ގޯލްޑަން ފުޓްސަލް ޗެލެންޖް

ކުޑަހުވަދޫ ރަށުގެ އުންމީދީ ތަށީގެ މިސްރާބުގައި، އޭދަފުށި ގަދަ 16 އިން ލިބުނު ހިތްވަރާއެކު!

މުޅި ރާއްޖެއަށް ހުޅުވާލައިގެން އަތޮޅުތަކުގެ ރަށްތަކަށް ބާއްވާ ރާއްޖޭގެ އެންމެ ބޮޑު ފުޓްސަލް މުބާރާތް، ސޮނީ ސްޕޯޓްސް ގޯލްޑަން ފުޓްސަލް ޗެލެންޖް 2023ގެ ފައިނަލް ބުރުގެ ކުއާޓާ ފައިނަލް މެޗުތަކަށް ވަގުތު ކުޑަތަންވަމުންދާ އިރު، މިދިޔަ އަހަރު ސެމީ ފައިނަލްގައި ކުޅުނު ދ. ކުޑަހުވަދޫ މިރޭ ނުކުންނާނީ ބ. އަތޮޅުގެ ގަދަބާރު އޭދަފުއްޓާ ދެކޮޅަށެވެ.

މިދިޔަ އަހަރުވެސް ކުއާޓާގައި ފެނިގެންދިޔަ ކުރިމަތިލުމެކެވެ. ކުޑަހުވަދޫން މިދިޔަ ފަހަރު އޭދަފުށި ބަލިކުރި އިރު، މިފަހަރުގެ ނަތީޖާއަށް ބޮޑު އިންތިޒާރެއް ކުރެވެއެވެ.

ޒޯން ތައްޓާއި އަތޮޅު ތަށިވެސް ހޯދި ކުޑަހުވަދޫން ރަނގަޅު މިސްރާބެއްގައި އޮތްއިރު، ޓީމުގެ އެސިސްޓެންޓް ކޯޗު މުހައްމަދު ޔަމާން ދެކޭ ގޮތުގައި ޓީމުގެ އެންމެ ބޮޑު ސިއްރަކީ ޑިސިޕްލިންއެވެ.

"ޓީމު ހަމަ ވަރަށް ފުރިހަމައަށް ތައްޔާރުވަމުން، ޑިސިޕްލިންނާއެކު ގަދައަޅައި މަސައްކަތް ކުރަމުން މިދަނީ. އެއީ ވަރަށް މުހިއްމު ކަމެއް. އިރާދަކުރެއްވިއްޔާ ކުއާޓާގައި ފުރިހަމަ ކާމިޔާބީއެއް ލިބޭނެކަމަށް މި އުންމީދު ކުރަނީ. ސަޕޯޓަރުންނާއެކު ޓީމު ކުރިއަށް މިދަނީ. އައްސަރިބަހާ ސާބަސް ހަމަ ސަޕޯޓަރުންނަށް،" ޔަމާން ގަދަ 16ގެ މެޗަށްފަހު ބުންޏެވެ.

ޔަމާން އިތުރަށް ބުނީ ރަށުގެ އެންމެ ފަރުދުންގެވެސް އުންމީދީ ތަށްޓަކަށް ގޯލްޑަން ފުޓްސަލް ޗެލެންޖްގެ ތަށި ވެފައިވާ ކަމަށާއި، އެ ތަށްޓަށް ޓީމުގެ މިސްރާބު ރަނގަޅަށް ހުރި ކަމަށެވެ.

"އަޅުގަނޑުމެންގެ އުންމީދަކީ އެންމެ ކުރިއަށް ދިޔުން. ތަށްޓަށް އުންމީދުކުރަނީ. އެކަމަށް ވިސްނައިގެން އެންމެ ފުރަތަމަ ދުވަހުން ފެށިގެން މަސައްކަތް މިކުރަނީ. އަލްހަމްދުﷲ، މިހާތަނަށް އައިރު ފެނުނު މަންޒަރު، އަދި ލިބެމުންދާ ކާމިޔާބީތަކުން މިސްރާބު ހުރީ ރަނގަޅަށް، އިރާދަކުރެއްވިއްޔާ ކާމިޔާބުވާނެ. ރަށުގެ ކޮންމެ ފަރުދެއްގެވެސް ވަރަށް ބޮޑު އުންމީދެއް ގޯލްޑަން ފުޓްސަލްގެ ތަށްޓަކީ. މި ތަށްޓަކީ ވަރަށް ބޮޑު އުންމީދު މުޅި ރަށުގެވެސް،" ޔަމާން ފާހަގަކުރިއެވެ.

ކުޑަހުވަދޫއާ ދެކޮޅަށް މިރޭ ނުކުންނަ އޭދަފުއްޓަށް ޒޯން ތަށި ގެއްލުނު ނަމަވެސް، އެޓީމުން ގަދަ 16 ގައި ވަނީ ހިތްވަރާއެކު ފުވައްމުލަކު ސިޓީގެ ދަނޑިމަގު ބަލިކޮށްފައެވެ. އެ މޮޅާއެކު ޓީމަށް ހައްލުތަކެއް ހޯދެމުންދާ ކަމަށް މެނޭޖަރު މުހައްމަދު ޖަޒުލާން ޖާދުﷲ ބުންޏެވެ.

"ގަދަ 16ގައި މޮޅު ހޯދުނީ މުޅި ޓީމު ކުރި ހިތްވަރާއެކު ހޯދުނު މޮޅެއް. ގޯލު ޖެހުމުގެ ކަންތައްވެސް މެޗަކަށްވުރެ މެޗެއް ރަނގަޅުވެގެން މިދިޔައީ. އެ ގޯލު ނުޖެހުމުގެ މައްސަލައާއެކު ކުރިން މައްސަލަތައް ދިމާވީ ޓީމަށް. އެކަން ރަނގަޅުކޮށް ދެން އޮތް މެޗަށްވެސް ނުކުންނާނީ،" ޖަޒުލާން ބުންޏެވެ.

އޭދަފުއްޓާއި ކުޑަހުވަދޫ ވާދަކުރާ މެޗު 9:00 ގައި އޮންނާނީ ރެހެންދި ދަނޑު ދޭއްގައެވެ.