ފުވައްމުލަކު ސިޓީގައި ހިންގާ ސްޕާއެއް ބަލައި ފާސްކޮށް ހަށި ވިއްކާ ކަމުގެ ތުހުމަތުގައި ތިން މީހަކު ހައްޔަރުކޮށްފިއެވެ.

ފުލުހުންގެ މީޑިއާއިން "ވަން" އަށް މިއަދު ފޮނުވި މެސެޖެއްގައި ބުނީ ފުވައްމުލަކުގައި ހިންގަމުންދާ ސްޕާއެއްގައި ހަށި ވިއްކަމުންދާ ކަމަށް ޕޮލިސް އިންޓެލިޖެންސަށް ލިބުނު މައުލޫމާތަކާ ގުޅިގެން ފުވައްމުލަކު ސިޓީ ޕޮލިހާއި ޕޮލިސް އިންޓެލިޖެންސް ގުޅިގެން އިއްޔެ ހިންގި އޮޕަރޭޝަނެއްގައި ކޯޓު އަމުރެއްގެ ދަށުން ތަނެއް ބަލައި ފާސްކޮށްފައިވާ ކަމަށެވެ.

ފުލުހުން ބުނީ އެ އޮޕަރޭޝަނުގަައި ތައިލެންޑަށް ނިސްބަތްވާ 43 އަހަރުގެ އަންހެނަކާއި 36 އަހަރުގެ އަންހެނެއްގެ އިތުރުން 31 އަހަރުގެ ދިވެހި ފިރިހެނަކު ހައްޔަރުކޮށްފައިވާ ކަމަށެވެ.

އެ މައްސަލަ ފުވައްމުލަކު ސިޓީ ޕޮލިހާއި ހިއުމަން ޓްރެފިކިން ޑިޕާޓްމަންޓުން ތަހުގީގުކުރަމުން އަންނަ ކަމަށްވެސް ފުލުހުން ބުންޏެވެ.

މިދިޔަ މަހުގެ 21 ވަނަ ދުވަހުގެރޭ މާލޭގެ ރޯޅި ގެސްޓްހައުސް ބަލައި ފާސްކޮށް ހަށިވިއްކާ ކަމުގެ ތުހުމަތުގައި ހަތަރު މީހަކު ވަނީ ހައްޔަރުކޮށްފައެވެ. އެއީ 43 އަހަރުގެ ދިވެހި ފިރިހެނަކާއި 43 އަހަރުގެ ބިދޭސީގެ ފިރިހެނަކާއި 31 އަހަރުގެ ބިދޭސީ އަންހެނެއްގެ އިތުރުން 36 އަހަރުގެ ބިދޭސީ އަންހެނެކެވެ.

މީގެ ތެރޭގައި ހިމެނޭ ދިވެހި ފިރިހެން މީހާ އާއި ބިދޭސީ އަންހެން މީހާ ހައްޔަރުކޮށްފައިވަނީ ޖިންސީ ގުޅުން ހިންގަން ތިއްބައި ކަމަށް ފުލުހުން އޭރު ވަނީ ބުނެފައެވެ. ނަމަވެސް ބަންދާ މެދު ގޮތެއް ނިންމުމަށް ކްރިމިނަލް ކޯޓަށް ހާޒިރުކުރުމުން ޝަރުތުތަކަކާއެކު ދިވެހި މީހާ ވަނީ ދޫކޮށްލައިފައެވެ.