ދިވެހި ރާއްޖޭގެ ފުޓްސަލްއިން ނެގޭނެ ފުރިހަމަ ދެ ނަމެކެވެ. ހުނަރުން، ސްޓައިލުން ތަފާތު ނަމަވެސް ކާމިޔާބީގައި ދާދި ހަމަހަމައެވެ. ރާއްޖޭގައި ބޭއްވި ބޮޑެތި ހުރިހާ މުބާރާތެއް ކަހަލަ ގޮތަކަށް އުފުލައިލައިފައިވާ ދެ ތަރީންނެވެ. އުފާވެރި އެތައް ވަގުތުތަކެއް ކެރިއަރުގައި ހޯދާފައިވާ ދެ ތަރިންނެވެ. އެތައް ޗެލެންޖްތަކެއް ކަޑައްތުކޮށް، އެތައް ބަޔަކަށް ހިތްވަރުވެސް ގެނެސްދިން ދެ ތަރިންނެވެ. ކެޕްޓަން ބޭންޑްގައި މިވަގުތު ތިބީ ރާއްޖޭގެ އެންމެ ބޮޑު ފުޓްސަލް މުބާރާތް، ސޮނީ ސްޕޯޓްސް ގޯލްޑަން ފުޓްސަލް ޗެލެންޖް 2023 ގެ ތަށި ރަށު ފަސްމައްޗަށް ގެންދަން ނުކުމެވެ. އިތުރު ތައާރަފަކަށް ބޭނުމެއް ނުވާނެއެވެ. ލ. ގަމުގެ ހުސައިން ޝަރީފް (އޮންލީ) އާއި ގދ. ވާދޫގެ އަޔާޒް އަހުމަދު (އަޔާ) އެވެ. ކެރިއަރެއް ފުރިހަމަ ކުރުމަށް ކުރާ ދަތުރުގައި މިރޭގެ ފައިނަލަށް މެޗަށް ނުކުންނައިރު އިތުރު ވާހަކައެއް ދައްކާކަށް ނެތެވެ. އަމާޒަކީ ތަށްޓެވެ.
ގަމުން މިރޭ ނުކުންނާނީ އެޓީމުގެ ތާރީހުގައި ގޯލްޑަން ފުޓްސަލްގެ ދެވަނަ ފައިނަލަށެވެ. 2018 ވަނަ އަހަރު ގަމުން ކުޅުނު ފައިނަލްގައި މާފަންނު އަތުން ބަލިވީ ހިތްދަތި ކޮށެވެ. އެ ފައިނަލުން ބަލިވުމުގައި ޓީމުގެ މުހިއްމު ކުޅުންތެރިން ނެތުން އެއީ އެއް ސަބަބެވެ. މިފަހަރުގެ ފައިނަލަށް ޓީމު ދިޔުމާއެކު އޮންލީ ފުރަތަމަ ބުނި ވާހަކައެއްވެސް އެބައޮތެވެ. އެފަހަރު ފައިނަލް ކުޅުނީ އޮންލީގެ އިތުރުން މުހިއްމު ބައެއް ކުޅުންތެރިން ނުލައި ކަމަށް ބުނި ވާހަކައެކެވެ.
"ކުރިން އެންމެ ފަހަރަކު ޓީމު ފައިނަލް ކުޅުނީ. އެ ޓީމުގައި އޮންލީއެއް ނެތް. ސެމީ މެޗުގައި ހުރި ގޯލްކީޕަރު ޕަފުއެއް ނެތް. ތޮއްޕޭއެއް ނެތް. އޭރު މާލޭގައި އުޅުނު ކުދިންކޮޅެއް ކުޅުނަސް މިހާރު ތަފާތު، މިފަހަރު ނުކުތީވެސް ހަމަ ސީދާ ތަށްޓަށް. މެޗަކަށްފަހު މެޗަކަށް ފޯކަސްކޮށްގެން ގޮސް އެންމެ މެޗަކަށް ވެއްޖެ. އަސްލު ވަރަށް ވަރަށް ހިތްހަމަ ޖެހޭ،" ސެމީ ފައިނަލްގައި ރ. އިނގުރައިދޫ ބަލިކޮށް އޮންލީ ބުންޏެވެ.
މިދިޔަ އަހަރު ގައުމީ ޓީމުގެ މެޗުތަކަށް ދާން ޖެހުމުން އޮންލީއަށް ގަމުގެ މެޗުތައް ކުޅެވިފައެއް ނުވެއެވެ. އެ ހުރިހާ މެޗެއް ބަލަން އޮންލީ އިނީ ދަނޑު މައްޗަށް ނުކުމެ، ތަފާތު ދައްކަން ކެތް މަދުވެފައެވެ. މިފަހަރު މިއީ އެ ފުރުސަތު އޭނާއަށް ލިބުނު ފަހަރެވެ. މިފަހަރު އޮންލީގެ ވިސްނުމުގައި ތަށި ނޫން ހަމަ އެއްވެސް އެއްޗެއް ނެތެވެ.
"އަމިއްލަ ކެރިއަރަށްވުރެ ބޮޑަށް ވިސްނުން ހުރީ ރަށުގެ ޝަރަފުގައި ތަށި ހޯދަން. މިއީ ރަށުގެ އުންމީދީ ތަށްޓެއް. ރަށުގެ ރައްޔިތުން ތިބީ މި ތަށި ނަގަން ޓީމަށް އިތުބާރު ކޮށްގެން. އެހެންވީމަ ތަށި ނޫން ހަމަ އެހެން އެއްވެސް އެއްޗެއް މިރެޔަކު ވިސްނުމަކު ނެތް. މި ތަށި ލިބިއްޖެނަމަ ކެރިއަރު ފުރިހަމަވެސް ވެގެންދާނެ ކަންނޭނގެ. އެއީ މިހާރު ރާއްޖޭގެ ބޮޑެތި މުބާރާތްތަކުން ނުލިބި އޮތް ހަމައެކަނި މުބާރާތް މިއީ،" އޮންލީ ރޭ "ވަން"އަށް ބުންޏެވެ.
ވާދޫން އަލަށް މުބާރާތުގެ ފައިނަލާ ހަމައަށް ދިޔަ ނަމަވެސް، އެޓީމުގެ ކުޅުންތެރިންގެ ތަޖުރިބާ ވަކި މަދެއް ނޫނެވެ. ގަމުގެ ޗެލެންޖަކަށް އެޓީމު ވާނެކަން މާ ކުރިންވެސް އޮތީ ސާފުވެފައެވެ. ގަމާއި ވާދޫން މިއަހަރުގެ މުބާރާތުގައި ދެ ފަހަރަކަށް ކުރިމަތިލި އިރު، އެއް މެޗުވީ އެއްވަރެވެ. އަނެއް މެޗުގައި ވާދޫން ވަނީ ގަން ބަލިކޮށް، ޒޯން ހައެއްގެ ތަށި ނަގައިފައެވެ.
ގަމާއި ވާދޫންވެސް އަތޮޅު ޗެމްޕިއަންކަން ހޯދި އިރު، ވާދޫގެ ލީޑަރަކީ، އަދި އެޓީމުގެ އެންމެ ބޮޑު ހިތްވަރަކީ ކެޕްޓަން އަޔާއެވެ. އަޔާގެ ރޫހުގައި އޮތީ ރަށަށް ތަށި ގެންދިޔުމެވެ.
"ރަށަށް ތަށި ގެންދިޔުން އޮތީ. މިއީ ތާރީހީ ތަށްޓަކަށް ވެގެންދާނެ. ގޯލްޑަންއަކީ މިހާރު ރަށަކަށް ގެންދެވޭނެ ފުޓްސަލްގެ އެންމެ ބޮޑު ކާމިޔާބީ. ރާއްޖޭގެ ފުޓްސަލްގައި އެއީ ވޯލްޑް ކަޕް ދޯ. ރަށް ތަމްސީލުކޮށް ތަށި ގެންދިއުމަކީ ލިބޭނެ އެންމެ ބޮޑު ޝަރަފު. އަޔާއަށްވެސް ކެރިއަރުގައި އަސްލު ފާހަގަކޮށްލެވޭ ތަށްޓަކަށް ނުލިބި އޮތީ ގޯލްޑަން. އެހެންވީމަ ހަމަ އަމިއްލަ ކެރިއަރުވެސް މިތައްޓާއެކު ފުރިހަމަވާނެ. އެއަށްވުރެވެސް ބޮޑަށް ރަށުގެ ރައްޔިތުންގެ ޝަރަފުގައި މި ތަށި ގެންގޮސްދޭން އަޒުމެއް އެބައިން،" އަޔާ ރޭ "ވަން"އަށް ބުންޏެވެ.
މިދިޔަ އަހަރު ވާދޫން ގޯލްޑަން ފުޓްސަލް ޗެލެންޖްގެ ގަދަ 16 އިން ކަޓައިގެން ދިޔަ އިރު އަޔާ ހުރީ އުނދަގޫ ހާލަތެއްގައެވެ. އަނިޔާގެ ސަބަބުން އަޔާއަށް އެކަށީގެންވާ ގޮތެއްގައި ކުޅެވިފައެއް ނުވެއެވެ. ޓީމުގެ ނާކާމިޔާބީއަށް އެންމެ ބޮޑަށް ހިތާމަ ކުރާނެ ކުޅުންތެރިޔަކަށްވެސް އަޔާ ވާނެއެވެ. މިފަހަރުގެ މުބާރާތުގައި އޭނާ ދައްކާ މުހިއްމު ކުޅުމަކީ ޓީމުގެ ފަހަތުން ލީޑު ކުރުމެވެ. ކުޅުމަށް ބަދަލެއް ގެނެސްގެން ނަމަވެސް ޓީމަށް އެންމެ ބޮޑު ފައިދާއެއް ހޯދައިދެވޭނެ ސްޓައިލަކަށް ހޭނުމެވެ. އަޔާއަކީ ވާދޫން މިރޭގެ ތަށްޓަށް ކުރާނެ އެންމެ ބޮޑު އުންމީދެވެ.
ތަށި ހާއްސަ ވާނީ ޔަގީނުންވެސް ރަށަށެވެ. އަތޮޅަށެވެ. ކަން އޮންނާނީ އެހެންނެވެ. މިރޭގެ ގޯލްޑަން ފުޓްސަލް ޗެލެންޖްގެ ތަށި އޮތީ ދެރަށެއްގެ އިންތިޒާރުތަކާއި އުންމީދުތަކާ ގުޅިފައެވެ. އެއީ ކުޅުންތެރިންނާއި ކޯޗުންގެ ފުރަތަމަ މަގުސަދެވެ. އެހެން ނަމަވެސް ދެޓީމުގެ އެތެރޭގައިވެސް އަދި އިތުރު ތަފާތު ރޫހެއް، ތަފާތު ޖޯޝެއް އެބައޮތެވެ. ދެޓީމުގައި ތިބި ކުޅުންތެރިންވެސް އެންމެ ބޮޑަށް ފުޓްސަލްގައި އިހުތިރާމު ކުރާނެ ލީޑަރުންނަށް ތިބީ ކެޕްޓަނުންނެވެ. ގަމުގެ ކެޕްޓަން އޮންލީއަށް މުޅި ޓީމު އިންތިހާއަށް އިހުތިރާމު ކުރެއެވެ. މުޅި ޓީމުގެ އެއް ރޫހަކީ، ލެޖެންޑް އޮންލީއަށް ތަށި ހޯދައިދިނުމެވެ.
"ރަށަށް ތަށި އެއީ އެންމެ ފުރަތަމަ ކަމަކީ. އެކަމަކުވެސް އޮންލީއަކީ މި ޓީމުގެ ކޮންމެ ކުޅުންތެރިޔަކުވެސް އިހުތިރާމު ކުރާ، އެތައް ކުޅުންތެރިންނަކަށް އެތައް ކަމެއް ކޮށްދީފައިވާ ޓީމުގެ ރޫހު. އެހެންވީމަ އޭނާއަށްޓަކައި މި ތަށި ނަގަންވެސް ޓީމު ވަރަށް ބޮޑަށް ކިކްގަ މިއޮތީ. އޮންލީއަށްޓަކައި ކަށިން ހިތްވަރު ނެރެ ތަށި ނެގުމުގެ ރޫހު ވަރަށް ބޮޑަށް އެބައޮތް،" ގަމުގެ މުހިއްމު ކުޅުންތެރިޔާ ހުސައިން ނާޝިދު (ނާއްޓޯ) "ވަން"އަށް ބުންޏެވެ.
އެ ރޫހަކީ ވާދޫގެ ޓީމުގައިވެސް އޮތް ރޫހެކެވެ. ފުޓްސަލްގައި ވާދޫގައި ދެވަނައެއް ނެތް އަޔާއަށްޓަކައި ތަށި ނެގުމަށް އެތައް ކުޅުންތެރިންނެއް ބޭނުންވެއެވެ. އަޔާގެ ކެރިއަރަކީ މުޅި ރަށުގެ ކުރިއަށް އޮތް ޖީލުގެ "އިންސްޕިރޭޝަން" އެވެ. އަޔާގެ ކެރިއަރު ފުރިހަމަކޮށްދޭން ޒުވާން ޓީމުން އެކުގައި ބޭނުންވެއެވެ.
"އަޔާއަކީ ޓީމުގެ ލީޑަރު. ޓީމަށް އެންމެ ފައިދާވާނެ ގޮތަށް އަޔާ އަބަދުވެސް ކުޅެމުން އެދަނީ. އޭނާގެ ކެރިއަރަށް މި ތަށި ވަކިން ބޮޑަށް ހާއްސަވޭ. ވާދޫއަށް މި ތަށި ހޯދައިދޭން ޓީމުން ހުރިހާ ކަމެއް ކުރާނެ. ޓީމު މިއޮތީ ވަރަށް ބޮޑަށް އެކުވެފަ. އެހެންވީމާ އަޔާގެ ކެރިއަރ، އަޔާއަށް މި ތަށި ހޯދައިދޭންވެސް ޓީމުގެ ހުރިހާ ކުޅުންތެރިން ތަފާތު ރޫހެއްގަ ތިބީ،" ވާދޫއަށް ގޯލު ޖެހުމުގެ ތަފާތު ރޫހެއް ދައްކަމުން އަންނަ މުހައްމަދު އިޔާދު އަލީ "ވަން"އާ ވާހަކަ ދައްކަމުން ކުރިން ބުނެފައިވެއެވެ.
ފުޓްސަލްގައި ދެ ތަރީންގެ ކުރިމަތިލުމެކެވެ. ދެ ރަށެއްގެ ވާދަވެރި މެޗަކަށްވާނެއެވެ. ސަޕޯޓަރުންގެ ފޯރިއަށް ޝައްކެއް ކުރެވޭނެ ޖާގައެއްވެސް ނެތެވެ. އިންތިޒާރަށް ވަގުތު ކުޑަތަންވެއްޖެއެވެ. ވާދޫއާއި ގަން ވާދަކުރާ ރާއްޖޭގެ އެންމެ ބޮޑު ފުޓްސަލް ފައިނަލް އޮންނާނީ މިރޭ ހުޅުމާލޭ ރެހެންދި ދަނޑު އެކެއްގައެވެ. ފައިނަލް މެޗުގެ ކުރިން ހާއްސަ ހަރަކާތްތަކެއް އޮންނާނެއެވެ، ހަރަކާތްތައް މިރޭ 8:30ގައި ފެށޭނެއެވެ.