ކުޑަކުއްޖަކަށް ޖިންސީ ގޯނާ ކުރިކަމުގެ ތުހުމަތުގައި ދައުވާ އުފުލާފައިވާ ފާތިމަތު ރިހުލާ ގެއަށް ބަދަލުކޮށްފިއެވެ.
ރިހުލާއާއި އޭނާގެ ފިރިމީހާ މުހައްމަދު ޔުނާން 15 އަހަރުގެ ފިރިހެން ކުއްޖަކާއެކު ގަދަކަމުން ބަދުއަހުލާގީ އަމަލު ހިންގި މައްސަލައެއްގައި ޝަރީއަތް ނިމެންދެން ބަންދުކުރީ 4 އޮކްޓޯބަރު 2020 ގައެވެ. އަދި އެ އަހަރުގެ ޑިސެމްބަރު މަހު އެ ދެ މީހުންގެ މައްޗަށް ދައުވާ އުފުލިއެވެ. އެ މައްސަލައިގައި ޝަރީއަތް އަދިވެސް ދަނީ ކުރިއަށެވެ.
ރިހުލާ ގޭ ބަންދަށް ބަދަލުކުރީ ކޯޓު އަމުރެއްގެ ދަށުންކަން ކަރެކްޝަންގެ މީޑިއާއިން "ވަން" އަށް ކަށަވަރުކޮށްދިން ނަމަވެސް، އޭނާ ގޭބަންދަށް ބަދަލުކުރި ސަބަބު ހާމައެއް ނުކުރެއެވެ.
"ވަން" އަށް އެނގިފައިވާ ގޮތުގައި، ރިހުލާ ގެއަށް ބަދަލުކުރީ ބަލިވެ އިނުމުގެ ސަބަބުންނެވެ. ރިހުލާއާއި ޔުނާން ބަންދުކޮށްފައި ތިބީ ދެ ޖަލެއްގައި ކަމަށްވިޔަސް އެއީ ދެމަފިރިން ކަމަށްވުމުން އެކަހެރި ބައްދަލުވުން ބޭއްވޭނެއެވެ.
އޭނާ ގޭ ބަންދަށް ބަދަލުކުރީ މައްސަލައިގައި ހެކިބަސްދޭން ތިބި މީހުންނާއި ބައްދަލު ނުކުރުމަށާއި މައްސަލައިގެ ހިމެނޭ ކުއްޖާއާ ބައްދަލުނުކުރުމަށް ޝަރުތުކޮށްފައެވެ.
ރިހުލާގެ މައްޗަށް ފަސް ދައުވާއެއް އުފުލާފައިވެއެވެ. އެއީ އިތުބާރު ކުރަންޖެހޭ މަގާމެއްގައި ހުރި މީހަކު، އެ ކުޑަކުއްޖަކާއެކު ޖިންސީ އަމަލެއް ހިންގުމާއި އެ ކުއްޖާގެ ހާޒިރުގައި އެ ކުއްޖާއަށް ދެއްކުމުގެ މަގުސަދުގައި ޖިންސީ އަމަލެއް ހިންގުމުގެ ކުށުގެ ދައުވާއާއި އޮރިޔާން ކާޑު ގެންގުޅުމާއި އޮރިޔާން ކާޑު އުފެއްދުމުގެ ދައުވާއެވެ.
ރިހުލާއަށް ކުރި ހުރިހާ ދައުވާއެއް ސާބިތުވެއްޖެ ނަމަ އެންމެ މަދުވެގެން އޭނާގެ މައްޗަށް 50 އަހަރު އަދި ގިނަވެގެން 61 އަހަރުގެ ޖަލު ހުކުމެއް އަންނާނެއެވެ.