު، ފަހު މިނެޓުގައި ސައުތެމްޓަންއަށް ޖަހައިދިނީ ޖޭމްސް ވޯޑް-ޕްރޯސްއެވެ.

ޓޮޓެންހަމްގެ ވާދަވެރި ޗެލްސީން ރޭ ކުޅުނު މެޗުގައި އެވަޓަން ކައިރިން އެއްވަރުވި އިރު، ޗެލްސީ މެޗު ފެށީ ވަރުގަދަ ކޮށެވެ. ކައި ހަވާޓްސްއާއި އެންޒޯ ފެނާންޑޭޒްގެ ފުރުސަތުތައް ފުރަތަމަ ހާފުގައި ފެނިގެން ގޮސްފައިވާ އިރު، ކެޕްޓަން ބޭންޑްގައި ކުޅުނު މަޓޭއޯ ކޮވަސިޗް ފޮނުވާލި ހަމަލާ ދިޔައީ ގޯލާ އަމާޒުނުވެ ބޭރަށެވެ.

ދެވަނަ ހާފަށް ނުކުމެ، 52 ވަނަ މިނެޓުގައި ޗެލްސީގެ ޖާއޯ ފެލިކްސް ލީޑު ނަގައިދިން އިރު، އެ ލީޑު ދަމަހައްޓަން ކޯޗު ގްރަހަމް ޕޮޓާ ޑިފެންސިވް ބަދަލުތައް ގެނައެވެ. އެހެން ނަމަވެސް ބަދަލުތައް ފެނުނީ އެންމެ ރަނގަޅަކަށް ނޫނެވެ. 69 ވަނަ މިނެޓުގައި އަބްދުﷲ ޑޮކޫރޭ އެވަޓަންއަށް ނަތީޖާ ހަމަހަމަ ކޮށްދިން އިރު، އެވަޓަން މެޗު ތެރެއަށް ވަނެވެ.

އެހެން ނަމަވެސް އޭގެ އިރުކޮޅެއް ފަހުން ޗެލްސީން އަނެއްކާވެސް ލީޑު ނެގިއެވެ. ކައި ހަވާޓްސްގެ ޕެނަލްޓީން ލީޑު ނަގައި ޗެލްސީން ޖެހިޖެހިގެން ލީގުގައި ދެވަނަ މޮޅަކާ ދިމާލަށް ދަނިކޮށް، އެވަޓަންއަށް ނަތީޖާ ހަމަހަމަކޮށްދިނީ އެލީސް ސިމްސްއެވެ.

ލީގުގައި ރޭ ކުުޅުނު އެހެން މެޗުތަކުގެ ނަތީޖާއަށް ބަލާއިރު، އެސްޓޮން ވިލާއިން ވަނީ 3-0 އިން ބޯންމައުތު ބަލިކޮށްފައެވެ. ބްރެންޓްފޯޑާއި ލެސްޓާ ސިޓީ 1-1 އިން އެއްވަރުވިއިރު، ލީޑްސް ޔުނައިޓެޑުން ވަނީ 4-2 އިން ވުލްވްސް ބަލިކޮށްފައެވެ.