ޖަލުން ސަލާމަތްވުމަށްޓަކައި ކުރީގެ ނާއިބު ރައީސް އަހުމަދު އަދީބު އަބްދުލްޣަފޫރާއެކު ރައްޔިތުންގެ މަޖިލީހުގެ ރައީސް އަދި އެމްޑީޕީގެ ރައީސް ޑީލް ހެއްދެވި ކަމަށާއި އެކަމުގެ ހެކި އެބަހުރި ކަމަށް މަރަދޫ ދާއިރާގެ މެމްބަރު އިބްރާހިމް ޝަރީފް ވިދާޅުވެއްޖެއެވެ.
ޝަރީފް މިހެން ވިދާޅުވީ، ރައީސުލްހުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހުގެ ފެކްޝަނާއި، ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދުގެ ފެކްޝަނަށް ނިސްބަތްވާ މަޖިލިސް މެންބަރުންގެ މެދުގައި އުފެދިފައިވާ ދެބަސްވުމުގެ ތެރެއިން އެއްބަޔަކު އަނެއް ބައެއްގެ ބޮލުގައި އެކިއެކި ބަދުނާމު އަޅުވަން މަޖިލިސް ތަޅުމުގައި ދައްކަމުން ގެންދާ ވާހަކަތަކުގެ ތެރެއިން މިއަދުގެ ބަހުސްގައި އިދިކޮޅު ފެކްޝަނުގެ މެންބަރުން ދެއްކެވި ވާހަކަތަކަށް ރައްދު ދެއްވަމުންނެވެ.
ގްލޯބަލް އޯގަނައިޒޭޝަން އޮފް ޕާލިމެންޓޭރިއަންސް އެގެއިންސްޓް ކޮރަޕްޝަން (ގޯޕެކް) ގައި ރައްޔިތުންގެ މަޖިލީހުން ބައިވެރިވުމާ ގުޅޭ މައްސަލައިގެ ބަހުސްގައި ރައީސް ނަޝީދުގެ ފެކްޝަނުގެ މެންބަރުން ވިދާޅުވީ، މީގެ ކުރިން އެމްޑީޕީއަށް ނިސްބަތްކޮށް ކޮރަޕްޝަންގެ ވާހަކަ ނުދެއްކި ނަމަވެސް މިހާރު އެމްޑީޕީ މެންބަރުންގެ ބޮލުގައި ކޮރަޕްޝަންގެ ބޮޑެތި ތުހުމަތުތައް އަޅުވަމުންދާ ކަމަށެވެ.
އެއީ ރައީސް ސޯލިހުގެ ސަރުކާރުގައި އިންތިހާއަށް ކޮރަޕްޝަން ގިނަވުމުން ހިނގާ ކަމެއް ކަމަށްވެސް އެ މެންބަރުން ތުހުމަތު ކުރެއްވިއެވެ.
ކޮރަޕްޝަން ހުއްޓުވުމުގެ ނަމުގައި ސަރުކާރަށް އައި ނަމަވެސް ރައީސް ސޯލިހަށް އެކަން ހުއްޓުވިފައިނުވާ ކަމަށްވެސް އެ މެންބަރުން ވިދާޅުވިއެވެ. އެގޮތުން ކުރީގެ ރައީސް ޔާމީންގެ ސަރުކާރުން ހިންގި އެމްއެމްޕީއާރުސީގެ ބޮޑު ހިޔާނާތުގެ މައްސަލަވެސް އެ މެންބަރުން ފާހަގަކުރެއްވިއެވެ. އެ ހިޔާނާތުގެ ތުހުމަތުވެސް އެމްޑީޕީ މެންބަރުންގެ ބޮލުގައި އެޅިފައިވާ ކަމަަށްވެސް އެ މެންބަރުން ވިދާޅުވިއެވެ.
އެ މެންބަރުންނަށް ރައްދު ދެއްވައި ވާހަކަ ދައްކަވަމުން ޝަރީފް ވިދާޅުވީ، "އަދީބާ އެކީ ޖަލުން ސަލާމަތްވުމަށް އެކަމުގައި ޑީލް ހެއްދެވި އަޅުގަނޑުމެންގެ ރައީސް މުހައްމަދު ނަޝީދާއި، ކުރީގެ ރައީސް ޔާމީން އަބްދުލްގައްޔޫމާ ދެ މީހުންނަކީ، މި ދެ ބޭފުޅުން މީގަ ޒިންމާވާން ޖެހޭނެ،" ކަމަށެވެ.
އެމްޑީޕީ މެންބަރުންގެ ކޮރަޕްޝަންގެ ތުހުމަތު އަޅުވާ އިރު، އޭރު އެމްޑީޕީގެ އެއްވެސް މެންބަރަކީ، އަދީބާއި ނުވަތަ ސަރުކާރާ އެކީ ޑީލެއް ހެދޭވަރު މީހެއް ނޫން ކަމަށްވެސް ޝަރީފް ވިދާޅުވިއެވެ.
މީގެ އިތުރުން ހުރިހާ ޑީލެއްގެ ޒިންމާ އުފުލަންޖެހޭނީ، "ޕާޓީގެ ރައީސް، ކުރީގެ ރައީސް މުހައްމަދު ނަޝީދު ކަމަށް އަޅުގަނޑު ދަންނަވަނީ ކެރި ހުރެގެން، އަޅުގަނޑުމެން ތަހުގީގަަށް ގެންދަންވީ، ކަން ހިނގައިދިޔަގޮތް ވަރަށް ސާފުކޮށް ބުނެދޭނަން، އޭގެ ހެކި އެބަހުރި،" ކަމަށްވެސް ޝަރީފް ވިދާޅުވިއެވެ.