"ކޮންމެ ހަފުތާއަކު އެއްދުވަހު އޮންނަ ކްރިއޭޓިވް އާޓް ގަޑިއަށް ގެންދަން ޖެހޭ ސާމާނުގެ އަގު އެކަނިވެސް ބައެއް ދުވަސްދުވަހު މި ހުންނަނީ 100 ނޫނީ 200 ރުފިޔާއިން މަތީގަ. ކުލާހެއްގަ އެބައުޅޭ 30 ކުދިން. ގުރޭޑެއްގެ އެބައޮވޭ ހައެއްކަ ކުލާސް. މިހުރިހާ ކުދިންވެސް މި އެއްޗެހި ގެންދަން ޖެހޭނެތާ... ގާތްގަނޑަކަށް އެދުވަހު އެކަނި ގެންދަން ޖެހޭ އެއްޗެހީގެ އަގު ކުލާހަކަށް ބަލާއިރު ހައެއްކަ ހާސް ރުފިޔާއަށް އެބައަރާ. މިއީ ހުރިހާ ބެލެނިވެރިންނަށް އެފޯޑު ކުރެވޭނެ ކަންކަމެއް ނޫން."
ސްކޫލްތަކަށް ކުރަންޖެހޭ ހަރަދުތައް އިތުރުވަމުންދާތީ އާއި މިކަމުގެ ސަބަބުން އެތައް ތަކުލީފެއް އުފުލަން ޖެހޭ ކަމަށްބުނެ ބެލެނިވެރިޔަކު "ވަން" އާ ދެއްކި ވާހަކަތަކެވެ. މިފަދަ އެތައް ބެލެނިވެރިޔަކު ސޯޝަލް މީޑިއާގައްޔާއި އެކި ތަންތަނުގައި މިވާހަކަތައް ދައްކައެވެ. ގާނޫނުން ހިލޭ ތައުލީމު ލާޒިމުކުރި ނަމަވެސް، މި ލިބެނީ ހިލޭ ތައުލީމުތޯ ސުވާލު އުފައްދާ ބެލެނެވެރީން ގިނަ އެވެ. އަތުން އެތައް ހާސް ރުފިޔާއެއް މަހަކު ހަރަދުކުރަން ޖެހުމަކީ ތައުލީމު ހިލޭވުންތޯ މިއީ ހަގީގަތުގައިވެސް ރަނގަޅު ސުވާލެކެވެ.
މަތީގައި އޮތް ވާހަކައަކީ ހުޅުމާލޭ ސްކޫލެއްގެ ބެލެނިވެރިޔެއްގެ ޝަކުވާއެވެ. އަތޮޅުތެރޭގެ ހާލަތު މިއަށްވުރެ އެތައް ގުނައެއް ގޯހެވެ. އަތޮޅުތަކުގެ ސްކޫލްތަކުން ފާހަގަކުރާ ކޮންމެ ދުވަހަކަށް ބެލެނިވެރިން އަތުން އެތައް ހާސް ރުފިޔާއެއް ހަރަދުކުރަންޖެހޭ ކަމަށް އެ ބެލެނިވެރިން ބުނެއެވެ. ކޮންމެވެސް ނަމެއްގައި ކޮންމެވެސް ދުވަހެއް ނޫނީ ގިނަ ދުވަސްތަކެއް ފާހަގަކުރާން ނުޖެހޭ މަހެއް ނުދެއެވެ. ޕީޓީއޭއާއި އެނޫންވެސް ބެލެނިވެރީން އުޅޭން ޖެހެނީ ހޭބޯނާރައި އަބަދުވެސް ކޮންމެވެސް ދުވަހަކަށް ތައްޔާރުވުމުގައެވެ. ރެޔާއި ދުވާލު އެކަމުގައެވެ. އެކަމަށް ފައިސާ އެއްކުރުމުގައެވެ. ބައިވެރިނުވާ ނުވަތަ އެހީނުވާ ބެލެނިވެރިޔާ އޮންނާނީ ގޯސްވެފައެވެ. އޭނާގެ ދަރިފުޅުވެސް ވާނީ ބާކީއެވެ.
"ކުލާހުގަ ޕްރޮޖެކްޓަރު ހަރުކުރަން ވިޔަސް ފައިސާ ނަގަނީ ބެލެނިވެރިން އަތުން. ޓީވީއެއް ބަހައްޓަންވިޔަސް ބެލެނިވެރިން އަތުން، އިނާމުދިނުމުގެ ޖަލްސާއަށްވެސް ބެލެނިވެރިން ކުރަން ޖެހޭ ހޭދަ ކުޑައެއް ނޫން، މިހެންގޮސް ފާހަގަކުރާ ކޮންމެ ދުވަހަކަށް. އެކި ކަންކަމަށް އަންނަ ޓީޗަރުން، ލެކްޗަރާއިން ނޫނީ މެހެމާނުން އައުމުން އެ ހަރަކާތްތަކުގަ އުޅޭ ދަރިވަރުންނާއި އެހެން މީހުނަށް ތިންއިރު ކެއުމާއި ހަވީރު ސައި ހަދަން މިޖެހެނީ ވެސް ބެލެނިވެރިންގެ އަމިއްލަ ހަރަދުގަ." އަތޮޅުތެރޭ ސްކޫލެއްގެ ބެލެނިވެރިޔަކު އޭނާގެ ޝަކުވާފުނި ބަންޑުންޖަހާލި އެވެ.
ބައެއް ބެލެނިވެރިން ބުނީ އެޑިއުކޭޝަން މިނިސްޓްރީން މިހަރަދުތައް ކުރުމަށް ސްކޫލަށް ބަޖެޓު ދީފައި ނުވުމުން މުއައްސަސާތަކުގެ އެހީއަށްވެސް ސްކޫލްތަކުން އެދޭ ކަމަށެވެ. އެހެން ނަމަވެސް ގިނަ ފަހަރު އެކަންކަން ބެހިގެން ދެނީ ބެލެނިވެރީންގެ މެދުގައި ކަމަށެވެ.
ދެން އޮތީ މާލޭގެ ސްކޫލްތަކުގެ ވާހަކައެވެ. ކޮންމެ ހަފުތާއަކު އެއްދުވަހު އޮންނަ ކްރިއޭޓިވް އާޓްސް ގަޑިއަށް ބޭނުންވާ ސާމާނު ގަންނަން އެތައް ހަރަދެއް ބެލެނިވެރިން ކުރަންޖެހޭއިރު މިކަމަށް ހައްލު ގެނެވޭނެ ގޮތްތައްވެސް ބެލެނިވެރިން އެތައް ފަހަރަކު ޓީޗަރުންނާއި ސްކޫލްތަކުގެ ވެރިންނަށްވެސް ކިޔައިދިން ކަމަށް ބުނެއެވެ. އެގޮތުން މި މާއްދާ ނެގުމަށް ބޭނުންކުރާ ސާމާނު ނުވަތަ އެ ހަފުތާއަކު ހަދާ އެއްޗެހި ކުލާހެއްގައި ނުވަތަ ރިސޯސް ރޫމެއް ހަދައި، ބަހައްޓައި އެ މާއްދާ އޮންނަ ދުވަހު ވަކި ވަކި ކުލާސްތައް އެ ކުލާހަށް ގެންގޮސްގެންވެސް ކިޔަވައިދެވޭނެ ކަމަށް ބެލެނިވެރިން ބުންޏެވެ. އަދި މި ގޮތަށް ކަންތައް ކުރުމުން ބެލެނިވެރިން އަތުން ދާ ހަރަދުތައް ކުޑަވެގެންދާނެ ކަމަށްވެސް ބުންޏެވެ. މި ނޫންވެސް ހިޔާލުތައް ދެއެވެ. އެހެން ނަމަވެސް މިކަން އެ ގޮތަކަށް ނުދެ އެވެ. ކޮންމެ ދަރިވަރަކު ހަމަ ކޮންމެ އަހަރަކު މި ތަކެތި ގަންނަމުން ދަނީ އެވެ. ބެލެނިވެރީންވެސް ދަރީންނަށް ޓަކައި އެ ގުރުބާނީ ދެނީ އެވެ. އެނޫންގޮތެއް ނެތެވެ.
ސްކޫލުގައި ފާހަގަކުރާ އެކި ކަހަލަ ދުވަސްތަކުގައި ވެސް ކަން އޮންނަނީ މި ގޮތަށެވެ. ހޭންޑްބޯލް، ފުޓްބޯޅަ، ބާސްކެޓް ފަދަ ކުޅިވަރުތަކަށް ވެސް ހުރިހާ ހަރަދެއް ކަހަލަ ގޮތަކަށް ކުރަން ޖެހެނީ ބެލެނިވެރީންނެވެ. ޕްރެކްޓިހަށް ދަނޑު ނެތް ނަމަ ކުއްޔަށް ދަނޑު ނޫނީ ކޯޓު ހޯދުމާއި ކުދީންގެ އިންޓަވަލާއި ޖޯޒީ ސެޓާއި ފަސްޓް އެއިޑް އަދި ކޯޗުންގެ ހަރަދު ފަދަ ހުރިހާ ކަމެއްވެސް އޮންނަނީ ބެލެނެވެރީންނަށެވެ. ކްރިއޭޓިވް އާޓްސް، ސްކައުޓް އަދި ގައިޑް ފަދަ ހަރަކާތްތަކާ ގުޅިގެން ގަންނާން ޖެހޭ ލިސްޓުތައް ދިގެވެ. ބައެއް ހާލަތުގައި އެތަކެތި ހޯދަން އެ އުޅޭން ޖެހޭ ގޮތަކީ އަތުންދާ ހޭދައަށްވުރެވެސް ބޮޑު ތަކުލީފަކަށް ވެއެވެ.
"ބައެއް ޓީޗަރުން މި ހަދާގޮތަކީ ނަމަކަށް ލިސްޓެއް ދެނީ. އެއް ފަހަރަކު ދިން ލިސްޓަކަށް އެއްޗެހި ނުލިބގެން އަޅުގަނޑު މުޅި މާލެއާއި ހުޅުމާލޭ ބުކްޝޮޕްތަކަށް ދުވާން ޖެހުނު. އެންމެ ފަހުން އެއް ބުކްޝޮޕަކުން ބުނީ ބައެއް ޓީޗަރުން ތި ލިސްޓު ހަމަ ގޫގަލްއިން ބަލައިލާފަ ލިޔެލަނީއޭ. ފަސޭހައިން ލިބޭތޯ ނުލިބޭތޯ ބެލުމެއް ނޯވެޔޭ." ނުރުހިފައި ހުރި ބެލެނިވެރިޔަކު ބުންޏެވެ.
ހުޅުމާލޭ ސްކޫލެއްގެ ބެލެނިވެރިޔަކު ބުނީ އޭނާގެ ގުރޭޑް ފަހެއްގެ ދަރިފުޅު ލައްވައި ކުޑަ މޭޒެއް ޖަހާން ޖެހޭ ލަކުޑި ކުލާހަށް ގެންދަން ސްކޫލުން އެންގި ކަމަށެވެ. އެ ގޮތުން އެ މޭޒު ޖަހަން ބޭނުންވާ މަތިގަނޑާއި އޭގެ ފައިތަކާއި އިސްކުރު ނޫނީ މޮހޮރު ފަދަ އެއްޗެހި ހަމަކޮށްގެން ގެންދަން އެދުނު ކަމަށެވެ. ލަކުޑި ގެންދާން އެދިފައި އޮތީ ބޭނުންވާ ސައިޒުތަކަށް ބުރިކޮށްގެންނެވެ. ދަރިވަރުން ޖެހެނީ ސްކޫލުގައި އެ ރާވާށެވެ.
"ދެރަ ކަމަކީ މި ފަދަ ކަންކަން މާލޭގައި އުނދަގޫވާނެ މިންވަރު ޓީޗަރުން ނުވިސްނާކަން. މާލޭގެ ކާޕެންޓަރީއަކުން އެވަރު ކުޑަކުޑަ ކަމެއްގަ އަތް ނުލާނެކަން. ދެފޫޓު ތިން ފޫޓުގެ ކުޑަކުޑަ ކުޅޭ ކުޅޭ މޭޒެއްގެ ފައިތަކާއި މަތިގަނޑު ބުރިކޮށް، މަށައި ހަދަން އެމީހުނަށް ވަގުތު ނޯންނާނެކަން. އެކަމަށް އަޅުގަނޑު އޮފީސް ގަޑީގަ މުޅި މާލޭގަ ދުއްވަން ޖެހުނު." އެހެން ބެލެނިވެރިޔަކު ބުންޏެވެ.
އޭނާވެސް ބުނީ މިފަދަ ޕްރެކްޓިކަލް ކަންކަން ކުރުމަށް ހަރަދެއް ނަގައިގެންވެސް ސްކޫލުގައި ރިސޯސް ރޫމް ނުވަތަ މަސައްކަތް ދަސްކުރާ ވަސީލަތް ހުރުމަކީ ހުރިހާ ގޮތަކުންވެސް ފަސޭހަ އަދި މުހިންމު ކަމަކަށް ވާނެ ކަމަށެވެ. ބެލެނިވެރީންގެ ވަގުތާއި ފައިސާއަށް ބެލިޔަސް މިއީ އެންމެ ރަނގަޅު ގޮތް ނޫން ކަމަށާއި މި ކަންކަން ކުރާން މުޅި މާލެތެރޭ ދުއްވުމަކީ ކޮންމެ ކޮންމެ ބެލެނިވެރިޔަކަށް ވާނޭވެސް ކަމެއް ނޫން ކަމަށެވެ.
"މިސާލަކަށް އެކަނި ކުދީން ގޮވައިގެން އުޅޭ އަންހެނުން، ނޫނީ އުމުރުން ދުވަސްވީ މީހަކަށް ވިސްނާލަމާތޯ؟ އޮފީހުން ނުނިކުމެވި ތާށިވެފަ ހުންނަ ބައްޕަ ނޫނީ މަންމަޔަށް ވިސްނަމާތޯ؟ އޭނަ ކިހިނެއްތޯ މިވަރުން މިކަންކަން ކުރާނީ. އަދި އަމުދުން ވެހިކަލެއް ނެތް، ބަހުގަ އުޅޭ މީހުން؟ ތަންތަން ނޭނގޭ މީހުން އެހެން މީހުން ކައިރީ ބުނެކިޔައި އާދޭސްކުރާނީތޯ؟ ސްކޫލުން މިކަންކަން ވާނޭ ގޮތަކަށް ރޭވުން މާފަސޭހަ ނޫންތޯ؟" ފަހުން ވާހަކަދެއްކި ބެލެނިވެރިޔާ ބުންޏެވެ.
ސްކޫލްތަކަށް ކުރަންޖެހޭ ބޮޑެތި ހަރަދުތައް ބެލެނިވެރިން ލައްވައި ނުކުރުމަށް އެޑިއުކޭޝަން މިނިސްޓްރީން އަންގާފައި އޮތް ނަމަވެސް ގިނަ ސްކޫލްތަކުން މި އެންގުމަށް ތަބާ ނުވާ ކަމަށް ބެލެނިވެރިން ބުނެއެވެ.
އެޑިއުކޭޝަން މިނިސްޓްރީގެ ވަފުދުތައް ސްކޫލްތަކަށް ޒިޔާރަތްކުރާ އިރު މިކަންކަމަށް ހައްލު ހޯދުމަށް ބެލެނިވެރިން ޝަކުވާ ކުރިނަމަވެސް ހައްލެއް ނުލިބެއެވެ.
މިކަމާގުޅިގެން "ވަން" އިން ވާހަކަ ދެއްކި ބައެއް ޕްރިންސިޕަލުން ވިދާޅުވީ، ކްރިއޭޓިވް އާޓް ގަޑިއަކީވެސް މުހިންމު ފިލާވަޅުތަކެއް ކުދިންނަށް ނަގައިދޭން ޖެހޭ ގަޑިއެއް ކަމަށެވެ. އެހެންކަމުން އެ މާއްދާއަކަށް ނުވަތަ އެ ފިލާވަޅާކަށް ބޭނުންވާ ތަކެތި ކުދިން ހޯދުމަކީ އެކުދިންނަށް އޭގެން ފައިދާ ކުރާނެ ކަމެއް ކަމަށެވެ.
އެހެން ނަމަވެސް ހަފުތާއަކު 100 ނުވަތަ 200 ރުފިޔާ މިކަމަށް ހަރަދުނުވާނެ ކަމަށާއި މިއީ ވަރަށް މަދު އަދި ގޭތެރެއިން ލިބެން ހުންނަ އެއްޗިހި ބޭނުންކޮށްގެން ގިނަ ފަހަރު ފިލާވަޅު ނަގައިދޭ މާއްދާއެއް ކަމަށެވެ.
"އަޅުގަނޑަކަށް ހިޔެއް ނުވޭ އެންމެ ދުވަހަކަށްވެސް 100 ނުވަތަ 200 ރުފިޔާގެ ހަރަދު އެ މެޓީރިއަލް ހޯދަން ކުރަންޖެހޭނެ ކަމެއް. އެކަމަކު ބައެއް މެޓީރިއަލްސްތަކަކީ ގަންނަން ޖެހޭ އެއްޗެހި ނޫނެކޭ ނުއެއް ބުނާނަން. އެކަމަކު ކޮންމެ ހަފުތާއަކު މިވަރަކަށް ހަރަދުތަކެއް ނުދާނެ. ބައެއް ދުވަސްތައް ހަމައެކަނި ފެންކުލަ ޖައްސާ ދުވަސްތައްވެސް ދާނެ. ކުރަހައި ކުލަޖައްސާ ދުވަސްތައްވެސް ދާނެ." މާލޭގަ ހުންނަ އަމީނިއްޔާ ސްކޫލްގެ ޕްރިންސިޕަލް ނާޒްލީ ވާފިރު "ވަން" އަށް ވިދާޅުވިއެވެ.
މާލޭގެ ބައެއް ސްކޫލްތަކުގެ ޓީޗަރުންނާއި އިންޓަވިއުކުރުމުން ވިދާޅުވީ ބެލެނިވެރިންގެ މާބޮޑު ޝަކުވާތަކެއް އަދި ހުށަހެޅުންތަކެއްވެސް މިކަމުގައި ނުލިބޭ ކަމަށެވެ.
"ޝަކުވާތައް ލިބޭނަމަ އަޅުގަނޑުމެންވެސް އެކަމަށް ވިސްނާނަން. ދެން ވަކި ކުލާސްރޫމެއް އެކަމަށް ހުސްކޮށްފަ ބަހައްޓާ ވާހަކަ. ސްކޫލްތައް ކިތަންމެ އުސްކޮށް އިމާރާތްކޮށްފަ ހުއްޓަސް ހަގީގަތުގަ އަޅުގަނޑުމެން މިއުޅޭނީ ބައިވަރު ކުދިން ގޮވައިގެން. އެކަމަށް ޖާގައެއް ނޯވޭ. އެކަމަކު މިފަދަ ހުށަހެޅުމެއް ބެލެނިވެރިންގެ ފަރާތުން އައިސްފި ނަމަ އެކަމަށް މަޝްވަރާތައް ކުރެވޭނެ. ކުރާނަން. އަޅުގަނޑުމެން އަބަދުވެސް ބެލެނިވެރިންގެ ޝަކުވާތަކުގެ އަޑު އަހާނަން." ސްކޫލްތަކުގެ ބައެއް ޓީޗަރުން ބުންޏެވެ.
ހުލުމާލޭގައި ހުންނަ ހުރަވީ ސްކޫލްގެ ލީޑިން ޓީޗަރު ޝަމަލީ ރަޝާދު "ވަން" އަށް މިއަދު ވިދާޅުވީ ބެލެނިވެރިންގެ ފަރާތުން ބައެއް ފަހަރު ޝަކުވާ އަންނަ ކަމަށެވެ.
ޝަމަލީ ވިދާޅުވީ ބޮޑު ހަރަދެއް ކުރަން ޖެހޭ މަސައްކަތެއް ނަމަ ތަކެތި ގެނައުމަށް ހަވާލުކުރަނީ ގުރޫޕުތަކަށް ބަހާލައިގެން ކަމަށެވެ. އެއީ ބެލެނިވެރިންނަށް އުފުލަން ޖެހޭ ތަކުލީފާއި ކުރަން ޖެހޭ ހަރަދުތައް ކުޑަކުރުމަށް ކަމަށް ވިދާޅުވިއެވެ.
"އަޅުގަނޑުމެން މި ސްކޫލްގަ އެގޮތަށް ޕްލޭން ކުރަނީ. ދެން ކުއްލިއަކަށް އެއްޗެހި ގެންނަން ބުނެފިއްޔާ ބައެއް ފަހަރު ޝަކުވާ އަންނާނެ. އަގުތަކުގެ ގޮތުންވެސް ކުރިން އައި. ދެން ހުށަހެޅުންތަކެއްވެސް އައި. މިސާލަކަށް މާއްދާތަކަށް ބޭނުންވާ މެޓީރިއަލްސް އަހަރުގެ ކުރީކޮޅު ޕްލޭންކޮށް ބުނެދިނީމަ ބޭރުން ތަކެތި ގެނެވޭނެ ކަމަށް ބުނެ. އެހެންވެ ދެން މިހާރު ކޮންމެ ހަފުތާ ބަންދެއްގަ އެ ހަފުތާއަކަށް ބޭނުންވާ މެޓީރިއަލްއެއް ގެންނަން ބެލެނިވެރިންނަށް އަންގަން. އޭރުން ހޯދަންވެސް ފަސޭހަވެގެންދާނެ." އޭނާ ވިދާޅުވިއެވެ.
އަތޮޅުތެރޭ ސްކޫލެއްގެ ޕްރިންސިޕަލަކާ "ވަން" އިން ސުވާލުކުރުމުން ވިދާޅުވީ އެޑިއުކޭޝަން މިނިސްޓްރީން ސްކޫލްތަކަށް ދޭ ބަޖެޓުން މުޅި އަހަރު އެ ހުރިހާ ހަރަދެއް ނުކުރެވޭ ކަމަށެވެ. ބައެއް ފަހަރު ބެލެނިވެރިން އަމިއްލައަށް ބޭނުންވެގެން މިފަދަ ކަންކަމުގައި އިސްނަގައިގެން އަމިއްލައަށް ހަރަދުކުރަން ބޭނުންވާ ކަމަށްވެސް ވިދާޅުވިއެވެ.
މިކަމާ ގުޅިގެން އެޑިއުކޭޝަން މިނިސްޓްރީގެ ބަހެއް ވަނީ ލިބޭ ގޮތް ނުވެފައެވެ. އެގޮތުން އެޑިއުކޭޝަން މިނިސްޓްރީގެ ޑެޕިއުޓީ މިނިސްޓަރު އަހުމަދު މުޖާހިދަށް "ވަން" އިން ގުޅުމުން ފޯނަށް ޖަވާބުދެއްވާފައެއް ނުވެއެވެ. މެސެޖު ކުރުމުންވެސް ޖަވާބެއް ދެއްވާފައެއް ނުވެއެވެ. އެ މިނިސްޓްރީގެ ޕާމަނަންޓް ސެކްރެޓަރީ އަހުމަދު އަލީ އާއި އެ މިނިސްޓްރީގެ މީޑިއާއަށް "ވަން" އިން ގުޅުމުންވެސް ފޯނަށް ޖަވާބު ދީފައެއް ނުވެއެވެ. ޕީއެސް ފަހުން ގުޅުއްވާނެ ކަމަށް ވިދާޅުވެ މެސެޖެއް ކުރެއްވި ނަމަވެސް ހަބަރެއް ވެފައެއް ނުވެއެވެ.
ކޮންމެއަކަސް މި މައްސަލައިގައި ބެލެނިވެރީންގެ ޝަކުވާއަކީ ހިލޭ ތައުލީމީ ނިޒާމެއްގައި އަތުން ކުރާން ޖެހޭ ހަރަދު މާ މައްޗަށް އަރައިގެން ދިއުމެވެ. ހަތަރު ފަސް ކުދީން ތިބޭ ނަމަ ފޮތްލިސްޓުގެ ބޭރުން ދެން ކުރާން އެ ޖެހޭ ހަރަދު ހާހުން އަރައިގެން ދިއުމެވެ. ތަނަވަސްކަމެއް ނެތް ބެލެނިވެރީންނަށް މިއީ މާބޮޑަށް ވެސް ބޮޑު ވޭނެކެވެ. ބުރައެކެވެ. ދަރަނިވެރިކޮށްލާ ދަންތުރައެކެވެ. ދަރީންނަށް ޓަކައި، އެ ނޫންގޮތެއް ނެތިގެން، ކުރާން މަޖުބޫރު ހޭދައެކެވެ. އެހެން ކަމުން މި މައްސަލައަށް ސީރިއަސްކަމާއެކު ވިސްނައި، ހައްލުތަކެއް ހޯދަން ޖެހެއެވެ.