Close
ޚަބަރު

މީހެއްގެ އެކައުންޓުން ވަގަށް ދެލައްކަ ރުފިޔާގެ ވިޔަފާރިކުރި މައްސަލައިގައި ހިމެނޭ 2 މީހުންގެ ބަންދުއިތުރުކޮށްފި

މީހަކަށް އޮޅުވާލައިގެން، ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް)ގެ އިންޓަނެޓް ބޭންކިންގެ މައުލޫމާތު ހޯދުމަށްފަހު، އިންޓަނެޓް ބޭންކިން އެޕްލިކޭޝަނުން ކިއުއާރު ކޯޑު ސްކޭން ބޭނުންކޮށްގެން ދެ ލައްކަ ރުފިޔާގެ ވިޔަފާރިކުރިކަމުގެ ތުހުމަތުގައި ހައްޔަރުކުރި ދެ މީހުންގެ ބަންދުގެ މުއްދަތު އިތުރުކޮށްފިއެވެ.

ފުލުހުން މިދިޔަ މަހުގެ 22 ވަނަ ދުވަހު މީޑިއާތަކަށް ފޮނުވި މެސެޖެއްގައި ބުނެފައިވަނީ ބީއެމްއެލްގެ އިންޓަނެޓް ބެންކިން އެޕްލިކޭޝަނުން ކިއުއާރު ކޯޑު ސްކޭން ކޮށްގެން މަކަރާއި ހީލަތުން މީހެއްގެ އެކައުންޓުން ވިޔަފާރިކުރިކަމުގެ ތުހުމަތުވާ އުމުރުން 25 އަހަރުގެ މީހަކާއި 27 އަހަރުގެ މީހަކު ހައްޔަރުކޮށްފައިވާ ކަމަށެވެ. އެދެމީހުން ހައްޔަރުކޮށްފައިވަނީ މިދިޔަ މަހުގެ 18 ވަނަ ދުވަހުއެވެ.

މި މައްސަލައިގެ ތުހުމަތުގައި ހައްޔަރުކޮށްފައިވަނީ ގއ. ކޮލަމާފުށީ، ޕޫލްވާދީ، އިސްމާއިލް ހޫދު ސަލީމް (25އ) އަދި ހަމަ އެރަށު ނަސީމީގެ މުހައްމަދު ނަވާލް އާރިފް (27އ)އެވެ.

މި ދެމީހުންގެ ބަންދާމެދު ގޮތެއް ނިންމުމަށް ކުރިމިނަލް ކޯޓަށް ހާޒިރުކުރުމުން އެ ކޯޓުން އެންމެ ފުރަތަމަ އެމީހުންގެ ބަންދަށް 15 ދުވަސް ޖަހާފައިވަނީ މިދިޔަ މަހުގެ 19 ވަނަ ދުވަހުއެވެ. އެމުއްދަތު ހަމަވުމުން އިއްޔެ އަނެއްކާވެސް ވަނީ އިތުރު 15 ދުވަސް ޖަހާފައެވެ.

އެމީހުން ބަންދުކުރަން ކޮށްފައިވާ އަމުރުގައި ބުނެފައިވަނީ، އެ ދެމީހުންނާއި ދެކޮޅަށް ފުލުހުން ގިނަ ހެކިތަކެއް ހުށަހަޅާފައިވާ ކަމަށެވެ. އެގޮތުން ފިހާރައިން ވިޔަފާރިކުރާ މަންޒަރު ފެންނަ ސީސީޓީވީ ފުޓޭޖާއި މައްސަލަ ހުށަހަޅާ ފަރާތުގެ ބަޔާނުގެ އިތުރުން ބޭންކް މެސެޖުގެ ސްކްރީން ޝޮޓާއި ބޭންކުގެ ފްރޯޑް އިންސިޑެންޓް ރިޕޯޓު ހިމެނެއެވެ. އަދި މި މީހުން ބަންދުގައި ބައިތިއްބަން ނިންމީ މުޖުތަމައުގެ ސަލާމަތާއި ރައްކާތެރިކަމަށްޓަކައި ކަމަށްވެސް އެ އަމުރުގައި ވަނީ ބުނެފައެވެ.