ރައީސުލްޖުމްހޫރިއްޔާގެ މަގާމުގައި ހުންނެވި ބޭފުޅަކާ މެދު ގާނޫނީ ސުވާލު އުފެދިފައިވާ ކަމަށް ބުނެ އެކަމުގައި ގޮތެއް ނިންމުމަށް އިދިކޮޅު ޕީޕީއެމްއާއި ޕީއެންސީ ހިމެނޭ ޕްރޮގްރެސިވް ކޮންގްރެސް ކޯލިޝަނުން ސުޕްރީމް ކޯޓަށް ދުސްތޫރީ މައްސަލައެއް އަނެއްކާވެސް ހުށަހަޅައިފި އެވެ.

މިއަދު ހެނދުނު ސޫޕްރީމް ކޯޓަށް ހުށަހެޅި މި މައްސަލަ ބަލައިގަތުމާ މެދު އެ ކޯޓުން އަދި ވަކި ގޮތެއް އަދި ނުނިންމައެވެ. މީގެ ކުރިންވެސް މި މައްސަލަ ސުޕްރީމް ކޯޓަށް ހުށަހެޅި އެވެ. އެފަހަރު މައްސަލަ ބަލައެއް ނުގަތެވެ.

އިދިކޮޅު ކޯލިޝަނުން އެ މައްސަލަ ސޫޕްރީމް ކޯޓަށް ވެއްދީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހް މިދިޔަ އަހަރުގެ ފެބްރުއަރީ މަހު ތައިރޮއިޑްގެ ސާޖަރީއެއް ހެދުމަށް، އެ މަނިކުފާނުގެ ޒިންމާތައް ވަގުތީ ގޮތުން ނައިބު ރައީސް ފައިސަލް ނަސީމާ ހަވާލުކުރެއްވި ހިސާބުން ރައީސަކީ ފައިސަލް ކަމަށާއި ރައީސްކަމުގެ މަގާމުން އިބްރާހިމް މުހައްމަދު ސޯލިހް ވަނީ ވަކިވެފައި ކަމަށް ބުނެއެވެ.

ފެބްރުއަރީ 25، 2022، ވަނަ ދުވަހުގެ ހެނދުނު 6:00 ގައި ނައިބު ރައީސް ފައިސަލް ނަސީމް ރައީސް ކަމުގެ ޒިންމާތަކާއި ހަވާލުވެވަޑައިގެންނެވީ ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދުގެ ކުރިފުޅުމަތީގައެވެ. ރައްޔިތުންގެ މަޖިލީހުގެ އިދާރާގައި ނައިބު ރައީސާށް ރައީސްކަމުގެ ހުވާ ލައިދެއްވީ، އުއްތަމަ ފަނޑިޔާރު މުއުތަސިމް އަދުނާނެވެ.

ނައިބު ރައީސްއާ ރައީސްކަމުގެ ޒިންމާތައް ހަވާލުކުރެއްވުމަށްފަހު ރައީސް ސޯލިހު އަލުން ޒިންމާތަކާ ހަވާލުވެވަޑައިގަތީ އެ ދުވަހުގެ ހެނދުނު 9:30 ގައެވެ.

ގާނޫނުއަސާސީގެ 123 ވަނަ މާއްދާގެ ހ، ގައިވާ ގޮތުން ރައީސުލްޖުމްހޫރިއްޔާއަށް އެމަނިކުފާނުގެ މަގާމުގެ މަސްއޫލިއްޔަތުތަކާއި ވާޖިބުތައް އަދާކުރުމަށް ވަގުތީގޮތުން އުޒުރުވެރިވެއްޖެ ކަމަށް ގަބޫލުކުރެވިއްޖެނަމަ، ސަބަބު ބަޔާންކޮށް އެކަން ރައްޔިތުންގެ މަޖިލީހުގެ ރައީސަށް ލިޔުމަކުން އެންގުމަށްފަހު ރައީސުލްޖުމްހޫރިއްޔާގެ މަސްއޫލިއްޔަތުތަކާ ވާޖިބުތައް އަދާކުރުމަށް ރައީސުލްޖުމްހޫރިއްޔާގެ ނައިބާ ހަވާލުކުރަންވާނެއެވެ.