ރައްޔިތުންގެ މަޖިލީހުގެ ކ. ގުރައިދޫ ދާއިރާގެ ބައި-އިލެކްޝަންގައި އެމްޑީޕީގެ ފަރާތުން ވާދަކުރާނެ ކެންޑިޑޭޓަކު އިންތިހާބުކުރަން ބޭއްވި ޕްރައިމަރީ އިބްރާހިމް ޝާޒް ކާމިޔާބު ކުރައްވައިފިއެވެ.
ގުރައިދޫ ދާއިރާގެ މަޖިލިސް ގޮނޑި ހުސްވީ އެ ދާއިރާގެ މެމްބަރުކަމުގައި ހުންނެވި އިބްރާހީމް ރިޒާ، ކެންސަރު ބައްޔަށް ފަރުވާ ހޯއްދަވަމުން ގެންދަވަނިކޮށް މިދިޔަ މަހުގެ 23 ވަނަ ދުވަހު އަވަހާރަވުމުންނެވެ.
ގުރައިދޫ ދާއިރާގެ ބައި-އިލެކްޝަންގެ އެމްޑީޕީ ޕްރައިމަރީ މާލެއާއި ގުރައިދޫ ދާއިރާގައި މީހުން ދިރިއުޅޭ ތިން ރަށް (ގުރައިދޫ، މާފުށި އަދި ގުޅި)ގައި މިއަދު ކުރިއަށް ގެންދިޔައިރު، ޕްރައިމަރީގައި ޝާޒްއާ ވާދަކުރެއްވީ އަބްދުﷲ ސައީދާއި މުހައްމަދު މުސްތަފާގެ އިތުރުން ސަލްމާން ރަޝީދެވެ.
ގުރައިދޫއަށް ނިސްބަތްވާ ޝާޒް އެ ދާއިރާގެ ޕްރައިމަރީ ކާމިޔާބުކުރެއްވީ ވޯޓުލީ މީހުންގެ 53.44 ޕަސަންޓް ވޯޓުންނެވެ.
- އިބްރާހިމް ޝާޒް: 311 ވޯޓު (53.44 ޕަސަންޓް)
- މުހައްމަދު މުސްތަފާ: 66 ވޯޓު (11.34 ޕަސަންޓް)
- ސަލްމާން ރަޝީދު: 190 ވޯޓު (32.65 ޕަަސަންޓް)
- އަބްދުﷲ ސައީދު: 15 ވޯޓު (2.58 ޕަސަންޓް)
ގުރައިދޫ ދާއިރާގެ ބައި-އިލެކްޝަންގައި އޮންނާނީ އަންނަ މަހުގެ 15 ވަނަ ދުވަހުއެވެ.
ގުރައިދޫ ދާއިރާއަށް ވާދަކުރުމަށް ޕީޕީއެމްގެ ޓިކެޓް އެ ދާއިރާގެ ކުރީގެ މެންބަރު އިބްރާހީމް ރިޒާގެ ކޮއްކޮ ހުސައިން ރިޒާއަށް ދީފައިވާއިރު އެމްއެންޕީގެ ޓިކެޓް ދީފައިވަނީ އަލީ އާރިފަށެވެ.
ޚަބަރު
ޚަބަރު
ޚަބަރު
ޚަބަރު