ޔޫއެފާ ޔޫރޮޕާ ލީގު

ޕެނަލްޓީގައި އާސެނަލް ކަޓައިފި، ޔުނައިޓެޑް ކުރިއަށް

ޔޫރޮޕާ ލީގުގެ ގަދަ 16ގެ ދެވަނަ ލެގުގައި ރޭ ކުޅުނު މެޗުންވެސް މޮޅުވެ، މެންޗެސްޓާ ޔުނައިޓެޑް ކުއާޓާ ފައިނަލަށް ދަތުރުކުރި އިރު، ސަޕޯޓިން ލިސްބަން ކައިރިން ޕެނަލްޓީ ޖަހައިގެން ބަލިވެ އާސެނަލް ކަޓައިފިއެވެ.

ޔުނައިޓެޑުން ކުއާޓާ ޔަގީންކުރީ ދެ ލެގުގައިވެސް ރެއާލް ބެޓިސް ކައިރިން މޮޅުވެގެންނެވެ. އަމިއްލަ ދަނޑުގައި ޔުނައިޓެޑުން ކުޅުނު ފުރަތަމަ ލެގު އެ ޓީމުން 4-1 އިން ކާމިޔާބު ކޮށްފައި އޮތްއިރު، ރޭ ރަށުން ބޭރުގައި މޮޅުވީ 1-0ގެ ނަތީޖާއަކުންނެވެ.

ޔުނައިޓެޑުން ރޭ ބެޓިސް ކޮޅަށް ޖެހި ހަމައެކަނި ގޯލު ކާމިޔާބުކުރީ 55 ވަނަ މިނިޓުގައެވެ. ރަޝްފޯޑު ގޯލު ޖެހީ ބްރެޒިލް މިޑްފީލްޑަރު ކަސެމިރޯ ދިން ބޯޅައެއްގައި އޭރިއާ ތެރެއަށް ވަދެ، ފަސޭހަކޮށް ބޯޅަ ކޮންޓްރޯލް ކޮށްލައި ބޯޅަ ގޯލަށް ވައްދާލައިގެންނެވެ.

އޭގެ އިތުރުންވެސް ރަޝްފޯޑުގެ ނުރައްކާތެރި ހަމަލާތައް މެޗުގައި ފެނިގެން ގޮސްފައިވާއިރު، އޭނާ މިހާތަނަށް ޔޫރަޕުގެ މުބާރާތްތަކުގައި ކުޅުނު 64 މެޗުގައި 25 ގޯލު ޖަހައިފައިވެއެވެ.

އާސެނަލާއި ސްޕޯޓިން ލިސްބަން ރޭ ކުޅުނު މެޗަށް ނުކުތީ ފުރަތަމަ ލެގު 3-3 އިން އެއްވަރު ވެފައި އޮވެގެންނެވެ. ރޭގެ މެޗު 1-1 އިން އެއްވަރުވެ ޕެނަލްޓީއަށް ދިޔައިރު، އާސެނަލް ޕެނަލްޓީގައި ބަލިވީ 8-6 ގެ ނަތީޖާއަކުންނެވެ.

އިނގިރޭސި ލީގު ތާވަލުގެ އެއްވަނައިގައި ލީޑުކުރަމުން އަންނަ އާސެނަލުން ރޭގެ މެޗު ރަނގަޅަށް ފަށައި 19 ވަނަ މިނެޓުގައި ލީޑު ނެގިއެވެ. އާސެނަލަށް ލީޑު ނަގައި ދިނީ މިޑްފީލްޑަރު ގްރަނިޓް ޖަކާއެވެ.

ރޭގެ މެޗުގައި ސްޕޯޓިންގެ ގޯލްކީޕަރު އެންޓޯނިއޯ އަދާންގެ މޮޅު ސޭވްތަކެއްވެސް ފެނިގެން ގޮސްފައިވާއިރު، ސްޕޯޓިން ނަތީޖާ ހަމަހަމަކުރީ ދެވަނަ ހާފުގައެވެ. 62 ވަނަ މިނެޓުގައި ޕެރޭރާ ގޮންކާލްވޭސް މެދު ރޮނގާ ހަމައިން މަތިން ޖެހި ބޯޅަ ސީދާ ގޯލަށް އަމާޒުކޮށްލައި ސްޕޯޓިން އެއްވަރުކުރި އިރު، އިތުރު ވަގުތުގައި އެޓީމުގެ މާކަސަ އެޑުވާޑް ޖެހި ބޯޅަ މަތަކުރީ އާސެނަލްގެ ގޯލްކީޕަރު އޭރޮން ރަސްޑޭލްއެވެ.

އާސެނަލްގެ ލިއޭންޑްރޯ ޓްރޮސާޑް އިތުރު ވަގުތުގައި ޖެހި ބޯޅަ ދަނޑިއަށް އަމާޒުވެފައިވާ އިރު، އާސެނަލްގެ ޑިފެންޑަރު ގެބްރިއާލް ޖެހި ބޯޅަ މަތަކުރީ ސްޕޯޓިން ގޯލްކީޕަރެވެ. ޕެނަލްޓީއަށް ދަނިކޮށް ސްޕޯޓިންގެ މެނުއަލް އުގާޓޭއަށް ރަތް ކާޑު ދެއްކުމުން އެޓީމުން މެޗު ނިންމާލީވެސް ކުޅުންތެރިޔަކު މަދުކޮށެވެ.

ޕެނަލްޓީގައި އާސެނަލް މާޔޫސްވީ ގެބްރިއަލް މާޓިނެލީ ޖެހި ޕެނަލްޓީ ސްޕޯޓިން ގޯލްކީޕަރު މަތަކުރުމުންނެވެ.

ރޭ ކުޅުނު ޔޫރޮޕާ ލީގުގެ ގަދަ 16 ގެ އިތުރު މެޗުތަކަށް ބަލާ އިރު، ރަށުން ބޭރުގައި 2-0 އިން ފްރެއިބާގް ބަލިކޮށް ޔުވެންޓަސް ވަނީ ކުއާޓާ ޔަގީން ކޮށްފައެވެ. ރޯމާއިން ރަށުން ބޭރުގައި ކުޅުނު ލެގު އެއްވަރުކޮށް، ކުއާޓާ އަށް ދިޔައީ އެގްރިގޭޓްގައި 2-0 ގެ ނަތީޖާއަކުން ރެއާލް ސޮސިއެދާދު ކަޓުވާލުމަށްފަހުއެވެ. އޭގެ އިތުރުން ބަޔާން ލެވަކޫސަންވެސް ވަނީ ކުއާޓާ ޔަގީން ކޮށްފައެވެ.