ހުޅުމާލޭގައި ފުލެޓް އަޅަން އޮސްޓްރޭލިއާގެ ކުންފުންޏަކަށް 2007 ވަނަ އަހަރު ހަވާލުކުރި 550،000 ޑޮލަރު ހޯދަން އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އިން އަންގައިފިއެވެ.

އޭސީސީން މިއަދު ބުނީ އެގޮތަށް އަންގާފައިވަނީ މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ (އެމްޓީސީސީ) އަދި މޯލްޑިވްސް ރިއަލް އެސްޓޭޓް އިންވެސްޓްމެންޓް ކޯޕަރޭޝަން ޕްރައިވެޓް ލިމިޓެޑް (އެމްއާރުއީއައިސީ) އަށް ކަމަށެވެ.

އެގޮތަށް އަންގާފައިވަނީ އެމްޓީސީސީގެ 99.99 ޕަސަންޓް ހިއްސާވާ އެމްއާރުއީއައިސީން އިންޓަނޭޝަނަލް ފައިނޭންސް ކޯޕަރޭޝަން އޮސްޓްރޭލިއާ (އައިއެފްސީއޭ) ކިޔާ އޮސްޓްރޭލިއާގެ ކުންފުންޏަކާއެކު ވެފައިވާ އެއްބަސްވުމުގެ ދަށުން ގެދޮރު ބިނާކޮށް، ރިއަލް އެސްޓޭޓް ފެށުމަށް ބޭނުންވާ ވަރަށް ގިނަ އަދަދެއްގެ ފައިސާ ހޯދުމުގެ މަސައްކަތްކުރުމަށްޓަކައި އަނބުރާ ދޭގޮތަށް 550،000 ޑޮލަރު އެ ކުންފުންޏަށް ދިން ކަމަށް ބުނާ މައްސަލަ ތަހުގީގުކުރުމަށްފަހު ކަމަށް އޭސީސީން ބުންޏެވެ.

އޭސީސީން ބުނީ އައިއެފްސީއޭއަށް ދީފައިވާ އެ ފައިސާއަކީ މަސައްކަތަށް ބޭނުންވާ ކެޕިޓަލް ފައިސާ އައިއެފްސީއޭ އިން ހޯދުމަށްފަހު އެމްއާރުއީއައިސީއަށް އަނބުރާ ހަވާލުކުރަންޖެހޭ ފައިސާ ކަމަށެވެ. އަދި އެ ފައިސާއަކީ އެ ޕްރޮޖެކްޓާ ގުޅިގެން އެމްޓީސީސީން، އެމްއާރުއީއައިސީއަށް ދީފައިވާ ފައިސާކަން އެނގޭ އިރު، އައިއެފްސީއޭއިން މިއަދާ ހަމައަށްވެސް އެ ފައިސާ އަނބުރާ އެމްއާރުއީއައިސީއަށް ދީފައިނުވާ ކަމަށް އޭސީސީން ބުންޏެވެ.

އެހެންކަމުން އެ ފައިސާ ހޯދުމަށް އެމްއާރުއީއައިސީ އަދި އެމްޓީސީސީއަށް އަންގާފައިވާ ކަމަށް އޭސީސީން ބުންޏެވެ.