ރާއްޖޭގެ ޤައުމީ ފުޓުބޯޅަ ޓީމު

ދަގަނޑޭވެސް ހިމަނައިގެން ޕާކިސްތާނު މެޗަށް ސްކޮޑު އިއުލާނުކޮށްފި

ރާއްޖޭގެ ތާރީހު ދުށް އެންމެ މޮޅު ފުޓުބޯޅަ ކުޅުންތެރިޔާ އަލީ އަޝްފާގު (ދަގަނޑޭ) ވެސް ހިމަނައިގެން ގައުމީ ޓީމުގެ ސްކޮޑު އިއުލާނު ކޮށްފިއެވެ.

ގައުމީ ޓީމުން މިއަހަރު ކުޅޭ ފުރަތަމަ އެކުވެރިކަމުގެ މެޗުގައި ޕާކިސްތާނާ ދެކޮޅަށް ނުކުންނާނީ މި ހަފުތާގެ އަންގާރު ދުވަހުއެވެ. އެ މެޗު ލ. ގަމުގެ ޒޯން ސްޓޭޑިއަމްގައި އޮންނަ އިރު، އެ މެޗަކީ ރާއްޖޭގެ ގައުމީ ޓީމުން އައްޑޫ އާއި މާލެ ނޫން ތަނެއްގައި ކުޅޭ ފުރަތަމަ މެޗެވެ. ޕާކިސްތާނާ ދެކޮޅަށް ކުޅޭ މެޗަކީ ފީފާ އިންޓަނޭޝަނަލް ބްރޭކްގައި ކުޅެވޭނެ މެޗެކެވެ. އެހެންކަމުން އެ މެޗަކީ ފީފާ ރޭންކިންގައި ގުނާނެ މެޗަކަށްވާނެއެވެ.

މިދިޔަ އަހަރު ރާއްޖެއިން ކުޅުނު އެކުވެރިކަމުގެ މެޗުތަކަށްވެސް ދަގަނޑޭއަށް ފުރުސަތު ދީފައިވާ އިރު، ބެލެވޭ ގޮތުގައި އޭނާއަށް ފުރުސަތު ދޭން ކޯޗު ފްރެންޗެސްކޯ މޮރިއޭރޯ ނިންމާފައި ވަނީ ގައުމީ ޖާޒީގައި 100 މެޗު ހަމަކޮށްދިނުމުގެ ގޮތުންނެވެ.

ދަގަނޑޭ، 37، މިދިޔަ އަހަރު ފުރަތަމަ ޑިވިޝަނުގައި ފެނިފައެއް ނުވެއެވެ. ޗެރިޓީ ޝީލްޑް މެޗުގައި ވެލެންސިއާއަށް ދަގަނޑޭ ކުޅުނު ނަމަވެސް، އޭގެ ފަހުން ކަކުލުގެ އަނިޔާއެއްގެ ސަބަބުން ދަގަނޑޭ ހުރީ ކުޅުމާ ދުރުގައެވެ. ދަގަނޑޭ، ސީޒަނުގައި އެއްކޮށް ކަހަލަ ގޮތަކަށް ނުކުޅެ ހުރުމަށްފަހު، އެފަހަރު ގައުމީ ޓީމަށް ނުކުތީ މެލޭޝިއާ އާއި ސިންގަޕޫރާ ދެކޮޅަށް ކުޅުނު މެޗުތަކަށެވެ.

ދަގަނޑޭ، މިދިޔަ އަހަރު ފިޓްނަސް ލެވަލް ރަނގަޅުކުރަން ރާއްޖޭގައި އެންމެ ފާހަގަކޮށްލެވޭ އެއް ދުވާ ޓީމު، މެރަތަން ރަނާސްއާ ގުޅި، ތަމްރީނުތައް ހަދާފައިވެއެވެ. އޭގެ ފަހުން ބައެއް ރަށްރަށުގެ މުބާރާތްތަކުގައިވެސް ދަގަނޑޭ ކުޅެފައިވާ އިރު، ބެލެވޭ ގޮތުގައި ގައުމީ ޓީމަށް 100 މެޗު ހަމަކުރަން ދަގަނޑޭއަށް ފުރުސަތު ދިނުމުގެ ވިސްނުމެއް ކޯޗިން ޓީމުގައި އެބަހުއްޓެވެ.

މީގެ ކުރިން ގައުމީ ޓީމުގެ މިހާރުގެ އެސިސްޓެންޓް ކޯޗު، އަލީ ސުޒޭން ބުނެފައި ވަނީ ގައުމީ ޓީމަށް 100 މެޗު ހަމަކޮށް ފީފާގެ ސެންޗަރީ ކްލަބަށް ދަގަނޑޭ ވަނުމަށް ދިވެހި ފުޓްބޯޅައަށް ލޯބިކުރާ ކޮންމެ މީހަކު ވެސް ބޭނުންވާނެ ކަމަށެވެ.

"އަޅުގަނޑުގެ ކަނާތް ފަރާތުން މީނީ ފީފާ ސެންޗަރީ ކްލަބްގެ ކުޅުންތެރިއެއް. އަޝްފާގު އެ ހިސާބަށް ދާން ބައިވަރު ވަގުތު އެބައޮތް. ރާއްޖޭގައި އުފެދުނު އެންމެ މޮޅު ކުޅުންތެރިޔާ، (އަޝްފާގު) ސެންޗަރީ ކްލަބުގައި ހުންނަން އަޅުގަނޑުމެން ރާއްޖޭގެ ފުޓްބޯޅައަށް ލޯބިކުރާ ކޮންމެ މީހަކުވެސް ބޭނުންވާނެ. އިމްރާން ވެސް ވަރަށް ބޭނުންވާނެ." ގައުމީ ޓީމުގެ ގޯލްކީޕަރަކަށް 17 އަހަރު ދުވަހު ކުޅުނު އިމްރާން މުހައްމަދު (އިންމަ) އަށް އިޝާރާތްކޮށް ކުރިން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގެ ތެރެއިން ސުޒޭން ބުނެފައިވެއެވެ.

ދަގަނޑޭ މިހާރު ގައުމީ ޓީމަށް 90 އަށްވުރެ ގިނަ މެޗު ކުޅެފައިވާ އިރު، އޭނާއަށް ދެން 100 ހަމަކުރަން ބޭނުންވަނީ މަދު މެޗެކެވެ.

ސީޒަން ބްރޭކަށްފަހު އަދި ކްލަބު ފުޓުބޯޅަ ރާއްޖޭގައި ފެށިފައިނުވާ އިރު، މިހާރު ދަނީ ފުރަތަމަ ޑިވިޝަންގެ ކްލަބުތަކުން ފަރިތަކުރުންތައް ކުރިއަށް ގެންދަމުންނެވެ. މާޒިޔާއިން ދާދިފަހުން ސައުދީ އަރަބިއާގައިވެސް ކޯޗިން ކޭމްޕެއް ފުރިހަމަކޮށްފައިވާ އިރު، ސްކޮޑުގައި މާޒިޔާގެ ގިނަ ކުޅުންތެރިންތަކެއް ހިމެނެއެވެ. މާޒިޔާގެ އިތުރުން ކްލަބު އީގަލްސްއިންވެސް ދަނީ މިހާރު ސީޒަނަށް ފަރިތަކުރަމުންނެވެ.

މިފަހަރުގެ ގައުމީ ސްކޮޑުގައިވެސް ކަކުލުގެ އޮޕަރޭޝަނުން ރިކަވާ ވަމުން އަންނަ ކެޕްޓަން އަކްރަމް އަބްދުލްޣަނީ (އަކޫ) ހިމަނާފައިނުވާ އިރު، ޒުވާން ގޯލްކީޕަރުން ކަމަށްވާ ހަސަން އަލީފް އަދި ޔޫސުފް މީސަމްއަށް ފުރުސަތު ދީފައިވެއެވެ. އޭގެ އިތުރުން ޒުވާން ޑިފެންޑަރުން ކަމަށްވާ ހުމައިދު ހަސަނާއި އަހުމަދު މާއިޝް ރަޝީދު އަދި މިޑްފީލްޑަރު ނިޝާމް މުހައްމަދު ރަޝީދު (ޕޮގްބާ) އަށްވެސް ކޯޗު މޮރިއޭރޯ ވަނީ ފުރުސަތު ދީފައެވެ.

ޕާކިސްތާނު މެޗަށް ނެގި ސްކޮޑު

ގޯލްކީޕަރުން

  • ހުސެއިން ޝަރީފް
  • ހަސަން އަލީފް އިބްރާހިމް
  • ޔޫސުފް މީސަމް

ޑިފެންޑަރުން

  • ސަމޫހު އަލީ (ސަމުއްޓެ) / ކެޕްޓަން
  • ހުސައިން ސިފާއު ޔޫސުފް (ކްރޯ)
  • އަހުމަދު ނޫމާން (ހެލްމެޓް)
  • ހައިޝަމް ހަސަން (ބިޑި)
  • ހަސަން ޝިފާޒް
  • ޝިފާން ހަސަން
  • ހުމައިދު ހަސަން
  • އަހުމަދު މާއިޝް ރަޝީދު

މިޑްފީލްޑަރުން

  • އިބްރާހީމް މަހުދީ ހުސައިން (ފޭދޫ އިއްބެ)
  • އަހުމަދު ބައްސާމް މުހައްމަދު (ބައްކު)
  • އިބްރާޙީމް އައިސަމް
  • ހުސައިން ނިހާން (ނިހާޓް)
  • ނިޝާމް މުހައްމަދު ރަޝީދު (ޕޮގްބާ)
  • ހަސަން ސުފިޔާނު
  • މުހައްމަދު އިރުފާން

ފޯވަޑުން

  • ހަމްޒާ މުހައްމަދު (ހަމްޕު)
  • ނާއިޒު ހަސަން (ދާދު)
  • އަލީ އަޝްފާގު (ދަގަނޑޭ)
  • ހަސަން ރާއިފް އަހުމަދު (ހަންނަ)
  • މުހައްމަދު ސަހާއު (ބޭލް)