ޖުމްހޫރީ ޕާޓީ އިސްވެ އޮވެ، ޖުމްހޫރީ ޕާޓީގެ ލީޑަރު އަދި ރައްޔިތުން މަޖިލީހުގެ މާމިގިލި ދާއިރާގެ މެމްބަރު ގާސިމް އިބްރާހީމް ކުރިއަށް އޮތް ރިޔާސީ އިންތިހާބުގައި ވާދަކުރަން ކައުންސިލްގެ އިއްތިފާގުން ދެންމެ ފާސްކޮށްފިއެވެ.
ކުނޫޒްގައި މިއަދު ހަވީރު ބޭއްވި ޖޭޕީގެ ކައުންސިލް ބައްދަލުވުމުގައި ކައުންސިލްގެ އިއްތިފާގުން ފާސްކޮށްފައިވަނީ ރިޔާސީ އިންތިހާބުގައި ގާސިމް ވަކިން ވާދަކުރެއްވުމަށާއި ކޯލިޝަން ހަދަން ބޭނުންވާ ޕާޓީތަކާ އެކު ކޯލިޝަން ހަދައި، އަންނަ ރިޔާސީ އިންތިހާބު ކާމިޔާބު ކުރުމަށެވެ.
ޖުމްހޫރީ ޕާޓީން މިދިޔަ މަހު ބޭއްވި އެ ޕާޓީގެ ގައުމީ ކޮންފަރެންސްގައި ފާސްކޮށްފައި ވަނީ އިންތިހާބުގައި ވާދަކުރުމަށް، ކައުންސިލަށް ލަފާ ދިނުމަށެވެ. ރިޔާސީ އިންތިހާބާ މެދު އެ ޕާޓީން އަމަލު ކުރާނެ ގޮތެއް ނިންމާނީ ގައުމީ ޖަލްސާގައި އިންތިހާބު ކުރާ އާ ކައުންސިލުންނެވެ.
ޖުމްހޫރީ ޕާޓީގެ ރިޔާސީ ކެންޑިޑޭޓު ކަމާއި ކޯލިޝަން ހެދުމަށް މަޝްވަރާ ކުރުމުގެ ބާރުވެސް ވަނީ އެކައުންސިލުން ގާސިމަށް ދީފައެވެ.
ގާސިމް ވަނީ މީގެ ކުރިން 2008 އަދި 2013 ގެ ރިޔާސީ އިންތިހާބުގައި ވެސް ވާދަކުރައްވައިފައެވެ. ނަމަވެސް ދެ ފަހަރުވެސް ނާކާމިޔާބީއާ ކުރިމަތިވެވަޑައިގެންނެވި ނަމަވެސް، އެ ދެ ފަހަރު ވެސް އިންތިހާބު ކާމިޔާބުކުރީ ގާސިމްގެ ތާއީދު އޮތް ކެންޑިޑޭޓެވެ. އެއީ 2008 ގައި އެމްޑީޕީގެ ކެނޑިޑޭޓް ރައީސް މުހައްމަދު ނަޝީދު އަދި 2013 ގައި ޕީޕީއެމްގެ ކެނޑިޑޭޓް ރައީސް އަބްދުﷲ ޔާމީނެވެ. އަދި 2018 ވަނަ އަހަރު ގާސިމް ވަކިން އިންތިހާބުގައި ވާދަ ކުރައްވާފައިނުވާ އިރު، އެފަހަރު ގާސިމް ތާއީދު ކުރެއްވީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހަށެވެ.
ގައުމީ މަޖިލީހުން އެގޮތަށް ފާސްކުރި ފަހުން ރައީސް އިބްރާހީމް މުހައްމަދު ސޯލިހު ވަނީ، ޖުމްހޫރީ ޕާޓީގެ ލީޑަރު އަދި ރައްޔިތުން މަޖިލީހުގެ މާމިގިލި ދާއިރާގެ މެމްބަރު ގާސިމް އިބްރާހީމާ ބައްދަލުކުރައްވައިފައެވެ. އެ ބައްދަލުވުމުގެ މާބޮޑު ތަފުސީލެއް މިހާތަނަށް ހާމަކޮށްފައިނުވިޔަސް އެ ބައްދަލުވުމަށްފަހު ރައީސް ސޯލިހު، ތ. ހިރިލަންދުއަށް ކުރެއްވި ދަތުރުފުޅެއްގެ ތެރެއިން ވިދާޅުވެފައިވަނީ ކޯލިޝަން މަޝްވަރާއިން ރަނގަޅު ގޮތްތަކެއް ހޯދޭނެ ކަމަށެވެ.
ރިޔާސީ އިންތިހާބު އެއްބުރުން ކާމިޔާބުކުރެއްވުމަށް އެމްޑީޕީގެ ރިޔާސީ ކެންޑިޑޭޓް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު މަސައްކަތް ކުރައްވަމުން ގެންދަވާ އިރު, އެމްޑީޕީއާއެކު ކޯލިޝަން ހެދުމަށް އެ މަނިކުފާނު ވަނީ ސަރުކާރު ކޯލިޝަންގައި މިހާރު ހިމެނޭ ޕާޓްނަރުންގެ އިތުރުން އެމްޑީއޭއަށް ދައުވަތު ފޮނުއްވައިފައެވެ.
ރައީސް ސޯލިހު ފޮނުއްވެވި ދައުވަތު މިހާތަނަށް ގަބޫލުކޮށްފައިވަނީ އަދާލަތާއި އެމްޑީއޭއިންނެވެ.
ޚަބަރު
ޚަބަރު
ޚަބަރު