ތިން މިނިސްޓްރީއެއް ހިންގަމުން ދިޔަ، ގްރީން ބިލްޑިން ކޮމްޕްލެކްސްގައި ރޯވި އަލިފާންގަނޑު ފެތުރި، މާލޭ ސިޓީ ކައުންސިލްގެ ބައެއް ހިންގަމުން އައި "ޕިންކް ބިލްޑިންގް"ގައިވެސް ރޯވި އިރު، އޭގެ ތެރެއިން އިންޝުއާކޮށްފައި ހުރީ އެންވަޔަރަމެންޓް މިނިސްޓްރީ ހިންގި އިމާރާތް އެކަނި ކަމަށް ފުލުހުން މިއަދު ހާމަކޮށްފިއެވެ.

މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި، ހެޑް އޮފް މޭޖާ ކްރައިމް އިންވެސްޓިގޭޝަން ސުޕްރިންޓެންޑެންޓް އޮފް ޕޮލިސް އަބްދުﷲ ރަޝީދު ވަނީ، އެ ހާދިސާގައި ތިން މިނިސްޓްރީއަކާއި މާލޭ ސިޓީ ކައުންސިލް އިދާރާގެ އޮފީހަށް ވަނީ ބޮޑެތި ގެއްލުންތައް ލިބިފައި ކަމަށާއި ހައުސިން މިނިސްޓްރީ އާއި ކޮންސްޓްރަކްޝަން މިނިސްޓްރީ އެއްކޮށް އަނދައިފައިވާ ކަމަށެވެ.

އަލިފާނުގެ ހާދިސާގައި ގެއްލުން ލިބުނު ސަރުކާރުގެ ތިން އިމާރާތުގެ ތެރެއިން އިންޝުއަރެންސް ކޮށްފައިވަނީ މިނިސްޓްރީ ކްލައިމެޓް ޗޭންޖް، އެންވަޔަރަމެންޓް އެންޑް އެނާޖީކަން ފާހަގަކުރެވޭ،" އަބްދުﷲ ރަޝީދު ވިދާޅުވިއެވެ.

އަބްދުﷲ ރަޝީދު ވިދާޅުވީ، އެ އަލިފާނުގެ ހާދިސާގައި އެ ސަރަހައްދުގައި ހުރި ތިން ގެއެއްގެ ނުވަ އެޕާޓްމަންޓަކަށާއި ފިހާރައަކަށްވެސް އެކިވަރުގެ ގެއްލުންވެފައިވާ ކަމަށެވެ.

ފުލުހުން މިއަދު ވަނީ ގްރީން ބިލްޑިން ކޮމްޕްލެކްސްގައި ރޯވި ގޮތުގެ ސީސީޓީވީ ފޫޓޭޖު އާންމުކޮށްފައެވެ. އެ ފޫޓޭޖުން ފެންނަ ގޮތުގައި ފުރަތަމަ ރޯވީ އެ އިމާރާތުގެ ކަރަންޓު ނަރުތަކެއްގައެވެ.

ފުލުހުން ބުނި ގޮތުގައި ގްރީން ބިލްޑިންގައި ރޯވި އެ އަލިފާންގަނޑު ކޮންޓްރޯލް އެ ދުވަހުގެ ކުރެވުނީ 12:45 ހާއިރެވެ. އަދި އެއްކޮށް ނިއްވާލެވުނީ 15:30ގައެވެ.