ސައުދީ ފަންޑް ފޯ ޑިވެލޮޕްމަންޓްގެ އެހީގައި ކުރިއަށް ގެންދާ އެފޯޑަބަލް ހައުސިން ސްކީމް ޕްރޮޖެކްޓުގެ ދަށުން ހުޅުމާލޭގައި 400 ހައުސިން ޔުނިޓް ޑިޒައިންކޮށް ސުޕަވައިޒް ކޮށްދޭނެ ކޮންސަލްޓަންސީ ފާމެއް ހޯދަން ފިނޭންސް މިނިސްޓްރީން އިއުލާންކޮށްފިއެވެ.
ފިނޭންސުން މިއަދުކުރި އިއުލާނެއްގައި ބުނީ ކޮންސަލްޓެންސީ ހިދުމަތްތަކުގެ ތެރޭގައި ޓެންޑާ ޑޮކިއުމަންޓުތައް ތައްޔާރުކުރުމާއި އެންވަޔަރުމެންޓް އިމްޕެކްޓް އެސެސްމެންޓް (އީއައިއޭ) ރިޕޯޓު ތައްޔާރުކުރުމާއި ޑީޓެއިލްޑް ޑިޒައިން ރިވިއުކުރުމުގެ އިތުރުން ކޮންޓްރެކްޓާގެ މަސައްކަތްް ސުޕަވައިޒް ކުރުން ހިމެނޭ ކަމަށެވެ.
އެ މަސައްކަތް ކޮށްދޭނެ ފަރާތެއް ހޮވުމުގައި އަމަލުކުރާނީ، ސައުދީ ފަންޑް ފޯ ޑިވެލޮޕްމަންޓް ގެ "ގައިޑްލައިން ފޯ ޔޫސް އޮފް ކޮންސަލްޓަންޓްސް" އާ އެއްގޮތަށް ކުއަލިޓީ އެންޑް ކޯސްޓް ބޭސްޑް ސިލެކްޝަން (ކިއުސީބީއެސް) އުސޫލުން ކަމަށް ފިނޭންސުން ބުންޏެވެ.
ކޮންސަލްޓެންސީގެ މަސައްކަތަށް ކުރިމަތިލާ ފަރާތުން މަސައްކަތުގެ ތަޖުރިބާ އާއި ތައުލީމީ ފެންވަރު އަދި އެހެނިހެން މައުލޫމާތު ހުށަހަޅަންވާނެ ކަމަށް ފިނޭންސުން ބުންޏެވެ.
ކޮންސަލްޓަންޓުގެ ގާބިލިއްޔަތުކަން ހުރި މިންވަރު އިތުރު ކުރުމަށްޓަކައި އެހެން ފަރާތްތަކާ އެސޯސިއޭޓްވެވިދާނެ ކަމަށާއި ނަމަވެސް އެ އެސޯސިއޭޝަނަކީ ޖޮއިންވެންޗާ އެއް ކަން ނުވަތަ ސަބް ކޮންސަލްޓަންސީއެއްކަން ސާފުކޮށް އެނގެން އޮންނަންވާނެ ކަމަށް ފިނޭންސުން ބުންޏެވެ.
ޖޮއިންޓްވެންޗާއެއް ހޮވިއްޖެނަމަ، އެ ޖޮއިންޓްވެންޗާގައި ހިމެނޭ ހުރިހާ ފަރާތްތަކުން ކޮންޓްރެކްޓުގައި ބަޔާންކުރާ އެންމެހާ ޒިންމާތައް އަދާކުރަންވާނެ ކަމަށްވެސް ފިނޭންސުން ބުންޏެވެ.
މަސައްކަތަށް ޝައުގުވެރިވާ ފަރާތްތަކުން އަންނަ މަހުގެ 26 ވަނަ ދުވަހުގެ 13:00 ގެ ކުރިން، ފިނޭންސް މިނިސްޓްރީގެ ނޭޝަނަލް ޓެންޑާއަށް ހުށަހަޅަންވާނެ ކަމަށް މިނިސްޓްރީން ބުންޏެވެ.
ޚަބަރު
ޚަބަރު
ޚަބަރު