ޔޫއެފާ

ޔުނައިޓެޑް ވިއްކާލުން: މަލްޓި-ކްލަބު އޯނާޝިޕް އުސޫލު ބަދަލުކުރަން ޔޫއެފާއިން ވިސްނަނީ

މުޙައްމަދު ޝަމްޢޫން

ދެ ކްލަބެއްގެ ވެރިއެއްގެ ގޮތުގައި އެއް ވަގުތެއްގައި އެކަކަށް ނުހުރެވޭ ގޮތަށް އޮންނަ އުސޫލާމެދު އިތުރަށް ވިސްނަން ޖެހޭ ކަމަށް ޔޫއެފާގެ ރައީސް އެލެކްސެންޑްރާ ސެފެރިން ވިދާޅުވެއްޖެއެވެ.

މިހާރު ޔޫރަޕްގެ ފުޓުބޯޅަ އޮނިގަނޑުގެ އުސޫލު އޮންނަ ގޮތުން، އެއް ވެރިއެއްގެ އަތުގައި އޮންނަ ދެ ކްލަބަކަށް އެއް ފަހަރާ ޔޫއެފާގެ މުބާރާތްތަކުގައި ވާދައެއް ނުކުރެވޭނެއެވެ. އެ އުސޫލުގެ ތެރެއިން ކްލަބުގެ ވެރިންގެ ގޮތުގައި ޔޫއެފާއިން ބަލާނީ ކްލަބުގެ ކަންކަން ނިންމުގައި ވޯޓު ދިނުމުގެ ބާރު އޮންނަ ފަރާތްތަކުގެ އިތުރުން ކްލަބުތަކުގެ ބޯޑު މެމްބަރުންނާއި އިދާރާ މަގާމުތަކުގައި ތިބޭ މީހުންނާއި މެނޭޖުމަންޓްގެ މީހުން ވަކިކުރެވޭނެ މީހުންނަށެވެ. އަދި އޭގެ އިތުރުންވެސް ކްލަބުގެ ގޮތް ނިންމުމުގެ ބާރު އޮންނަ ފަރާތްތަކުގެ އިތުރުން މެޖޯރިޓީ ހިއްސާ ދާރުންނަކީވެސް ކްލަބުގެ ވެރިންގެ ގޮތުގައި ޔޫއެފާއިން މާނަކޮށްފައިވެއެވެ.

އެ ސަބަބާހެދި ޔޫރަޕްގެ ބޮޑެތި ބައެއް ކްލަބުތަކުގެ ވެރިންނަށް އިތުރު ބޮޑެތި ކްލަބުތައް ގަތުމުގައި އުނދަގޫތަކެއް ދިމާވެފައިވާ އިރު، މެންޗެސްޓާ ޔުނައިޓެޑް ވިއްކާލުމުގައިވެސް އެ އުސޫލުގެ ތެރެއިން ކަންތައްތަކެއް ކުރިމަތިވެފައިވާ ކަމަށް ނޫސްތައް ބުނެއެވެ.

ޔުނައިޓެޑް ގަތުމަށް މިހާރު ރަސްމީކޮށް ބިޑްކޮށްފައިވާ ފަރާތްތަކުގެ ތެރޭގައި ފްރާންސްގެ ނީސްގެ ވެރިޔާ އިނގިރޭސި ބިލިއަނަރު ސާ ޖިމް ރަޗްކްލިފާއި ގަތަރުގެ ކޮންސީޓިއަމްއެއް ކަމަށްވާ ޝެއިހް ޖަސީމް ބިން ހަމަދު އަލް ސާނީ ހިމެނެއެވެ.

ގަތަރުގެ ޕީއެސްޖީ ވެރިންވެސް ޔުނައިޓެޑަށް ވަރަށް ބޮޑަށް ޝައުގުވެރިކަން ފާޅުކޮށްފައިވާ އިރު، ޕީއެސްޖީ ރައީސް ނަސޭރް އަލް-ހެލައިފީ އަކީ ޔޫއެފާގެ ކްލަބު އޯނާޝިޕް އުސޫލު ބަދަލުކުރުމަށް އެންމެ އިސް ދައުރެއް އަދާކުރައްވާ ފަރާތެވެ.

"ޔޫއެފާގެ ކްލަބު އޯނާޝިޕް އުސޫލުތަކަށް ވާހަކަތަކެއް ދެކެވެން އެބަޖެހޭ. މަލްޓި-ކްލަބު އޯނާޝިޕަށް ސީދާ ނޫނެކޭ ބުނުމަކީ އެހާ ރަނގަޅު އުސޫލެއް ކަމަކަށް ނުބެލެވޭ. އެހެން ނަމަވެސް އެ އުސޫލަށް ވިސްނާ ނަމަވެސް، ހަރުކަށި ގޮތަކަށް އުސޫލު އަބަދުވެސް އޮންނަން ވާނެ ކަމަށް ފެންނަނީ. އެއީ ފުޓުބޯޅައިގެ ތެރޭގައި ކަންކަމުގެ ހަމަ ހިފަހައްޓަން،" ޔޫއެފާ ރައީސް ސެފެރިން ވިދާޅުވިއެވެ.

ސެފެރިން އިތުރަށް ވިދާޅުވީ ފުޓުބޯޅައަށް އަންނަ ބަދަލުތަކަށް ހޭނެން އަވަހަށް ގޮތް ނިންމުން މުހިއްމު ކަމަށާއި، މި ވިސްނަނީވެސް ޔުނައިޓެޑަށް އެކަން ނޫން ކަމަށެވެ. ސެފެރިން ވިދާޅުވީ މަޝްވަރާތައް އެކްސްކޯގައި ކުރިއަށް ގެންދަން ވިސްނަވާ ކަމަށާއި، އުސޫލަށް ބަދަލެއް ގެންނަން އެކްސްކޯއަށް ފެނިއްޖެ ނަމަ، އާ އުސޫލުތަކަކަށް ވިލަރެސް ކުރަން ތައްޔާރުވާނެ ކަމަށެވެ.

ގަތަރު ސަރުކާރުން ފުޓުބޯޅައިގެ ތެރޭގައި އެންމެ އިސްކޮށް ހަރަކާތްތެރިވާ ޕީއެސްޖީގެ ރައީސް ހެލައިފީއަކީ ޔޫއެފާއާ ގާތް ގުޅުމެއް އޮންނަ ޔޫރަޕިއަން ކްލަބްސް އެސޯސިއޭޝަންގެ މިދައުރުގެ ޗެއާމަނެވެ. އެހެންކަމުން ހެލައިފީއަކީ ޔޫއެފާގެ ރައީސް ސެފެރިންނާ ގާތް ގުޅުމެއް އޮންނަ ފަރާތެކެވެ.

އެ ކަންކަމަށް ބަލައި، ކުރިން މީޑިއާތަކުން ބުނެފައި ވަނީ އެއް އޯނާޝިޕެއްގެ ދަށުގައި ދެ ކްލަބެއް އޮތުމަށް ޔޫއެފާއަށް ގެންނަން މަސައްކަތް ކުރާ ބަދަލު ފެނުން ގާތް ކަމަށެވެ.