ރައްޔިތުންގެ މަޖިލީހުގެ ރައީސް އަދި އެމްޑީޕީގެ ރައީސް މުހައްމަދު ނަޝީދު ޕްރޮމޯޓުކުރަމުންދާ ޓުވިޓާ އެކައުންޓެއް ކަމަށްވާ ހަސަން ކުރުސީގެ އެކައުންޓުން ޖުމްހޫރީ ޕާޓީ (ޖޭޕީ) ގެ ލީޑަރު ގާސިމް އިބްރާހީމަށް ރައީސްގެ ނަމުން މުހާތަބުކޮށް، ޝަރުތުތަކެއް ހުށަހަޅައިފިއެވެ.

މިއަހަރު ބާއްވާ ރިޔާސީ އިންތިހާބުގައި ޖޭޕީގެ ފަރާތުން ކެންޑިޑޭޓަކު ނެރުމަށް، އެ ޕާޓީގެ ކައުންސިލަށް ލަފާދިނުމަށް މިދިޔަ ހޮނިހިރު ދުވަހު ބޭއްވި އެ ޕާޓީގެ ގައުމީ ކޮންފަރެންސްއިން ވަނީ ފާސްކޮށްފައެވެ. އެ ކޮންފަރެންސް ބޭއްވުމުގެ ކުރިންވެސް ހަސަން ކުރުސީ އެކައުންޓުން ވަނީ ގާސިމަށް ތާއިދުކޮށް ޓުވީޓުކޮށްފައެވެ. އެ ކޮންފަރެންސްގެ ޝަރަފުވެރި މެހެމާނެއްގެ ގޮތުގައި ނަޝީދު ބައިވެރިވެވަޑައިގެންނެވިއެވެ.

އެ އެކައުންޓުން ގާސިމަށް ތާއިދުކޮށް ޓުވީޓުތައް ކުރަން މިއަހަރު ބާއްވާ އިންތިހާބުގައި ވާދަކުރާނެ ކަމަށް ނަޝީދު ވިދާޅުވި ދުވަހުން ފެށިގެންނެވެ. ނަޝީދު އެހެން ވިދާޅުވެފައިވަނީ އެމްޑީޕީގެ ރިޔާސީ ޕްރައިމަރީގެ ކެމްޕޭނުގެ ތެރޭގައެވެ. ހަސަން ކުރުސީ އެކައުންޓުން މިހާރު ދަނީ ނަޝީދާއި ގާސިމް ގުޅިގެން މަސައްކަތްކުރުމަށް ގޮވާލައި ޓުވީޓުކުރަމުންނެވެ.

ހަސަން ކުރުސީ އެކައުންޓުން މިއަދު ކުރި ޓުވީޓެއްގައި ބުނީ ޖޭޕީއާއެކު ވަރަށް މުހިންމު މަޝްވަރާއެއް ކުރަމުންދާ ކަމަށާއި ކޯލިޝަން ހެދުމުގެ މަޝްވަރާވެސް ކުރަމުންދާ ކަމަށެވެ.

"ރާއްޖޭގެ އިއްޒަތްތެރި ރައީސުލްޖުމްހޫރިއްޔާ އޮނަރަބަލް ގާސިމް އިބްރާހިމް. ޖޭޕީއާ އެކީ ވަރަށް މުހިންމު މަޝްވަރާތަކެއް ކުރެވެމުން މިދަނީ. މިހާރު އެމްޑީޕީއަކީ ސަރުކާރުގެ 40 ޕަސަންޓް. އެއަށްވުރެ ހިއްސާ ބޮޑުކުރެވެންޏާ ފިކުރެއްގެ ދިރުމުން ޖޭޕީއާ އެކީ ކޯލިޝަން ހަދާނެ. ޝަރުތަކީ ބަރުލަމާނީ ފެންނަ ނުފެންނަ ވޯޓަކަށް ދާން އެއްބަސްވުން،" ހަސަން ކުރުސީ ބުންޏެވެ.

ހަސަން ކުރުސީ އެކައުންޓަކީ ނަޝީދު ގެންގުޅުއްވާ އެކައުންޓެއް ކަމަށް ބައެއް މީހުން ވަނީ ތުހުމަތުކޮށްފައެވެ. ނަމަވެސް އެމަނިކުފާނު ވިދާޅުވެފައިވަނީ ހަސަން ކުރުސީ އެކައުންޓަކީ އެމަނިކުފާނުގެ އެކައުންޓެއް ނޫން ކަމަށާއި ނަމަވެސް ހަސަން ކުރުސީއަކީ އެމަނިކުފާނުގެ ތޮބިއްޔަތު ބަޔާން ނުކޮށްދޭ ޝަހުސިއްޔަތެއްކަން ދަންނަވަން އުނދަގޫ ކަމަށެވެ.