އިނގިރޭސި ޕްރިމިއާ ލީގު

ތަފާތު ހިތްވަރަކާއެކު އާސެނަލު ފެންވަރު ސާބިތުކޮށްދީފި، ސިޓީއާއި ޗެލްސީއަށްވެސް މޮޅެއް

މުޙައްމަދު ޝަމްޢޫން

އިނގިރޭސި ޕްރިމިއާ ލީގުގައި ރޭ ކުޅުނު މެޗުތަކުން އެންމެފަހުގެ ޗެމްޕިއަން މެންޗެސްޓާ ސިޓީއާއި މިވަގުތު ތާވަލުގެ އެއްވަނައިގައި އޮތް އާސެނަލް އަދި ހާލަތު ގޯސްކޮށް އޮތް ޗެލްސީން މޮޅުވެއްޖެއެވެ.

އާސެނަލުން ރޭ އަމިއްލަ ދަނޑުގައި ބޯންމައުތު ކައިރިން މޮޅުވީ ފަހަތުން އަރައި 3-2 ގެ ނަތީޖާއަކުންނެވެ. ރޭގެ މެޗުގައި ބޯންމައުތުން ދެ ގޯލު ޖަހައިފައި ވަނިކޮށް އާސެނަލުން ފަހަތުން އަރައި ތިން ގޯލު ޖެހި އިރު، އެޓީމު މޮޅުވި ގޯލު ޖެހީ 97 ވަނަ މިނެޓުގައެވެ. އިތުރު ވަގުތުވެސް ފަހު ސިކުންތުގައި އާސެނަލަށް އެ ގޯލު ޖަހައިދިނީ ރެއިސް ނެލްސަންއެވެ.

ޕްރެޝަރުގައި ހުރި ޗެލްސީގެ ކޯޗު ގްރަހަމް ޕޮޓާއަށް ކުޑަ ހިތްހަމަ ޖެހުމެއް ލިބުނީ ރޭ އަމިއްލަ ދަނޑުގައި 1-0 އިން ލީޑްސް ބަލިކުރެވުމުންނެވެ. އެއީ މިއަހަރު ތެރޭގައި ޗެލްސީން ހޯދި ދެވަނަ މޮޅެވެ. އަދި މިދިޔަ 16 މެޗުގައި އެޓީމަށް ހުރިހާ މުބާރާތަކުންވެސް ހޯދުނު ތިންވަނަ މޮޅެވެ. އެންމެފަހުގެ ޗެމްޕިއަން ސިޓީން ރޭ އަމިއްލަ ދަނޑުގައި ނިއުކާސަލް ބަލިކުރީ 2-0 ގެ ނަތީޖާއަކުންނެވެ.

އާސެނަލުން ކުޅުނު މެޗުގެ ނުވަ ވަނަ ސިކުންތުގެ ތެރޭގައި ބޯންމައުތުން ވަނީ ލީޑު ނަގައިފައެވެ. ފިލިޕް ބިލިންގެ އެ ގޯލާއެކު ބޯންމައުތުން ލީޑު ނަގައި، ދެވަނަ ހާފަށް ނުކުމެ ލީޑު ފުޅާވެސް ކުރިއެވެ. ބޯންމައުތުގެ ދެވަނަ ގޯލު ޖެހީ މާކޯ ސެނެސީއެވެ. ސެނެސީގެ ގޯލަކުން ބޮލުން ޖެހި ގޯލެކެވެ.

އެ ގޯލުތަކާއެކު ބޯންމައުތުން ލީޑު ކުރަމުން ދަނިކޮށް، އާސެނަލުން މެޗުގައި ޖެހި ފުރަތަމަ ގޯލު ތޯމަސް ޕާޓޭ ޖެހީ 62 ވަނަ މިނެޓުގައެވެ. އޭގެ ފަހުން 70 ވަނަ މިނެޓުގައި ބެން ވައިޓް ޖެހި ގޯލުން އާސެނަލް އެއްވަރުކުރި އިރު، ނެލްސަން ބަދަލަކަށް އަރައި، ފަހު ސިކުންތުގައި އާސެނަލް މޮޅުކޮށްދިނެވެ.

ރޭގެ މެޗަކީ މިދިޔަ އަހަރު ނޮވެމްބަރު މަހަށްފަހު ނެލްސަން އާސެނަލަށް ކުޅުނު ފުރަތަމަ މެޗެވެ.

ރޭ ސިޓީން ކުޅުނު މެޗުގައި އެޓީމުގެ ގޯލުތައް ޖަހައިދިނީ ފިލް ފޮޑެންއާއި ބަނާޑޯ ސިލްވާއެވެ. ފޮޑެންގެ ގޯލު، ރޮޑްރީގެ ޕާހަކުން މެޗުގެ 15 ވަނަ މިނެޓުގައި ފެނުނު އިރު، އާލިން ހާލަންޑްގެ އެސިސްޓަކުން ޖެހި ސިލްވާގެ ގޯލު ފެނުނީ ދެވަނަ ހާފުގައެވެ. މެޗުގެ 67 ވަނަ މިނޓުގައެވެ.

ޗެލްސީން ލީގު ތާވަލުގެ މެދުތެރޭގައި އޮތް އިރު، ރޭގެ މެޗަކީ އެޓީމަށް ބޮޑު ޕްރެޝަރަކާ ކުރިމަތިލާން ޖެހިފައި އޮތް މެޗެވެ. ރޭގެ މެޗަށް ނުކުތް އިރު، ޗެލްސީގެ ކޯޗު ޕޮޓާވެސް ބުނީ ޕްރެޝަރު ބޮޑުވެފައި އޮތް ކަމަށެވެ. ހާއްސަކޮށް، ނަތީޖާ ނުނެރެވޭނަމަ، ކްލަބު ދޫކޮށްލަން ޖެހިދާނެ ކަމަށް ޕޮޓާ އޮތީ ފާހަގަކޮށްފައެވެ.

ޗެލްސީން ރޭ ކުޅުނު މެޗުގައިވެސް ގޯލު ޖެހުމަށް އުނދަގޫތަކާ ދިމާވި އިރު، މެޗުގެ ހަމައެކަނި ގޯލު ފެނިގެން ދިޔައީ ދެވަނަ ހާފުގައެވެ. ވެސްލޭ ފޯފާނާގެ ގޯލަކީ ބެން ޗިލްވެލްގެ ކޯނަރަކަށް އަރައި ޖެހި ގޯލެކެވެ. އެ ގޯލަކީ ޖެނުއަރީ 15 ގެ ފަހުން ޗެލްސީން އަމިއްލަ ދަނޑުގައި ޖެހި ފުރަތަމަ ގޯލެވެ. އަދި ރޭ ޖެހި ގޯލަކީ ގޯލެއް ނުޖެހި 396 މިނެޓަށްފަހު ޗެލްސީއަށް ޖެހުނު ގޯލެކެވެ.

ލީގު ތާވަލުގައި ޗެލްސީ 10 ވަނައިގައި އޮތީ 25 މެޗުން 34 ޕޮއިންޓާއެކުގައެވެ. އެއްވަނައިގައި އާސެނަލް އޮތީ 26 މެޗުން 63 ޕޮއިންޓް ހޯދައިގެންނެވެ. ދެވަނައިގައި އޮތް ސިޓީއަށް 26 މެޗުން ލިބިފައި ވަނީ 58 ޕޮއިންޓެވެ.