އެކުވެރި ދައުލަތްތަކުގެ ޖަމިއްޔާ (އދ.) ގެ ސެކްރެޓަރީ ޖެނެރަލްގެ މަގާމަށް ޔޫއޭއިން ކުރިމަތިލެއްވި ޑިޕްލޮމޭޓް ލާނާ ނުސައިބާއަށް، އދ. ގެ ސަލާމަތީ މަޖިލީހުގެ ދާއިމީ ދެ މެންބަރުން ކަމަށްވާ އިނގިރޭސިވިލާތާއި ފްރާންސުން ވީޓޯގެ ބާރު ބޭނުންކޮށްގެން ހުރަސްއަޅާފައިވާ ކަމަށް ބެލެވޭ ކަމަށް ބައިނަލްއަގުވާމީ މީޑިއާތަކުން ރިޕޯޓުކޮށްފިއެވެ.

މި ނިންމުން ނިންމާފައިވަނީ ސޫދާނުގެ ދާޚިލީ ހަނގުރާމައިގައި ހަރަކާތްތެރިވާ ހަތިޔާރު އެޅި ރެޕިޑް ސަޕޯޓް ފޯސަސް (އާރުއެސްއެފް) އަށް ޔޫއޭއީން އެހީތެރިކަން ފޯރުކޮށްދޭ ކަމަށް ކުރެވޭ ތުހުމަތުތަކާ ގުޅިގެން ކަމަށް ހަބަރުތައް ބުނެއެވެ.

އދ. ގެ ސެކްރެޓަރީ ޖެނެރަލް އެންޓޯނިއޯ ގުޓެރޭސްގެ ދައުރު 2026 ގެ ޑިސެމްބަރު 31 އަށް ހަމަވާތީ، އާ ސެކްރެޓަރީ ޖެނެރަލަކު ހޮވުމަށް ސަލާމަތީ މަޖިލީހުން ގެންދަނީ ސިއްރު ވޯޓުތަކެއް ނަގަމުންނެވެ.

އެންމެ ފަހުން ނެގުނު ނުވަވަނަ ސިއްރު ވޯޓުގައި، ލާނާ ނުސައިބާއަށް އެކަށީގެންވާ ތާއީދެއް ލިބުނު ނަމަވެސް، ސަލާމަތީ މަޖިލީހުގެ ދާއިމީ މެންބަރުންގެ ތެރެއިން 3 ގައުމަކުން ވަނީ އޭނާއާ ދެކޮޅަށް ވޯޓުދީފައެވެ. އެމެރިކާއާއި ރަޝިޔާގެ ތާއީދު އޭނާއަށް އޮތްއިރު، ދެކޮޅަށް ވޯޓުދިނީ އިނގިރޭސިވިލާތާއި ފްރާންސްގެ އިތުރުން ޗައިނާ ކަމަށް މަސްދަރުތަކުން ބުނެއެވެ.

އިނގިރޭސިވިލާތުގެ ޤާނޫނުހަދާ މަޖިލީހުގެ 67 މެންބަރަކު ވަނީ ޔޫއޭއީގެ ކެންޑިޑޭޓާ ދެކޮޅަށް ވީޓޯގެ ބާރު ބޭނުންކުރުމަށް އެ ގައުމުގެ ޚާރިޖީ ވަޒީރު އެޑް މިލިބޭންޑަށް ގޮވާލައްވައިފައެވެ. ސޫދާނުގައި ހިންގަމުންދާ އިންސާނިއްޔަތާ ޚިލާފު ޖަރީމާތަކަށް ޔޫއޭއީން ވާގިވެރިވާ ކަމަށް އދ. ގެ މާހިރުންގެ ކޮމިޓީން ނެރުނު ރިޕޯޓުތައް ލާނާ ނުސައިބާ އިންކާރުކުރައްވާފައިވާތީ، އޭނާއަކީ އދ. ގެ އެންމެ އިސް މަގާމަށް އެކަށީގެންވާ ބޭފުޅެއް ނޫން ކަމަށް އެ މެންބަރުން ވިދާޅުވެފައިވެއެވެ.

ނަމަވެސް ޔޫއޭއީން ވަނީ ސޫދާނުގެ ހަނގުރާމައިގައި އެއްވެސް ފަރާތަކަށް ހަތިޔާރާއި އެހީތެރިކަން ފޯރުކޮށްދޭ ކަމަށް ކުރެވޭ ތުހުމަތުތައް މުޅިން ދޮގުކޮށްފައެވެ. ލާނާ ނުސައިބާ ވިދާޅުވެފައިވަނީ އޭނާ އިންތިޚާބުވެވަޑައިގެންފިނަމަ، އދ. ގެ އުސޫލުތަކާ އެއްގޮތަށް ވަކި ފަރާތަކަށް ނުޖެހި، ސޫދާނުގެ ހަނގުރާމަ ހުއްޓުވުމަށް އިސްކަންދެއްވާނެ ކަމަށެވެ.

މި ވަގުތު އދ. ގެ ސެކްރެޓަރީ ޖެނެރަލްކަމުގެ ރޭހުގައި އެންމެ ކުރީގައި އުޅުއްވަނީ ކޮސްޓަރީކާގެ ޑިޕްލޮމޭޓް ރެބެކާ ގްރިންސްޕަން އެވެ. އޭނާއަށް ސަލާމަތީ މަޖިލީހުގެ 10 މެންބަރުންގެ ތާއީދު ލިބިވަޑައިގެންފައިވީ ނަމަވެސް، ދާއިމީ ދެ މެންބަރަކު ވަނީ އޭނާއާ ދެކޮޅަށްވެސް ވޯޓުދެއްވައިފައެވެ.