ޖުމްހޫރީ ޕާޓީގެ ފަރާތުން މިއަހަރު ބާއްވާ ރިޔާސީ އިންތިހާބުގައި ވާދަކުރާނެ ކެންޑިޑޭޓަކު ނެރޭ ގޮތަށް ފާސްކޮށްފައިވިޔަސް، ރައީސުލްޖުމްހޫރިއްޔާގެ މަގާމަށް ޖުމްހޫރީ ޕާޓީގެ ލީޑަރު އަދި ރައްޔިތުން މަޖިލީހުގެ މާމިގިލި ދާއިރާގެ މެމްބަރު ގާސިމް އިބްރާހީމްގެ ޝައުގުވެރިކަން ނެތް މޭރުމަކުން ވާހަކަ ދައްކަވައިފިއެވެ.
ޖުމްހޫރީ ޕާޓީގެ ގައުމީ ކޮންފަރެންސް ނިންމުމުގެ ގޮތުން ދަރުބާރުގޭގައި މިރޭ ބޭއްވި ޖަލްސާގައި ގާސިމް ވިދާޅުވީ އޭނާ ރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާގެ މަގާމަށް އިންތިހާބުވެވަޑައިގެންފިނަމަ، ބައެއް ވިޔަފާރިވެރިންނަށް ގެއްލުންވާނެ ކަމަށް އެ ބޭފުޅުން ހީއްކުރައްވާ ކަމަށެވެ. އަދި ވިދާޅުވީ ރައީސުލްޖުމްހޫރިއްޔާގެ މަގާމަށް ވުރެ ބޮޑަށް ބޭނުންފުޅުވަނީ ގައުމުގެ މުސްތަގުބަލަށްޓަކައި ކުރާ ކަންކަމަށް ތަރުހީބު ދެއްވުން ކަމަށެވެ.
"ރައީސުލްޖުމްހޫރިއްޔާގެ މަގާމަށް އައުމަށްވުރެ ބޮޑަށް އަޅުގަނޑުގެ އިންޓްރެސްޓް އޮތީ މިގައުމުގެ ތެދުވެރިކަމާއި އިހުލާސްތެރިކަމާ އެކު ކުރެވޭ މަސައްކަތްތަކަށް ތަރުހީބުދީ އެކަންތައްތައް ކުރިއަށް ގެންދިޔުމަށް ގެންގޮސް ނިންމުމަށް. އަޅުގަނޑަށް ކޮންކަމަކާތޯ މިތާ ރައީސުލްޖުމްހޫރިއްޔާގެ މަގާމަށް އަންނަން އަޅުގަނޑު މަސައްކަތް ކުރަންވީ، ކޮން އެއްޗަކަށް ހަދަންތޯ. ކޮބައިތޯ، ކޯއްޗެއްތޯ އަޅުގަނޑަށް ނެތީ،" ގާސިމް ވިދާޅުވިއެވެ.
ގާސިމް ވިދާޅުވީ ރައްޔިތުންނަށް ކޮށްދޭން ޖެހޭ ކަންކަންނުވެ ލަސްވެގެން ދިޔުމަކީ ބަލައިގަނެވޭނެ ކަމެއް ނޫން ކަމަށެވެ.
ގާސިމް ވިދާޅުވީ ކުރީގެ ރައީސް އަދި އެމްޑީޕީގެ ރައީސް މުހައްމަދު ނަޝީދާ ނުލައި އެމްޑީޕީ ނޯންނާނެ ކަމަށެވެ. އެމްޑީޕީ އުފެއްދުމުގައި އެންމެ ބޮޑު ރިސްކެއް ނެންގެވީ އޭނާ ކަމަށާއި ޖުމްހޫރީ ޕާޓީ އުފެއްދެވުމަށް ފުރުސަތު ލިބިވަޑައިގަތީ، ނަޝީދުގެ މަސައްކަތްޕުޅުން އެއިރު ސިޔާސީ ޕާޓީތަކަށް މަސައްކަތް ކުރެވޭނެ މާހައުލެއް ރާއްޖެއަށް ލިބުމުން ކަމަށެވެ.
ގާސިމް ވިދާޅުވީ ނަޝީދާ އެކު މަސައްކަތް ނުކުރެއްވިނަމަ، މިހާރު މިއޮތް ހާލަތު ނޯންނާނެ ކަމަށެވެ.
"ދެން ބައެއް މީހުން ބުނޭ ޕޮލިޓިކްސްގައި އޮންނަނީ ކޮންމެހެން ޓްރަސްޓެއް ނޫނޭ އިންޓްރެސްޓޭ. އޮފް ކޯސް އިންސާނުން ވިއްޔާ އިންޓްރެސްޓް އޮންނާނެ. ކިތަންމެ ރަނގަޅު މީހެއް ވިޔަސް އިންޓްރެސްޓް އޮންނާނެ،" ގާސިމް ވިދާޅުވިއެވެ.
ޖުމްހޫރީ ޕާޓީ ނަގަހައްޓައި ދަމަހައްޓަން އެހެން ބަޔަކު ބޭނުންވާ ކަމަށާއި އޭނާއަށް އަބަދު އެ މަސައްކަތް ނުކުރެއްވޭނެ ކަމަށް ގާސިމް ވިދާޅުވިއެވެ. ޖުމްހޫރީ ޕާޓީގެ ލީޑާޝިޕުން ވަނީ އަގުނުކުރެވޭ ވަރުގެ މަސައްކަތްތައް ކޮށްދީފައި ކަމަށާއި ސިޔާސީ މައިދާނުގައި ހަރަކާތްތެރިވަނީ އޭނާއަށް އެއްވެސް އެއްޗެއް މަދުވެގެން ނޫން ކަމަށްވެސް ގާސިމް ވިދާޅުވިއެވެ.
ޚަބަރު
ޚަބަރު
ޚަބަރު