Close
ޚަބަރު

އެމްއެމްޕީއާރުސީގެ ހިޔާނާތް: މޫސާ އަލީ ޖަލީލަށް ދައުވާކުރަން ފޮނުވައިފި، އެއްމިލިއަން ރުފިޔާ އަނބުރާ ހޯދަނީ

އެމްއެމްޕީއާރުސީގެ ހިޔާނާތުގެ މައްސަލައިގައި ކުރީގެ ޑިފެންސް މިނިސްޓަރު މޭޖާ ޖެނަރަލް ރިޓަޔާޑް މޫސާ އަލީ ޖަލީލުގެ މައްޗަށް ދައުވާކޮށްދިނުމަށް އެދި ޕްރޮސިކިއުޓަރ ޖެނަރަލްގެ އޮފީހަށް ފޮނުވައިފިއެވެ.

އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އިން މިއަދު މީޑިއާތަކަށް ފޮނުވި މެސެޖެއްގައި ބުނީ، ޓޫރިޒަމްގެ ބޭނުމަށް ރަށްތަކާއި ފަޅުތައް ކުއްޔަށް ދޫކޮށްގެން އެމްއެމްޕީއާރުސީއަށް ލިބުނު ފައިސާގެ ތެރެއިން އަހުމަދު އަދީބު އަބްދުލްގަފޫރު މެދުވެރިކޮށް މޫސާ އަލީ ޖަލީލަށް ލިބިފައިވާ ފައިސާއަކީ ކުށްކޮށްގެން ހޯދާފައިވާ ފައިސާ ކަމާއި އެއީ އެކަށީގެންވާ ސަބަބުގެ މައްޗަށް ބިނާކޮށް ޝައްކުކުރެވޭ ހާލަތުގައި ހުރެ މޫސާ އަލީ ޖަލީލު ހޯދާފައިވާ ފައިސާކަމާއި އެ ފައިސާ އޭނާގެ އަމިއްލަ ބޭންކް އެކައުންޓަށް ޖަމާކޮށް އަމިއްލަ ބޭނުންތަކަށް ބޭނުންކޮށްފައިވާކަން ތަހުގީގަށް ހޯދިފައިވާ ކަމަށެވެ.

މި މައްސަލައިގައި މޫސާ އަލީ ޖަލީލުގެ މައްޗަށް ދައުވާކޮށްދިނުމަށް އެދި ޕީޖީ އޮފީހަށް ފޮނުވާފައިވަނީ މަނީ ލޯންޑްރިން އަދި ޓެރަރިޒަމްއަށް ފައިނޭންސްކުރުން ހުއްޓުވުމުގެ ގާނޫނުގެ 5 ވަނަ މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާ މަނީ ލޯންޑްރިންގެ ކުށުގެ ދައުވާ އެވެ.

އަދި މި މައްސަލައިގައި ދައުލަތަށް ލިބެންޖެހޭ އެއް މިލިއަން ދިވެހި ރުފިޔާ އަނބުރާ ހޯދުމަށް އެމްއެމްޕީއާރުސީއަށް އަންގާފައިވާ ކަމަށްވެސް އޭސީސީން ބުންޏެވެ.