Close
ޚަބަރު

އިންތިހާބުތައް ކަވަރު ކުރާ ނޫސްވެރިންގެ ދައުރު ހަނިކުރާ އިސްލާހު ސަރުކާރުން ދިފާއުކޮށްފި

މުހައްމަދު އިޝާން

މި އަހަރު ބާއްވާ ރިޔާސީ އިންތިހާބު ކަވަރުކުރުމުގެ ފުރުސަތު ނޫސްވެރިންނަށް ހަނިކުރާ އިސްލާހު ސަރުކާރުން ދިފާއުކޮށްފިއެވެ.

އިންތިހާބު ކަވަރުކުރުމަށް ހަރަކާތްތެރި ވެވޭނީ ހަމައެކަނި ރަޖިސްޓާޑް ނޫސްވެރިންނަށް ކަމަށް ބަޔާންކޮށް އާންމު އިންތިހާބުތަކާ ބެހޭ ގާނޫނަށް ސަރުކާރުގެ ފަރާތުން ހެންވޭރު އުތުރު ދާއިރާގެ މެމްބަރު އިބްރާހީމް މުއިއްޒު ވަނީ އިސްލާހު ހުށަހަޅުއްވައިފައެވެ. އެ އިސްލާހުގައިވާ ގޮތުން އިންތިހާބުގެ ވޯޓު ނަގާ ދުވަހު ވޯޓުލުމުގެ ކަންކަން މޮނިޓާކުރުމަށް ވޯޓުލާ ސަރަހައްދުގައި ހަރަކާތްތެރިވެވޭނީ ހަމައެކަނި އިލެކްޝަންސް ކޮމިޝަން (އީސީ) އިން ހުއްދަ ދޫކޮށްފައިވާ ނޫސްވެރިންނަށެވެ.

އެ އިސްލާހާ ގުޅިގެން ނޫސްވެރިންނާއި މޯލްޑިވްސް ޖާނަލިސްޓް އެސޯސިއޭޝަން (އެމްޖޭއޭ) އަދި ޓްރާންސްޕޭރެންސީން ވަނީ ކަންބޮޑުވުން ފާޅުކޮށްފައެވެ.

އެ ކަންބޮޑުވުން އޮއްވައި ރައީސް އޮފީހުން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި އެ އޮފީހުގެ ތަރުޖަމާނު މިއުވާން މުހައްމަދު ވިދާޅުވީ އާންމު އިންތިހާބުތަކާ ބެހޭ ގާނޫނަށް ހުށަހަޅާފައިވާ އިސްލާހުގެ ސަބަބުން މީގެ ކުރިން ނޫސްވެރިންނަށް ނުލިބޭ ފުރުސަތުތަކެއް ލިބިގެންދާނެ ކަމަށެވެ.

މިއުވާން ވިދާޅުވީ އެ އިސްލާހުގެ ސަބަބުން ނޫސްވެރިން މީގެ ކުރިން އިންތިހާބުތައް ކަވަރުކުރުމަށް ލިބެމުންދިޔަ ފުރުސަތުތައްވެސް ހަނި ނުވާނެ ކަމަށެވެ.

"ތިބޭފުޅުން އެ ބިލް ރަނގަޅަށް ބައްލަވާލައްވައިފިއްޔާ ފެނިވަޑައިގަންނަވާނެ މީގެ ކުރިން ނޫސްވެރިންނަށް ނުލިބޭ ފުރުސަތުތަކެއް ވެސް ލިބިގެންދާނެ. އެނގިވަޑައިގަންނަވާނެ އިންތިހާބާ ބެހޭ މަރުކަޒުތަކާއި ވޯޓުލާ މަރުކަޒުތަކުގައި އާންމު ރައްޔިތުންނަށް ނުލިބޭ އެކްސެސް މީޑިއާތަކަށް ލިބިގެން އެބަދޭ، އެއިން އެއްވެސް ކަމެއް އެއްވެސް ވަރަކަށް ހަނިކުރަނީއެއް ނޫން،" މިއުވާން ވިދާޅުވިއެވެ.

އިލެކްޝަންސް ކޮމިޝަން (އީސީ)ން ވަނީ ކުރިއެކޭ އެއްގޮތަށް މިފަހަރުވެސް ރާއްޖެއިން ބޭރުގެ ނޫސްވެރިންނަށް އިންތިހާބު ކަވަރު ކުރުމުގެ ފުރުސަތު ހުޅުވައިލައިފައި ކަމަށާއި އެހެންކަމުން ބޭރުގެ މީޑިއާތަކަށްވެސް އިންތިހާބު ކަވަރުކުރުމުގެ ފުރުސަތު ލިބިގެންދާނެކަމަށް އޭނާ ވިދާޅުވިއެވެ.

މިއުވާން ވިދާޅުވީ ގާނޫނަށް އިސްލާހު ގެންނަން ހުށަހެޅީ މީޑިއާއަށް ހުރަސް އެޅުމުގެ ގޮތުން ނޫން ކަމަށެވެ.