ފީފާ ވޯލްޑް ކަޕެއްގައި އެންމެ ގިނަ ގޯލު ޖެހި ކުޅުންތެރިޔާގެ ރެކޯޑު އޮންނަ ފްރާންސްގެ ފުޓުބޯޅަ ލެޖެންޑް ޖަސްޓް ފޮންޓެން މިއަދު މަރުވެއްޖެއެވެ.
ފްރާންސާއެކު 1958 ވަނަ އަހަރު ވޯލްޑް ކަޕްގައި ކުޅެ، އެ ވޯލްޑް ކަޕްގައި އެކަނި 13 ގޯލު ޖެހި ފޮންޓެން މަރުވެފައިވަނީ އުމުރުން 89 އަހަރުގައެވެ. ސްވިޑެންގައި އޮތް 1958 ވަނަ އަހަރު ވޯލްޑް ކަޕްގައި ފޮންޓެން 13 ގޯލު ޖެހީ ހަ މެޗުންނެވެ. އެއީ ފޮންޓެންގެ ކެރިއަރުގައި ވޯލްޑް ކަޕްގައި ޖެހި ގޯލުގެ އަދަދުވެސް މެއެވެ. އޭނާއަކީ ވޯލްޑް ކަޕްގައި އެންމެ ގިނަ ގޯލު ޖެހި ކުޅުންތެރިންގެ ލިސްޓުގެ ހަތަރުވަނައިގައި އޮތް ކުޅުންތެރިއެކެވެ. ފޮންޓެންއާއެކު ހަތަރުވަނަގައި ދެން އޮތީ އާޖެންޓީނާގެ ކެޕްޓަން ލިއޮނަލް މެސީއެވެ.
ފޮންޓެން ކުޅެފައި ވަނީވެސް ކެރިއަރުގައި އެންމެ ވޯލްޑް ކަޕެކެވެ. 1953 ވަނަ އަހަރުން 1960 ވަނަ އަހަރަށް ފްރާންސްގެ ގައުމީ ޓީމަށް ފޮންޓެން ކުޅުނު އިރު، އޭނާ ވަނީ 31 މެޗުން 30 ގޯލު ޖަހައިފައެވެ.
ކްލަބު ކެރިއަރުގައި ގިނަ ދުވަސްތަކެއް ނީސްއާއި މޮރޮކޯގެ ޔޫއެސްއެމް ކަސަބަލަންކާގައި ހޭދަކުރި ފޮންޓެން، ކެރިއަރުގެ ކުރީކޮޅުގައި ރިޓަޔާކޮށްފައިވެއެވެ. އެއީ އަނިޔާގެ ސަބަބުން އެކަމަށް މަޖުބޫރުވެގެންނެވެ. އުމުރުން އެންމެ 28 އަހަރުގައި ފޮންޓެން ރިޓަޔާކޮށްފައިވަނީ ދެފައި ބިންދައިގެން ދިއުމުގެ ސަބަބުންނެވެ.
ކުޅުންތެރިއެއްގެ ކެރިއަރަށްފަހު ކޯޗިންގައިވެސް ފޮންޓެން ފެނިފައިވެއެވެ. ފްރާންސްގެ ގައުމީ ޓީމަށް 1967 ވަނަ އަހަރު ފޮންޓެން ކޯޗުކަންކޮށްދިން އިރު، 1974 ވަނަ އަހަރު ޕީއެސްޖީ ފުރަތަމަ ޑިވިޝަނަށް ޕްރޮމޯޓުކޮށްދިން ކޯޗަކީވެސް އޭނާއެވެ.
މޮރޮކޯއަށް އުފަން، ފްރާންސްގެ ފޮންޓެން ވަނީ މޮރޮކޯއަށްވެސް ކޯޗުކަން ކޮށްދީފައެވެ. 1980 ވަނަ އަހަރު އެފްރިކާ ކަޕް އޮފް ނޭޝަންސްގެ ތިންވަނަ މޮރޮކޯއިން ހޯދި އިރު، ކޯޗަކީ ފޮންޓެންއެވެ.
ފްރާންސް
ފްރާންސް
ފްރާންސް
ފްރާންސް