އަންނަ ސެޕްޓެމްބަރު މަހު ބާއްވަން ހަމަޖައްސާފައިވާ ރިޔާސީ އިންތިހާބާމެދު ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމް ގޮތެއް ނިންމަވާނީ ގައުމުގެ ހަމަޖެހުމާއި ރައްޔިތުންގެ މަސްލަހަތަށް ވިސްނައިވަޑައިގެން ކަމާމެދު ޝައްކު ނުކުރައްވާ ކަމަށް އަދާލަތު ޕާޓީގެ ރައީސް އިމްރާން އަބްދުﷲ ވިދާޅުވެއްޖެއެވެ.

މިނިސްޓަރު އިމްރާން މިހެން ވިދާޅުވީ، މިއަދު ކުރެއްވި ޓުވީޓެއްގައެވެ.

ރިޔާސީ އިންތިހާބުގައި އަދާލަތު ޕާޓީން ވަނީ އެމްޑީޕީގެ ކެންޑިޑޭޓް ރައީސް އިބްރާހިމް މުހައްމަދު ސޯލިހަށް ތާއިދުކުރައްވަން ނިންމައިފައެވެ.

އިމްރާން، ވަނީ އިއްޔެގެ ވަގުތެއްގައި ސަން އައިލެންޑް ރިސޯޓުގައި ގާސިމްއާ ބައްދަލުކުރައްވައިފައެވެ. ނަމަވެސް އެ ބައްދަލުވުމުގެ ތަފްސީލެއް އެނގިފައެއް ނުވެއެވެ. އެ ބައްދަލުކުރެއްވުމުގެ ތަފްސީލެއް ހޯދުމަށް "ވަން" އިން މިނިސްޓަރު އިމްރާނަށް ގުޅައި މެސެޖުކުރުމުންވެސް ޖަވާބު ދެއްވާފައި ނުވާތީ މިނިސްޓަރުގެ ބަހެއް މިކަމުގައި ވަނީ ލިބޭ ގޮތް ނުވެފައެވެ.

ޖުމްހޫރީ ޕާޓީން ރިޔާސީ އިންތިހާބާ މެދު އަދި ގޮތެއް ނުނިންމައެވެ. އެ ޕާޓީން ރިޔާސީ އިންތިހާބާމެދު ގޮތެއް ނިންމާނީ އެ ޕާޓީގެ އާ ކައުންސިލުންނެވެ. ނަމަވެސް ޖުމްހޫރީ ޕާޓީގެ ކޮންގްރެސްގައި ވަނީ އެ ޕާޓީން ރިޔާސީ އިންތިހާބުގައި ވާދަކުރުމަށް ގަރާރެއް ފާސްކޮށްފައެވެ.

ރިޔާސި އިންތިހާބާމެދު ގާސިމް ގޮތެއް ނިންމަވާނީ ރައްޔިތުންގެ މަސްލަހަތަށް ވިސްނައިވަޑައިގެން ކަމަށް އިމްރާން ވިދާޅުވެފައިވާއިރު ގާސިމް ރިޔާސީ ރޭހަށް ނެރުމަށް އެމްޑީޕީގެ ރައީސް މުހައްމަދު ނަޝީދު ގެންދަވަނީ ވަރަށް ބޮޑަށް ބާރު އަޅުއްވަމުންނެވެ. އެގޮތުން މި ފަހަރުގެ އިންތިހާބަކީ ގާސިމަށް ރަނުގެ ފުރުސަތެއްކަމަށް ނަޝީދު ވިދާޅުވެފައިވެއެވެ.