ޚަބަރު

މައުސޫމް، ލަންކާ މިނިސްޓަރަށް: ރާއްޖެއަކީ ދުނިޔޭގެ ފަތުރުވެރިކަމުގެ ބެންޗްމާކް

މުހައްމަދު އިޝާން

ޖަރުމަނު ވިލާތުގައި ކުރިއަށް ގެންދިޔަ އައިޓީބީ ފެއާގައި ސްރީ ލަންކާގެ ޓޫރިޒަމް މިނިސްޓަރު ފެނާންޑޯ ހަރިން ނޫސްވެރިންނާ ބައްދަލުކުރައްވައި ރާއްޖެއަށް ފާޑުވިދާޅުވެ ދެއްކެވި ވާހަކަތަކަށް ރާއްޖޭގެ ޓޫރިޒަމް މިނިސްޓަރު ޑރ. އަބްދުﷲ މައުސޫމް ރައްދު ދެއްވައިފިއެވެ.

ނޫސްވެރިންނާ ބައްދަލުކުރައްވައި ހަރިން ވަނީ "ރާއްޖެއަށް އަންނަ ޓޫރިސްޓުން ހިތްހަމަޖައްސާލަން ލިބޭނެ ހަމައެކަނި ތަނަކީ ރީތި ގޮނޑުދޮށްތައް" ކަމަށާއި "ޓޫރިސްޓުން ފަސް ވަރަކަށް ދުވަހު ރާއްޖޭގައި މަޑުކޮށްލާއިރަށް އެތަންތަނުގެ މަތިން ފޫހިވާނެ" ކަމަށް ވިދާޅުވެފައެވެ.

ހަރިން އެގޮތަށް ވިދާޅުވީ ލަންކާއަށް ފަތުރުވެރިން ދާންވީ ސަބަބުތައް ވިދާޅުވަމުންނެވެ.

ފެނާންޑޯ ހަރިން އިތުރަށް ވިދާޅުވީ ސްރީ ލަންކާއަށް ޒިޔާރަތް ކުރާ ޓޫރިސްޓުން ފޫހި ފިލުވުމަށް ގޮނޑުދޮށްތަކަށް ދިއުމުގެ އިތުރުން ވެސް އެހެން ކަންތައްތައް ކުރެވެން ހުންނާނެ ކަމަށެވެ.

ލަންކާގެ މިނިސްޓަރު އެ ވާހަކަތަކަށް ރައްދު ދެއްވައި ޑރ. މައުސޫމް ވަނީ މިރޭ ޓުވީޓެއް ކުރައްވައިފައެވެ.

ޑރ. މައުސޫމް ވިދާޅުވީ ރާއްޖެއަކީ ތިން ފަހަރު "ވޯލްޑް ލީޑިން ޑެސްޓިނޭޝަން އެވޯޑް" ހޯދާފައިވާ ގައުމެއް ކަމަށާއި ފަތުރުވެރިކަމުގައި ރާއްޖެއަކީ ދުނިޔޭގެ "ބެންޗްމާކް" ކަމަށެވެ.

"ވޯލްޑް ޓްރެވަލް އެވޯޑްސް އިން ދޭ ދުނިޔޭގެ ލީޑިން ޓޫރިސްޓް ޑެސްޓިނޭޝަންގެ ލަގަބު 2020، 2021، އަދި 2022ގައި ހޯދާފައިވާ ދިވެހި ރާއްޖެއަކީ ދުނިޔޭގެ ފެންވަރުގެ ފަތުރުވެރިކަމުގެ ބެންޗްމާކް،" ޑރ. މައުސޫމް ވިދާޅުވިއެވެ.

ރާއްޖޭގެ އަގު ވެއްޓޭ ގޮތަށް ލަންކާގެ މިނިސްޓަރު އެ ގައުމުގެ ޓޫރިޒަމް ޕްރޮމޯޓް ކުރަން މަސައްކަތް ކުރެއްވުމުން ގިނަ ބައެއްގެ ފާޑު ކިޔުން ވަނީ އަމާޒުވެފައެވެ.