އައްޑޫ ސިޓީން ފުރައިގެން މާލެއަށް ދަތުރުކުރަމުން އައި އާގަލާ ބޯޓު މ. އަތޮޅާ ހިސާބަށް އައި އިރުވެސް އެއްވެސް މައްސަލައެއް ފަޅުވެރިންނަކަށް ފާހަގައެއް ނުކުރެއެވެ. ނަމަވެސް މުޅި ދަތުރު ބަދަލުވެގެން ދިޔައީ މ. އަތޮޅު ތުވަރު ކައިރިންނެވެ. ބޯޓަށް މައްސަލައެއް ދިމާވިކަން އެނގުނީ އިންޖީނު ރޫމުން ދުން އަރަން ފެށުމުންނެވެ.

މާގިނަ މުދާތަކެއް ބޯޓުގައި ނެތް ނަމަވެސް އައްޑޫން މާލެ ގެނައުމަށް އަރުވާފައިވާ ތިން ކާރު އެ ބޯޓުގައި އޮތް ކަމަށް، އެ ބޯޓު ކެޕްޓަނާ ހަވާލާދީ އާގަލާ ކުއީން ބޯޓުގެ ކައްޕި އަބްދުﷲ އާގިލް ވަނީ މިއަދު "ވަން" އަށް މައުލޫމާތު ދީފައެވެ.

އާގަލާ ބޯޓުގެ ކައްޕިއާ ހަވާލާދީ އާގިލް ބުނީ ބޯޓުގައި އަލިފާން ރޯވީ އިންޖީން ރޫމަށް ދިމާވި މައްސަލައަކުން ކަމަށެވެ.

"ކައްޕި ބުނަނީ ރޭ ދަންވަރު އިންޖީނު ރޫމުން ދުން އަރާތީ ބަލައިލަން ދިޔަ ކަމަށް. އޭރު އަލިފާން ރޯވެ، ހުޅުގަނޑު ފަޅައިގެން ބޭރަށް ނިކުންނަނީ. ކުރެވޭނެ މާބޮޑު ކަމެއް ނެތްކަމަށް ބޯޓު ކުދިންވެސް ބުނީ. ދެން ބެލީ އެންމެންގެ ފުރާނަ ސަލާމަތްކުރެވޭތޯ. އެހެންވެ ކަނޑަށް ފުންމާލީ ކަމަށް ބުނީ. ދެން އޭރު އެންމެން ހަމައަށް ފުންމާލި ކަމެއް ބުނާން ނޭނގޭ ކަމަށް ބޯޓުން ސަލާމަތްވި ކުދިން ބުނީ،" އޭނާ ބުންޏެވެ.

އާގިލް ބުނީ އާގަލާ ބޯޓުގައި ފަޅުވެރިންގެ ގޮތުގައި ހަތަރު ދިވެއްސަކާއި، ބަންގުލަދޭޝްގެ ދެ މީހުންނާއި އިންޑިއާގެ ހަތަރު މީހަކު މަސައްކަތްކުރާ ކަމަށެވެ. ބާކީ ތިބި ފަސް މީހުންނަކީ އެކި ރަށްރަށުން ބޯޓަށް އެރި ފަސިންޖަރުން ކަމަށްވެސް އޭނާ ބުންޏެވެ. ގެއްލުނީ ބޯޓުގެ ފަޅުވެރިއެއް ކަމަށްވެސް އޭނާ ބުންޏެވެ.

އާގިލް ބުނީ ބޯޓުގައި އޮތް ތިން ކާރަށް އެކަނިވެސް ތިން މިލިއަނެއްހާ ރުފިޔާ އަރާނެ ކަމަށާއި އަދި ޖުމުލަ ގެއްލުން ފަސް މިލިއަނަށްވުރެ މަތިވާނެ ކަމަށެވެ. ނަމަވެސް ބޯޓު އިންޝުއަރެންސް ކޮށްފައިވާ ކަމަށް އޭނާ ބުންޏެވެ.

ސަލާމަތްވި 14 މީހުން މިހާރު މ. މުއްޔަށް ގެންގޮސްފައިވާ އިރު، އެންމެންގެ ހާލުވެސް ރަނގަޅު ކަމަށް މުލީ ކައުންސިލުން ވަނީ ބުނެފައެވެ.

އާގިލް ބުނީ ސަލާމަތްވި މީހުން ޑޮކްޓަރަށް ދައްކަން ޖެހޭނަމަ ދައްކައި ފަރުވާދިނުމަށްފަހު މާލެ ގެނައުމުގެ މަސައްކަތް ބޯޓުގެ ވެރިފަރާތުން މިހާރު ކުރަމުން އަންނަ ކަމަށެވެ.

އާގަލާ ބޯޓުގައި ރޯވެގެން އެމްއެންޑީއެފަށް ރިޕޯޓުކޮށްފައިވަނީ ރޭ ދަންވަރު 2:47 ގައެވެ. ބޯޓުގައި އަލިފާން ރޯވުމުގެ ސަބަބުން މިއަދު ހެނދުނު 8:20 ގައި ބޯޓު ވަނީ އަޑިއަށް ގޮސްފައެވެ. ގެއްލުނު މީހާ ހޯދުމުގެ މަސައްކަތް ކަނޑުމަގުންނާއި ވައިގެ މަގުން ދަނީ ކުރަމުންނެވެ.