ދިވެހިރާއްޖޭގެ ތާރީޚު

އައްޝައިޚު އަލްފަގީހު މުހައްމަދު ޖަމާލުއްދީނުގެ ހަނދާނަށް ހައްގު މަގާމުދިނުން - 5

އިމާދު ލަތީފު

މާއެނބޫދޫއަށް ޝައިޚު ޖަމާލުއްދީނު އަރުވައިލެވުނުއިރު އެރަށަކީ އާބާދީމަދު ކުޑަކުޑަ ރަށެކެވެ. އެހެންނަމަވެސް ފުދިގެން އުޅުނު މަސައްކަތްތެރި ހީވާގި ރައްޔިތުން ތިބި ރަށެކެވެ. އެރަށުގައި ޝައިޚު ޖަމާލުއްދީނު ހުންނެވީ ކުށްވެރިއެއްގެ ގޮތުގައެވެ. ދައުލަތުގެ ފަރާތުން މަސައްކަތްކުރީ ވީހާވެސް ނިކަމެތި ހާލުކޮޅެއް އޭނާއަށް މެދުވެރި ކުރެވޭތޯއެވެ. އެހެންނަމަވެސް ޝައިޚު ޖަމާލުއްދީނާމެދު މާއެނބޫދޫ ރައްޔިތުން ކަންތައް ބެހެެއްޓީ އިހުތިރާމާއި ލޯތްބާއެކުގައެވެ. މުޅިން އަމިއްލަގޮތުންނެވެ. އެރަށުގައި ޝައިޚު ޖަމާލުއްދީނު ހުންނެވި ގެޔަކީ ދަހަރާގެއޭ ކިޔުނު ގެއެކެވެ. އެއީ ރަށުގެ އެންމެ ތަނަވަސް ގެއެވެ. އާރާއި ބާރާއި ނުފޫޒުގެ ގޮތުން އެންމެ ފާހަގަ ކުރެވޭ ގެއެވެ.

އެގޭގައި ކުރީޒަމާނުގައި ރާއްޖެއިން ބޭރަށް ދުއްވާ ހަތް އޮޑި އޮތްކަމަށް ބުނެވެއެވެ. ކާޑުގެ ބާވަތްތައް ހުސްނުކޮށް ގުދަންކުރެވިފައިވާ އެތައް ކޮށާރެއް ހުންނަ ކަމަށްވެއެވެ. މެދުރާއްޖޭގެ އެކި ރަށްރަށަށް ހަނޑޫ ފޮނުވައިދިނުމަށް އެދި ވެރިކަމުގެ ފަރާތުން އެދެނީވެސް ދަހަރާގޭގައެވެ. އެކަމަށް ދަލީލުކުރާ ފަތްކޮޅުތައްވެސް ހުއްޓެވެ. ޝައިޚު ޖަމާލުއްދީނުގެ ދޮންބަފައިކަލުން ދަނބުގޭ އަހުމަދުދީދީ ރާއްޖެބައްޔަށް ފަރުވާ ހޯއްދެވުމަށް މާއެނބޫދޫގައި ހުންނެވީވެސް ހަމަ މިގޭގައެވެ. އެހެންވީމާ ޝައިޚު ޖަމާލުއްދީނަށް އެއީ ބީރައްޓެހި އައުގެޔަކަށެއް ނުވިއެވެ. މާއެނބޫދޫއަކީ އުޅެންދަތި ބީރައްޓެހި ރަށަކަށްވެސް ނުވިއެވެ. ދައުލަތުގެ ވެރިން އޭނާއަށް ކިތަންމެ ބޮޑު ނަފުރަތެއް ކުރިއަސް މާއެނބޫދޫގައި ޝައިޚު ޖަމާލުއްދީނު ހުންނެވީ ނުހަނު އިއްޒަތުގައެވެ. އަރުވައިލެވޭ ކުށްވެރިން ކާންބޯން ކުރަންޖެހޭ ބުރަ އެއްވެސް މަސައްކަތެއް ކުރައްވާކަށް އެރަށުގެ ރައްޔިތުން އޭނާއަކަށް ނުޖައްސައެވެ.

މިހެން ދެންނެވިކަމަށްވިޔަސް މާއެނބޫދޫ ރައްޔިތުންގެ މެހުމާންދާރީގައި، ދަހަރާގޭގެ ތަނަވަސްކަމުގެ ހިޔަލުގައި އެއްވެސް މަސައްކަތެއް ނުކުރައްވައި ޝައިޚު ޖަމާލުއްދީނު ހުންނެވީއެއް ނޫނެވެ. އަތޮޅުތެރޭގެ ރަށްރަށުގެ ދިރިއުޅުމަށް އޭނާ ހުންނެވީ ފިސާރި ރަނގަޅަށް ހޭނިވަޑައިގެންނެވެ. ފެހެންދޫ އާއި ނައިފަރު ކަހަލަ ރަށްރަށުގައި ދިގު މުއްދަތަކަށް އުޅުއްވުމުގެ ސަބަބުން ރަށްފުށުގެ ދިރިއުޅުމަކީ ކޮބައިކަން އޭނާއަށް ވަރަށް ރަނގަޅަށް އެނގިވަޑައިގަންނަވައެވެ. އެއީ ދިވެހި ބޭހުގެ މޮޅު ހަކީމެކެވެ. ދީނީ އިލްމުވެރިއެކެވެ. ކުޅަދާނަ ގާރީއެކެވެ. ތަޖުރިބާހުރި މުދައްރިސެކެވެ. ކުޅަދާނަ ޝާއިރެކެވެ. މަސައްކަތްތެރިކަމުގެ ތަފާތު އެތަކެއް ފަންނުގެ ތެރެއަށް ވަދެވަޑައިގެން ހުންނެވި އެދުރެކެވެ. އެހެންވީމާ އޭނާ ކުރެއްވި މަސައްކަތަކީ ކިޔަވައިދެއްވުމެވެ. ލިޔުއްވުމެވެ.

ދަހަރާގޭގައި ޝައިޚު ޖަމާލުއްދީން ހުންނެވި ބަޔަކީ އެނގިފައިވާ ގޮތުގައި ބޮޑު ފެންޑާއަކާއެކު ވަކިން ހުންނަ ބައެކެވެ. ދަރިވަރުންނަށް އޭނާ ކިޔަވައިދެއްވި މަދަރުސާއަކީ އެއީއެވެ. ރައިވަރާއި އެފަދަ އެނޫންވެސް ތަކެތި ލިޔުއްވައި ކަންކަމާމެދު ވިސްނަވައި ފިކުރު ހިންގަވާން އިންނަވާ ތަނަކީވެސް އެއީއެވެ. މީސްމީހުންނާ ބައްދަލުކުރައްވައި އިރުޝާދު ދެއްވާން އިންނަވާ ތަނަކީވެސް އެއީއެވެ. މިހާރު އެތަނުގެ ބޮޑުބައެއްވަނީ ރަށުގެ ބޮޑު މަގަށް ނެގިފައެވެ. ތަންކޮޅެއްފަހުން އަމީނުގެ ޖުމްހޫރީ ދައުރުގައި ބޮޑުމަގު ހެދިއިރުގައެވެ. އެބައި މަގަށް ނެގުނަސް ދަހަރާގެ އަދިވެސް އެބަހުއްޓެވެ. ރަށުގެ އެންމެ ހުޅަނގު ބިތުގައި ހުންނަ ގެއެކެވެ. ކުރީގެ މުސްކުޅި ޓައުން އާބާދުވެގެންވީ މިގޭގެ ވަށައިގެންނެވެ. އެގޭގެ ދެކުނު ފަރާތުން އިންވެގެން ކުޑަ މިސްކިތެއްވެސް އެބަހުއްޓެވެ. މާއެނބޫދޫ ކުޑަމިސްކިތެވެ.

މާއެނބޫދޫއަކީ ވަރަށް ކުރީއްސުރެވެސް ދިވެހި ބޭސްވެރިކަމުގެ މޮޅު ހަކީމުން އުޅުނު ރަށެކެވެ. އެކަމުގެ ޒަމާންވީ ސަގާފަތެއް ދެމިގެން އައިސްފައިވާ ރަށެކެވެ. އައްނާއިބު ދަނބުގޭ އަހުމަދުދީދީ ރާއްޖެބައްޔަށް ފަރުވާ ހޯއްދެވުމަށް އެރަށަށް ވަޑައިގެން ހުންނެވުމުގެ ސިއްރަކީވެސް އެއީއެވެ. ޝައިޚު ޖަމާލުއްދީނުގެ އިލްމުވެރިކަމުން އެރަށުގައި އުފެދުނުކަމަށް ބެލެވޭ އައު ފަންނަކީ ގާރީކަމުގެ ފަންނެވެ. ރައިވަރު ކިޔުމާއި އަދަބިއްޔާތުގެ ފަންނެވެ. ޝައިޚު ޖަމާލުއްދީނާ ހަމައިން ފެށުނު މި ފަންނު އަދިވެސް މާއެނބޫދޫގައި ދެމިގެން އެބައާދެއެވެ. އެކި މުނާސަބާތަކުގައި އޭނާ ކިޔުއްވި އެކި ރައިވަރު އެރަށުގެ މަދުބަޔަކު ލިޔެގެން ރައްކާކުރިއެވެ. ދާދިފަހަކާ ހަމައަށްވެސް އެތަކެތި ފެންނާން ހުއްޓެވެ. ދާދިފަހުން ހިނގި އަލިފާނުގެ ހާދިސާއެއްގައި އެފަދަ ގިނަ ލިޔުންތައް ވަނީ އަނދައިގެން ގޮސްފައެވެ.

ކިތަންމެ ބޮޑު އާލިމަކަށްވިއަސް ކަންކަމުގެ ބިންގާއަޅައި އޭގެމަތީގައި އާރާސްތުކޮށް ނަތީޖާ ހާސިލްކުރަން ވަގުތު ބޭނުންވާނެއެވެ. ކަންދިމާކުރިގޮތުން ޝައިޚު ޖަމާލުއްދީނަށް މާއެނބޫދޫގައި އެހާ ގިނަ ދުވަސް ލިބިވަޑައެއް ނުގެންނެވިއެވެ. އުމުރުފުޅުން 62 އަހަރުގައި އެރަށުގައި އޭނާ އަވަހާރަވީއެވެ. މާގިނަދުވަހު އާލާސްކަންފުޅާ ނޫޅުއްވައެވެ. އެންމެ ފުރަތަމަ މެލޭރިޔާއެވެ. ދެން އޭގެސަބަބުން ހުންކޮށި ދުޅަވީއެވެ. އަވަހާރަވީ 1907 ވަނަ އަހަރުގެ ތެރޭގައެވެ. އެހެންވީމާ އޭނާ މާއެނބޫދޫގައި ހެޔޮހާލުކޮޅުގައި ހުންނެވީ ހަތަރު އަހަރެއްހައި ދުވަހުއެވެ. އެ މުއްދަތުގެ ތެރޭގައި މާއެނބޫދޫއަށް އިލްމީގޮތުން ނުހަނު ބޮޑު އިންގިލާބެއް ގެންނެވިއެވެ. ހަމައެކަނި މާއެނބޫދޫއެއް ނޫނެވެ. އެރަށުގެ ކައިރީގައި އޮންނަ ކުޑަހުވަދޫވެސް ހިމެނޭ ގޮތުންނެވެ.

(ނުނިމޭ)