ގދ. ފަރެސްމާތޮޑާ ގެއެއްގައި އަލިފާނުގެ ހާދިސާއެއް ހިނގައިފިއެވެ.

ފުލުހުންގެ މީޑިއާ އޮފިޝަލަކު "ވަން" އަށް މިއަދު ވިދާޅުވީ، ފަރެސްމާތޮޑާ ގެއެއްގައި އަލިފާނުގެ ހާދިސާއެއް ހިނގާފައިވާ ކަމުގެ މައުލޫމާތު ރޭ ފަތިހު 4:15 ހާއިރު ލިބިފައިވާ ކަމަށެވެ.

އޮފިޝަލު ވިދާޅުވީ، ފުލުހުން އެ ސަރަހައްދަށް ގޮސް ފަޔާ އެންޑް ރެސްކިއު ސާވިސް އަދި ރަށު ކައުންސިލާ ގުޅިގެން އެ ގޭގައި ރޯވި އަލިފާންގަނޑު ނިއްވާލައިފައިވާ ކަމަށެވެ.

"މި ހާދިސާގައި އެކަކަށް ކޮންމެވެސް ވަރަކަށް އަނިޔާވެފައިވޭ. ނަމަވެސް، އެއްވެސް މީހަކަށް ސީރިއަސް އަނިޔާއެއް ވެފައެއް ނުވޭ" އޮފިޝަލް ވިދާޅުވިއެވެ.

އޮފިޝަލު ވިދާޅުވީ، ތަހުގީގަށް މިހާތަނަށް ލިބިފައިވާ މައުލޫމާތަށް ބަލާއިރު، މި ހާދިސާ ހިނގަން މެދުވެރިވެފައިވަނީ ގޭގެ ކޮޓަރިއެއްގައި ހުރި އޭސީއެއްގައި ރޯވެގެން ކަމަށް ބެލެވޭ ކަމަށެވެ.

އެ ހާދިސާގެ ވީޑިއޯއެއް ދައުރުވަމުންދާއިރު، ވީޑިއޯއިން ފެންނަ ގޮތުގައި އެގެ ވަނީ ވަރަށް ބޮޑަށް އަނދައިފައެވެ. އަދި ގޭތެރޭގައި ގެންގުޅޭ ގިނަ އަދަދެއްގެ ތަކެތި ވަނީ ބޭނުން ނުކުރެވޭ ވަރަށް ހަލާކުވެފައެވެ.

މި ހާދިސާ ފުލުހުން އަންނަނީ އިތުރަށް ތަހުގީގު ކުރަމުންނެވެ.