ވ. އާރަށުގައި ރިސޯޓެއް ތަރައްގީކުރަން އެ ރަށް ވިއްކައިގެން ލިބުނު ފައިސާ އަމިއްލަފުޅު އެކައުންޓަށް ޖަމާކޮށްގެން ހިންގެވި ހިޔާނާތުގެ މައްސަލަތަކުގައި ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމް މައްޗަށް ކުރިމިނަލް ކޯޓުން ކުރި 11 އަހަރުގެ ހުކުމުގެ އިސްތިއުނާފު އިސްލާހު އިސްލާހުކުރަން ހައި ކޯޓުން އަންގައިފިއެވެ.
ޔާމީންގެ މައްޗަށް އިއްވި އެ ހުކުމް ހައި ކޯޓުގައި އިސްތިއުނާފު ކުރީ މިދިޔަ ފެބްރުއަރީ މަހުގެ 21 ވަނަ ދުވަހުއެވެ. އެ މައްސަލައިގެ އިސްތިއުނާފު ފޯމް އިސްލާހު ކުރަން ޔާމީންގެ ވަކީލުންނަށް ހައި ކޯޓުން ވަނީ މިއަދު އަންގައިފައެވެ.
ޔާމީންގެ ގާނޫނީ ވަކީލުންގެ ޓީމުގެ އިސް ވަކީލު ޑރ. މުހައްމަދު ޖަމީލް އަހްމަދު "ވަން" އަށް މިރޭ ވިދާޅުވީ ހައި ކޯޓުން އެންގީ ބައެއް ލިޔެންކިޔުންތައް އިސްލާހު ކުރުމަށާއި ކުރިމިނަލް ކޯޓުގެ ބައެއް އެޓޭޗުމެންޓްސް ނެތުމުން އެ ތަކެތި ހުށަހަޅަން ކަމަށެވެ.
"އިސްތިއުނާފީ ނުކުތާއެއްގައި މައްސަލައެއް ނެތް، އެކަން ހަމަ ވަރަށް ރަނގަޅު. ހައި ކޯޓުން އެންގީ ބައެއް އިނގިރޭސި ބަސްތައް ތަރުޖަމާ ކުރުމަށް އަދި ކުރިމިން ކޯޓުން މައްސަލަ ނިންމި އިރު ހުރި އެޓޭޗްމެންޓްސްތަކެއް ހުށަހަޅިފައިނުވާތީ އެ އެޓޭޗްމެންޓްސް ހުށަހަޅަން އެންގީ،" ޑރ. ޖަމީލް ވިދާޅުވިއެވެ.
އޭނާ ވިދާޅުވީ ޔާމީންގެ އިސްތިއުނާފީ މައްސަލަ ދެތިން ޝަރީއަތުން ނިންމާލެވޭނެ ކަމަށް އުއްމީދު ކުރައްވާ ކަމަށެވެ. ޔާމީންގެ މައްސަލައަކީ ޕަބްލިކް އިންޓްރެސްޓް ހިމެނޭ މައްސަލައަކަށްވުމުން އަވަސް މިނެއްގައި ޝަރީއަތް ކުރިއަށް ގެންދާނެ ކަމަށް އުއްމީދު ކުރައްވާ ކަމަށް ޑރ. ޖަމީލް ވިދާޅުވިއެވެ.
ޔާމީނަކީ އިދިކޮޅު ޕްރޮގްރެސިވް ކޮންގްރެސް ކޯލިޝަންގެ ރިޔާސީ ކެންޑިޑޭޓެވެ. އާރަށް މައްސަލައިގައި ކުރިމިނަލް ކޯޓުން ޔާމީނަށް ކުރި 11 އަހަރުގެ ޖަލު ހުކުމާއެކު އަންނަ ރިޔާސީ އިންތިހާބުގައި ވާދަކުރެއްވުމުގެ ފުރުސަތު އެމަނިކުފާނަށް އޮތީ ގެއްލިފައެވެ. ނަމަވެސް އެ ހުކުމް މަތީ މަރުހަލާގައި ބާތިލްކޮށްފިނަމަ، ރިޔާސީ އިންތިހާބުގައި ވާދަކުރެއްވުމުގެ ފުރުސަތު އެމަނިކުފާނަށް ލިބިވަޑައިގަންނަވާނެއެވެ.
ޑރ. ޖަމީލް މީގެ ކުރިން ވިދާޅުވެފައިވަނީ މިމަސް ތެރޭގައި ޔާމީން މިނިވަންވެވަޑައިގަންނަވާނެ ކަމަށާއި އަދި އިސްތިއުނާފީ މަރުހަލާގައި ކަފާލާތުގެ ދަށުން ޔާމީން މިނިވަންކޮށްދިނުމަށްވެސް އެދޭނެ ކަމަށް އޭނާ ވަނީ ވިދާޅުވެފައެވެ.