ސްޕެނިޝް ލަލީގާގެ މެޗުތަކުގެ ނިންމުންތައް ބަދަލުކުރުމަށް ނުފޫޒު ފޯރުވައި، ރެފްރީން ގަތުމަށް ބާސެލޯނާއިން ހަރަދުކުރި ކަމަށް ބުނާ މައްސަލައިގައި އެކްލަބަށް ދައުވާ ކޮށްފިއެވެ.
ބާސާއިން ރެފްރީންނަށް ނުފޫޒު ފޯރުވައި، ކޮރަޕްޝަން ހިންގުމަށް 2001 އިން 2018 ވަނަ އަހަރާ ހަމައަށް ލަލީގާގެ ޓެކްނިކަލް އާބިޓްރަލް ކޮމިޓީގެ ކުރީގެ ނައިބު ރައީސް، ޖޯސޭ މާރިއާ އެންރިކޭޒް ނެގްރޭރާއަށް 7.4 މިލިއަން ޑޮލަރު ދިން ކަމަށް ބުނާ މައުލޫމާތުތަކެއް މިދިޔަ މަސް ތެރޭގައި މީޑިއާތަކަށް ލީކުވެފައިވެއެވެ.
ލީކުވި މައުލޫމާތުތަކުގައި ވާގޮތުން، ބާސާއިން ވަނީ އެތައް ފަހަރެއްގެ މަތިން ނެގްރޭރާ އަށާއި އޭނާ ހިއްސާވާ ކުންފުންޏަކަށް ފައިސާ ޖަމާކޮށްފައެވެ.
ބާސެލޯނާގެ ޕަބްލިކް ޕްރޮސެކިއުޓާ އޮފީހުން ބާސާގެ މައްޗަށާއި ކްލަބުގެ ކުރީގެ ދެ ރައީސުން ކަމަށްވާ ޖޯސެފް ބާޓޮމޭއޫ އަދި ސަންޑްރޯ ރޮސެލްގެ މައްޗަށް ދައުވާ އުފުލާފައި ވަނީ ފައިސާގެ ނުފޫޒު ފޯރުވައި، ކޮރަޕްޝަންގެ އަމަލު ހިންގުމުގެ އިތުރުން ވިޔަފާރީގެ މައުލޫމާތުތައް އޮޅުވާލުމަށެވެ.
ޕަބްލިކް ޕްރޮސެކިއުޓާގެ އޮފީހުން އާންމުކުރި ބަޔާނެއްގައި ބުނީ ބާސާއިން ނެގްރޭރާއާ ދެމެދު ސިއްރު އެތައް މުއާމަލާތްތަކެއް ހިންގާފައިވާ ކަމަށާއި ނެގްރޭރާ އޭރު ހުރި މަގާމުގެ ނުފޫޒުން ބާސާއަށް ރެފްރީގެ ފަރާތުން މަންފާ ހޯދަން މަސައްކަތް ކޮށްފައިވާކަން އެނގިފައިވާ ކަމަށެވެ.
ބާސާއާ ގުޅޭ ނުރަނގަޅު މައުލޫމާތުތައް މީޑިއާއަށް ތިލަވުމާއެކު އެ ކްލަބުން ވަނީ އެކަމަށް ރައްދުވެސް ދީފައެވެ. އެ ކްލަބުގެ ރައީސް ޖޮއާން ލަޕޯޓާ ވިދާޅުވީ ބާސާއިން ފައިސާ ޖަމާކޮށްފައިވަނީ އެ ކްލަބުގެ ސްކައުޓިންގައި ބޭނުންވާ ބައެއް ވީޑިއޯތައް ފޯރުކޮށްދިން ކުންފުންޏަކަށް ކަމަށާއި އެ ފައިސާ ރެފްރީންނާ ގުޅުން އޮންނަ ފަރާތަކަށް ޖަމާކުރަން ޖެހުނީ ވީޑިއޯ ފޯރުކޮށްދޭ ކުންފުނީގެ ސަބްސިޑަރީ ކުންފުންޏަކަށް އެ ކުންފުނި ވާތީ ކަމަށެވެ. އަދި ލަޕޯޓާ ވިދާޅުވީ ބާސާއިން ދުވަހަކުވެސް ރެފްރީ ގަތުމަށް އެއްވެސް މަސައްކަތެއް ކޮށްފައި ނުވާނެ ކަމަށެވެ.
އެ މައްސަލައިގައި ލަލީގާގެ ރައީސް ހާވިއާ ތޭބާސް ވިދާޅުވީ ބާސާއިން ހަދާފައިވާ ޕޭމެންޓްތަކުގެ ތަފްސީލު ނުދެވިއްޖެނަމަ، މިހާރުގެ ރައީސް ލަޕޯޓާ އިސްތިއުފާ ދެއްވަން ޖެހިވަޑައިގަންނަވާނެ ކަމަށެވެ.