އިނގިރޭސި ޕްރިމިއާ ލީގު

ފުރިހަމަ މޮޅަކާއެކު އާސެނަލް އެއްވަނައިގައި ކުރިއަށް، ލިވަޕޫލް ގަދަ ހަތަރަކާ ދިމާލަށް

އިނގިރޭސި ޕްރިމިއާ ލީގުގައި ރޭ ކުޅުނު މެޗުތަކުން އާސެނަލާއި ލިވަޕޫލްވެސް މޮޅުވެއްޖެއެވެ.

ލީގު ތާވަލުގެ އެއްވަނަ ދަމަހައްޓަމުން އަންނަ އާސެނަލުން ރޭ އަމިއްލަ ދަނޑުގައި އެވަޓަން ބަލިކުރީ 4-0 ގެ ނަތީޖާއަކުންނެވެ. ފެށުން ގޯސްކޮށް ދިޔަ ނަމަވެސް، ފޯމު ރަނގަޅުކޮށް ކުޅެމުން އަންނަ ލިވަޕޫލުން ރޭ އަމިއްލަ ދަނޑުގައި ވުލްވްސް ބަލިކުރީވެސް 2-0 ގެ ނަތީޖާއަކުންނެވެ.

ރޭގެ މޮޅާއެކު އާސެނަލް މިވަގުތު އެއްވަނައިގައި އޮތީ 25 މެޗުން 60 ޕޮއިންޓް ހޯދައިގެންނެވެ. ދެވަނައިގައި އޮތް މެންޗެސްޓާ ސިޓީއަށް 25 މެޗުން ލިބިފައި ވަނީ 55 ޕޮއިންޓެވެ. ތިން ވަނައިގައި އޮތް މެންޗެސްޓާ ޔުނައިޓެޑަށް ވަނީ 24 މެޗުން 49 ޕޮއިންޓް ލިބިފައެވެ.

މިވަގުތު ލީގުގެ ހަތަރު ވަނައިގައި އޮތީ ޓޮޓެންހަމް އެވެ. އެޓީމަށް 25 މެޗުން 45 ޕޮއިންޓް ލިބިފައިވާ އިރު، ފަސް ވަނައިގައި އޮތް ނިއުކާސަލް ޔުނައިޓެޑަށް ލިބިފައި ވަނީ 23 މެޗުން 41 ޕޮއިންޓެވެ. ރޭ ލިވަޕޫލުން ހޯދި މޮޅާއެކު 24 މެޗުން 39 ޕޮއިންޓް ހޯދައި، އެޓީމު ވަނީ ހަވަނައަށް ޖެހިލައިފައެވެ.

އާސެނަލުން ރޭ ކުޅުނު މެޗުގެ ފުރަތަމަ ހާފު ނިމެން ދަނިކޮށް، އެލެކްސެންޑްރާ ޒިންޗެންކޯ ދިން ބޯޅައެއްގައި ބުކަޔޯ ސަކާ ވަނީ ލީޑު ނަގައިދީފައެވެ. މެޗުގެ 40 ވަނަ މިނެޓުގައި ސަކާ ގޯލް ޖެހީ އެވަޓަން ގޯލްކީޕަރު ޖޯޑަން ޕިކްފޯޑުގެ ހަނި އޭންގަލުން ބޯޅަ ގޯލަށް ވައްދާލައިގެންނެވެ.

އެ ގޯލާއެކު ހާފު ނިންމާލަން ދަނިކޮށް، ފުރަތަމަ ހާފުގެ އިތުރު ވަގުތުގައި އާސެނަލުން ލީޑު ފުޅާވެސް ކުރިއެވެ. އާސެނަލަށް ދެވަނަ ގޯލެއް ޖަހައިދިނީ ގެބްރިއަލް މާޓިނެލީއެވެ. މާޓިނެލީ ޖެހި ގޯލުގައިވެސް ސަކާގެ މަސައްކަތް ފާހަގަކޮށްލެވުނެވެ.

އާސެނަލުން ދެވަނަ ހާފަށް ނުކުމެވެސް ކުޅެމުން ދިޔައީ ކޮންފިޑެންސާއެކު ރަނގަޅު ކުޅުމެކެވެ. ނަތީޖާއެއްގެ ގޮތުން 71 ވަނަ މިނެޓުގައި އާސެނަލްގެ ތިންވަނަ ގޯލެއްވެސް ފެނިގެން ދިޔައެވެ. ލިއޭންޑްރޯ ޓްރޮސާޑް ފަހިކޮށްދިން ބޯޅައެއްގައި އާސެނަލްގެ ތިންވަނަ ގޯލް ޖެހީ މާޓެން އޮޑެގާޑެވެ. އަދި އޭގެ ނުވަ މިނެޓް ފަހުން އާސެނަލްގެ ހަތަރުވަނަ ގޯލަކާއެކު ނަތީޖާގެ ފަރަގު ބޮޑުކުރިއެވެ.

އާސެނަލްގެ ހަތަރުވަނަ ގޯލަކީ އެޑްވާޑް އެންކެޓިއާގެ ބޯޅައެއްގައި މާޓިނެލީ ޖެހި ގޯލެކެވެ.

ލިވަޕޫލުން ވުލްވްސްއާ ދެކޮޅަށް ކުޅުނު މެޗުގެ ދެ ގޯލުވެސް ފެނުނީ ދެވަނަ ހާފްގައެވެ.

ލިވަޕޫލަށް ފުރަތަމަ ފެނުނީ މެޗުގެ 73 ވަނަ މިނިޓްގައެވެ. އެ ގޯލަކީ ހިލޭ ޖެހުމެއްގައި ޑިއޭގޯ ޖޮޓާ ނަގައިދިން ބޯޅައަކަށް ކުރިއަށް އަރައި، ޑިފެންޑަރު ވާޖިލް ވެން ޑައިކް ޖެހި ގޯލެކެވެ.

އޭގެ ހަތަރު މިނިޓް ފަހުން މުހައްމަދު ސަލާހު ވަނީ ލިވަޕޫލްގެ ދެވަނަ ގޯލު ޖަހައިދީފައެވެ. ސަލާހުގެ ގޯލަށް އެސިސްޓް ކޮށްދިނީ ބަދަލަކަށް ކުޅެން އެރި، ކޯޑީ ގަކްޕޯއެވެ. ސަލާހް ރޭ ޖެހި ގޯލަކީ އޭނާ މި ސީޒަނުގައި ޖެހި 20 ވަނަ ގޯލެވެ. ސަލާހް މި ސީޒަނުގައިވެސް 20 ގޯލު ހަމަކުރި އިރު، ލިވަޕޫލްގައި ހޭދަކުރި މިދިޔަ ހަ ސީޒަނުގައިވެސް އޭނާ ވަނީ ކޮންމެ ސީޒަނެއްގައި 20 ގޯލަށްވުރެ ގިނަ އަދަދަކަށް ގޯލު ޖަހައިފައެވެ.