ނައިބު ރައީސް ފައިސަލް، ނަސީމް ޖުމްހޫރީ ޕާޓީގެ ލީޑަރު އަދި ރައްޔިތުން މަޖިލީހުގެ މާމިގިލި ދާއިރާގެ މެމްބަރު ގާސިމް އިބްރާހީމާ ބައްދަލުކުރައްވައިފިއެވެ.
ފައިސަލް އާއި ގާސިމް ބައްދަލުކުރައްވާފައިވަނީ މިއަދު ސަން އައިލެންޑް ރިސޯޓުގައެވެ. ޖުމްހޫރީ ޕާޓީގެ ސްޕޯކްސްޕާސަން އަލީ ސޯލިހު މިރޭ "ވަން" އަށް ވަނީ އެކަން ކަށަވަރުކޮށްދެއްވައިފައެވެ. ނަމަވެސް އެބައްދަލުވުމުގެ ތަފުސީލެއް އޭނާ ނުދެއްވައެވެ.
"ނައިބު ރައީސްއަކީ އަޅުގަނޑުމެންގެ ތެރެއިން ބޭފުޅެއް ދެން އެބޭފުޅާ ބައްދަލުކުރައްވާނެ. މަޝްވަރާކުރި ކަންކަމެއް އަދި ދަންނަވާކަށް ނޭނގެ" އަލީ ސޯލިހު ވިދާޅުވިއެވެ.
ނައިބު ރައީސްއަކީ ގާސިމްގެ މުވައްޒަފެއްގެ ގޮތުގައި ގިނަ އަހަރުތަކެއް ވަންދެން މަސައްކަތް ކުރެއްވި ބޭފުޅެކެވެ. އެކަމަކު ނައިބު ރައީސްކަމާ ހަވާލުވެވަޑައިގަތުމަށް ފަހު، ދެ ބޭފުޅުން އެކުގައި ފެނިފައިވަނީ ވަރަށް މަދުންނެވެ.
ނައިބު ރައީސް ވަނީ މިއަހަރު ބާއްވާ ރިޔާސީ އިންތިހާބުގައި ރައީސް އިބްރާހީމް މުހައްމަދު ސޯލިހަށް ތާއިދުކުރައްވާކަން ހާމަ ކުރައްވައިފައެވެ. ނައިބު ރައީސް، ރައީސް ސޯލިހުއަށް ތާއިދުކުރައްވަން ނިންމެވި އިރު، ރިޔާސީ އިންތިހާބުގައި ޖުމްހޫރީ ޕާޓީންވެސް ވާދަކުރަން އެޕާޓީގެ ކޮންފަރެންސުން ވަނީ ނިންމައިފައެވެ.
ނައިބު ރައީސްގެ އެ ނިންމުމާ ގުޅިގެން އަލީ ސޯލިހު ވިދާޅުވީ ނަައިބު ރައީސް އެ ވާހަކަ ދެއްކެވި އިރު، ކަންކަން ހިނގި ގޮތާ މިހާރު ކަންތައްވަމުންދާ ގޮތް ތަފާތު ކަމަށެވެ.
އެމްޑީޕީގެ ފަރާތުން ރައީސް ސޯލިހު މިއަހަރު ބާއްވާ ރިޔާސީ އިންތިހާބުގައި ވާދަ ކުރައްވާ އިރު، ޖުމްހޫރީ ޕާޓީއަކީ މިހާރުވެސް ސަރުކާރު ކޯލިޝަންގައި ހިމެނޭ ޕާޓީއެކެވެ. އެ ކޯލިޝަންގައި ދެން ހިމެނެނީ އެމްއާރްއެމް އަދި އަދާލަތު ޕާޓީއެވެ. ގާސިމް ވަނީ އަދާލަތު ޕާޓީގެ ލީޑަރު އިމްރާން އަބްދުﷲ އާ ވެސް ބައްދަލުކުރައްވައިފައެވެ. އަދި ވަނީ އެމްއާރްއެމްގެ ރައީސް ފާރިސް މައުމޫންއާ ވެސް ބައްދަލުކުރައްވައިފައެވެ.
އަދާލަތު ޕާޓީން ރައީސް ސޯލިހަށް ތާއީދުކުރާކަން ހާމަކޮށްފައިވާ އިރު، އެމްއާރްއެމުން އަދި ވަކި ގޮތެއް ނުނިންމައެވެ. ޖުމްހޫރީ ޕާޓީގެ ކޮންގްރެސް އިން ނިންމާފައިވަނީ މިއަހަރު ބާއްވާ ރިޔާސީ އިންތިހާބުގައި ވާދަ ކުރުމަށެވެ.
ޚަބަރު
ޚަބަރު
ޚަބަރު