މުޅި ރާއްޖެއަށް ހުޅުވާލައިގެން އަތޮޅުތަކުގެ ރަށްތަކަށް ބާއްވާ ރާއްޖޭގެ އެންމެ ބޮޑު ފުޓްސަލް މުބާރާތް، ސޮނީ ސްޕޯޓްސް ގޯލްޑަން ފުޓްސަލް ޗެލެންޖް 2023 ގެ ފައިނަލް ބުރުގެ ފޯރިގަދަ ކުއާޓާ ފައިނަލް މެޗުތައް މިރޭ އޮންނަ އިރު، އެންމެ ގިނަ ބައެއްގެ ލޯތައް އަމާޒުވެފައިވާނެ މެޗަކަށް ވެގެންދާނީ އެންމެފަހުން ދެ އަހަރުގެވެސް ޗެމްޕިއަން ތ. ތިމަރަފުށިން ލ. އަތޮޅުގެ ރަސްކަން ކުރަމުންދާ ގަމާ ދެކޮޅަށް ނުކުންނަ މެޗެވެ.
ތިމަރަފުށިން އަދި ތަށްޓެއްގައި އަތް ނުލައި، މިމުބާރާތުގެ ކުއާޓާއަށް ދަތުރު ކުރި ނަމަވެސް، ގަދަ 16 ގައި އެޓީމުން ފެންވަރު ސާބިތުކޮށްދިނެވެ. މިދިޔަ އަހަރުގެ ރަނަރަޕް އަދި މިއަހަރުގެ ޗެރިޓީ ޝީލްޑް ކާމިޔާބުކުރި ކ. ގާފަރު ޕެނަލްޓީގައި ބަލިކޮށްގެންނެވެ. މިރޭގެ ޗެލެންޖަށް ތިމަރަފުށީގެ ކޯޗު، އަލީ ފަހުމީ (އައްޔަ)އަށް އޮތް އެންމެ ބޮޑު އުފާވެރިކަމަކީ ޓީމު އަނބުރާ ރަނގަޅު ޓްރެކަށް އެޅިފައިވާ ކަމުގެ ސިގްނަލް ލިބިފައި އޮތުމެވެ.
"މުބާރާތުގައި އަޅުގަނޑު ބޭނުންވަނީ ތިމަރަފުއްޓަށް ތިންވަނަ ތަށި ހޯދައި، ގޯލްޑަންގެ ތަށި މިލްކް ކޮށްދޭން. ބައެއް ފަހަރު ބޭނުންވާ އެއްޗަށް މަސައްކަތް ނުކޮށް، އެހެން އެއްޗެއްސަށް ކުރާ މަސައްކަތް ތަންކޮޅެއް ދޫކޮށްލެވޭ ފަހަރު އާދޭ. އަތޮޅާއި ޒޯންގެ ފައިނަލް މެޗުން ކުޅުންތެރިންގެ ފަރާތުން އެކަށީގެންވާ ޓެމްޕޯއެއް ނުފެނުނި. ކުޅުންތެރިންނަށް ހިތްވަރު ދޭން އޭރު މަސައްކަތްވެސް ކުރިން އެކަމަކު އެ މަންޒަރު ނުފެނުނު. ދެން ވެދާނެ އެ ތަށިތަކަށްވުރެ ބޮޑަށް ސީދާ ބޮޑު ތަށި ދިފާއުކުރަން މާ ބޮޑަށް ކުޅުންތެރިން ބޭނުންވެ، އެކަމަށް އެފޮޓް ލެވެނީ ކަމަށްވެސް،" އައްޔަ ބުންޏެވެ.
އައްޔަގެ ނަޒަރުގައި ތިމަރަފުށީގެ ކުޅުންތެރިންނަށް ނޮކްއައުޓް ބުރުގެ ސީރިއަސްކަން ވަރަށް ރަނގަޅަށް އެނގޭނެއެވެ. އަދި ކަޓައިގެން ދާނެ މެޗެއްކަން ދަނެ، މިރޭވެސް ނުކުންނާނީ ފޯކަސް ރަނގަޅުކޮށްގެން ކަމަށް އޭނާ ބުންޏެވެ.
"ދެން އޮތީ ހުސް ނޮކްއައުޓް. މުބާރާތުގައި ދެތަށި ގެއްލުނަސް ނުކަޓައި އޮތީ. އެހެން ނަމަވެސް ދެން އެ ފުރުސަތު ނޯންނާނެ ކަމަށް ބަލައިގެން ނުކުންނާނީ. ގެއްލުނު ފުރުސަތުތަކަށްފަހު ހަމަ ޓީމަށް ޑިފެންސިވް ފޯކަސް އިތުރުކޮށް، ސީރިއަސްކަން ބޮޑަށް ގެނެސްގެން މި މެޗުތަކަށް ނުކުންނާނީ،" އައްޔަ ބުންޏެވެ.
ތިމަރަފުއްޓާ ދެކޮޅަށް ނުކުންނަ ގަމަކީ ލ. އަތޮޅުގެ ޗެމްޕިއަނެވެ. ޒޯން ހައެއްގެ ފައިނަލުގައި ގދ. ވާދޫ އަތުން ބަލިވި ނަމަވެސް ގަމަށް އޮތް ހިތްހަމަ ޖެހުމަކީ ގަދަ 16 ގައި މ. ދިއްގަރު ކައިރީ ރަނގަޅަށް ކުޅެ، އެޓީމު ބަލިކުރެވިފައި އޮތުމެވެ.
"ހިތްހަމަ ޖެހޭ ގަދަ 16 ގައި ދިއްގަރު ބަލިކުރެވުމުން. އަބަދުވެސް ކުރިއަށް އޮތް މެޗަށް ގަން ފޯކަސް ކުރާނީ. އެހެން ތައްޔާރުވަމުންދާނީ. މިދިޔަ އަހަރަށްވުރެ ޓީމު ރަނގަޅަށް އޮތީ. ވަކި ހިސާބަކުން ކުޑަކޮށް ލޮޅުމެއް އެރި ނަމަވެސް، އަނެއްކާވެސް މިހާރު މިއޮތީ ބެކްޓު ފޯމުގައި. ދެން އިރާދަކުރެއްވިއްޔާ އަނެއްކާވެސް ހަމަ ރަނގަޅަށް ދާނީ،" ގަމުގެ ކޯޗު، އިސްމާއީލް ޝަރީފް (އިއްސެ) ބުންޏެވެ.
ގަމާއި ތިމަރަފުށި ވާދަކުރާ މެޗު މިރޭ އޮންނާނީ 8:00 ގައި ގްރައުންޑް ދޭއްގައެވެ.