ވައިގެ މަގުން ރާއްޖެ އެތެރެކުރި 7.7 މިލިއަން ރުފިޔާގެ މަސްތުވާތަކެއްޗާ ހަވާލުވި ކަމުގެ ތުހުމަތުގައި ހައްޔަރުކުރި ދެ ދިވެހިންގެ ތެރެއިން އެކަކު ކްރިމިނަލް ކޯޓުން ދޫކޮށްލައިފި އެވެ.
އެ މައްސަލައިގައި ހައްޔަރުކުރި ދެ ދިވެހިންނަކީ މިދިޔަ އަހަރުގެ މިދިޔަ ޑިސެމްބަރު މަހުގެ 24 ވަނަ ދުވަހު ބްރެޒިލުން ރާއްޖެ އައި 59 އަހަރުގެ ސްވިޓްޒަލެންޑްގެ ފިރިހެނަކު ގެނައި ދެ ކިލޯއަށްވުރެ ގިނަ ކޮކެއިންއާ ހަވާލުވި މީހުންނެވެ. އެ ތަކެތީގެ އަގު 7.7 މިލިއަން ރުފިޔާއަށް އަރާ ކަމަށް ކަސްޓަމްސް އިން ބުނެފައިވެއެވެ.
އެ ދެ މީހުން ހައްޔަރުކުރީ ކޮންޓްރޯލްޑް ޑެލިވަރީ އޮޕަރޭޝަނެއްގައެވެ.
އެ މީހުން ހައްޔަރުކުރި ފަހުން ބަންދުގެ މުއްދަތު އިތުރުކުރަމުން އައުމަށް ފަހު މިދިޔަ ހަފުތާގައި އެތަނުން އެކަކު ދޫކޮށްލީ، އޭނާގެ ފަރާތުން ބަންދު ރިވިއުކޮށްދިނުމަށް ހުށަހެޅުމުން ބޭއްވި އަޑުއެހުމެއްގައެވެ.
އޭނާ ބަންދުން ދޫކޮށްލި އަމުރުގައިވާ ގޮތުން މަސްތުވާތަކެތި ޓްރެފިކް ކުރުމުގެ ގޮތުން އެ ތަކެތި ގެނައި މިހާއާ އޭނާ އެއްވެސް މުއާމަލާތެއް އަދި މުވާސަލާތެއް ހިންގިކަން އެނގޭކަށް ނެތެވެ.
ކޯޓު އަމުރުގައިވާ ގޮތުން ބަންދުން ދޫކޮށްލި މީހާގެ މައްޗަށް ދައުވާކުރެވޭ ވަރަށް ހެކި އެބަހުއްޓެވެ. ނަމަވެސް އެ މައްސަލައިގައި ކަން ހިނގާފައިވާ ގޮތަށް ބަލައި އަދި ފުލުހުންގެ ފަރާތުން އިތުރު ހެކި ގަރީނާ ހުށަހަޅައިފައި ނުވުމުން، އެ މައްސަލަ ބެއްލެވި ގާޒީ ނިންމެވީ، އެ މީހާ ބަންދުގައި ބަހައްޓަން ނުފެންނަ ކަމަށެވެ.
"ވަން" އަށް އެނގިފައިވާ ގޮތުގައި، އެމީހާ ބަންދުން ދޫކޮށްލި މައްސަލަ ވަނީ އިސްތިއުނާފުކުރަން ނިންމައިފައެވެ.
ޚަބަރު
ޚަބަރު
ޚަބަރު