ލ. ފޮނަދޫގައި ކަރު ބުރިކޮށްލައިގެން އަނިޔާވެރި ގޮތަކަށް މަރައިލި، ބަންގްލާދޭޝް ރައްޔިތެއް ކަމަށްވާ މުހައްމަދު އަސަން އުއްލާގެ މަރުގެ މައްސަލައިގައި ދައުލަތުން ދައުވާކުރި 8 މީހުންނަށް ކުށް ސާބިތުނުވި މައްސަަލަ ހައިކޯޓަށް ހުށަހަޅައިފިއެވެ.

މުހައްމަދު އަސަން އުއްލާ މަރާލައިފައި އޮއްވައި ފެނުނީ އޭނާ ގެއްލިގެން އުޅޭތާ ދެ ދުވަސް ފަހުން މާޗް 30، 2017 ވަނަ ދުވަހު ފޮނަދޫ ގޮނޑުދޮށުންނެވެ.

ތަހުގީގަށްފަހު ފުލުހުން ބުނީ، އޭނާ މަރާލައިފައިވަނީ އޭގެ ފަސް ދުވަސް ކުރިން އެ މަހުގެ 26 ވަނަ ދުވަހު ކަން އެނގޭ ކަމަށެވެ.

މި މައްސަލައިގައި 8 މީހެއްގެ މައްޗަށް ދައުވާ އުފުލައިފައިވާއިރު، މައްސަލައިގައި ހިމެނޭ އަބޫ ކަލަމްގެ މައްޗަށް ކޮށްފައިވާ ދައުވާއަކީ ގަސްތުގައި މީހަކު މެރުމުގެ ކުށުގެ ދައުވާއެވެ. ދެން ތިބި ހަތް މީހުންގެ މައްޗަށް އުފުލައިފައިވަނީ ގަސްތުގައި މީހަކު މަރާލުމުގައި ބައިވެރިވުމުގެ ކުށުގެ ދައުވާއެވެ. އެ އެންމެންނަކީވެސް ބަންގްލަދޭޝްއަށް ނިސްބަތްވާ މީހުންނެވެ.

ދައުލަތުން ބުނެފައިވާ ގޮތުގައި، އަސަން އުއްލާ މަރާލީ ބައިސްކަލެއްގެ މަތީގައި އޭނާ އިންދާ، އަބޫ ކަލަމް ހަމަލާދީގެންނެވެ. އަދި ހަމަލާއަށްފަހު އަތިރިމައްޗަށް އަސަން އުއްލާ ގެންގޮސް އޭނާގެ ކަރަށް އަބޫ ކަލަމް ވަޅިން ހަމަލާދީ ކަރު ބުރިކޮށްލި ކަމަށް ދައުލަތުން ބުނެއެވެ. އަސަން އުއްލާ އަތިރިމައްޗަށް ގެންދިޔައީ މި މައްސަލައިގައި ދެން ދައުވާ އުފުލާފައިވާ ހަތް މީހުންގެ އެހީތެރިކަމާއެކުއެވެ.

ކުރިމިނަލްކޯޓުގެ ގާޒީ ޝަފްއަތު ހަބީބު ކުރެއްވި ހުކުމުގައި ވިދާޅުވީ، އެ މައްސަލާގައި ދައުވާކުރި މީހުންގެ މައްޗަށް ކުށް ސާބިތުކުރުމަށް އެކަށީގެންވާ ވަރަށް ހެކި ގަރީނާ ލިބިފައިނުވާ ކަމަށެވެ. އެހެންކަމުން އެ މީހުންގެ މައްޗަށް ކުށް ސާބިތުނުވާ ކަމަށް ކަނޑައެޅުއްވިއެވެ.

ހުކުމުގައިވާ ފާހަަގަކޮށްފައިވާ ގޮތުގައި ތަހުގީގު މަރުހަލާގައި ދެ މީހަކު ކުށަށް އިއުތިރާފުވި ނަމަވެސް އެ މީހުން ހާދިސާ ހިނގި ގޮތް ކިޔައިދީފައިވަނީ ތަފާތު ދެ ގޮތަކަށް ކަމަށާއި ތަހުގީގަށް ދީފައިވާ ބަޔާންތަކުގައި ފުށުއެރުންތަކެއް ހުރި ކަމަށްވެސް ހުކުމުގައިވެއެވެ.