މި ސީޒަން ނިމޭއިރު ޕްރިމިއާ ލީގުގެ ފަސްވަނައިގައި އޮންނަ ޓީމާއެކު، ޖުމުލަ ފަސް ޓީމަށް އަންނަ ސީޒަނުގެ ޗެމްޕިއަންސް ލީގުގެ ގްރޫޕް ސްޓޭޖުން ޖާގަ ލިބޭނެކަން ކަށަވަރު ވެއްޖެއެވެ.

ޔޫއެފާއިން ޗެމްޕިއަންސް ލީގުގެ ސިސްޓަމަށް ގެނެސްފައިވާ ބަދަލާއެކު، ކޮންމެ ސީޒަނެއްގައިވެސް އެންމެ ރަނގަޅު ޓީމުތައް ހިމެނޭ ލީގުތަކުގެ ތެރެއިން ދެ ލީގަކަށް ކޮލިފިކޭޝަން އިތުރު ޖާގައެއް ދޭން ވަނީ ނިންމައިފައެވެ. އެ ޖާގަ ދިނުމުގައި ޔޫއެފާއިން ބަލަނީ ޗެމްޕިއަންސް ލީގުގެ އިތުރުން ޔޫއެފާ އެހެން މުބާރާތްތަކުގައިވެސް އެލީގެއްގެ ޓީމުތައް ކުޅޭ ކުޅުމަށެވެ.

ކްލަބުތަކުގެ ކާމިޔާބީއަށް ބަލައި، ކޮއިފިޝެންޓް ޕޮއިންޓް ދީގެން ޔޫއެފާއިން ލީގުތައް ރޭންކް ކުރާއިރު، ޕްރިމިއާ ލީގަށް ޖެހިޖެހިގެން ދެވަނަ ފަހަރަށް ޗެމްޕިއަންސް ލީގުގެ އިތުރު ޖާގަ ޔަގީންވީ ރޭ އާސެނަލުން ޗެމްޕިއަންސް ލީގުގެ ކުއާޓާ ފައިނަލް ފުރަތަމަ ލެގުގައި 1-0 އިން ސްޕޯޓިން ބަލިކުރި ހިސާބުންނެވެ.

މިފަހަރު ޗެމްޕިއަންސް ލީގުގެ ގަދަ 16 އަށް ޕްރިމިއާ ލީގުގެ ނުވަ ކްލަބަކުން ދަތުރުކުރުމުގެ އިތުރުން ލީގު ފޭސްގައިވެސް ޕްރިމިއާ ލީގު ކްލަބުތަކުގެ ނަތީޖާ ރަނގަޅުވުމުން، ފުރަތަމަ ޖާގަ ކުރިންވެސް އޮތީ އިންގްލެންޑަށް ޔަގީންވުމާ ގާތުގައެވެ.

މިދިޔަ ސީޒަނުގެ ލީގުގެ ފަސްވަނައިގައި ނިންމާލައިގެން ނިއުކާސަލް މިފަހަރު ޗެމްޕިއަންސް ލީގުގައި ވާދަކޮށްފައިވާ އިރު، ދެވަނަ ޖާގައަށް އެންމެ އުންމީދު ބޮޑީ ސްޕެއިން ލީގަށެވެ. އެހެން ނަމަވެސް ޖަރުމަނާއި ޕޯޗުގަލްއިން ވާދަކުރެއެވެ.