ރައީސް އިބްރާހީމް މުހައްމަދު ސޯލިހު ސިންގަޕޫރަށް ކުރެއްވި ނުރަސްމީ ދަތުރުފުޅު ނިންމަވައިލެއްވުމަށްފަހު މާލެ ވަޑައިގެންފިއެވެ.

ރައީސް އޮފީހުން މިއަދު ބުނީ ރައީސް މާލެ ވަޑައިގެންނެވީ މިރޭގެ ވަގުތެއްގައެވެ.

ރައީސް ސޯލިހު ނުރަސްމީ ދަތުރުފުޅެއްގައި ސިންގަޕޫރަށް ވަޑައިގެންނެވީ މިދިޔަ ހޯމަ ދުވަހުއެވެ. އެ ދަތުރުފުޅުގެ އެއްވެސް މައުލޫމާތެއް ރައީސް އޮފީހުން ހާމަކޮށްފައެއް ނުވެއެވެ.

މިދިޔަ އަހަރުގެ އޮކްޓޯބަރު މަހުގެ ތެރޭގައިވެސް ރައީސް ސޯލިހް ވަނީ ސިންގަޕޫރަށް ނުރަސްމީ ދަތުރުފުޅެއް ކުރައްވައިފައެވެ. އެ ދަތުރުފުޅަކީ މެޑިކަލް ފްލޯއަޕަކަށް ކުރެއްވި ދަތުރުފުޅެކެވެ.

ރައީސް ވަނީ މިދިޔަ އަހަރުގެ ތެރޭގައި އެކި ފަހަރު މަތިން ބޭސްފަރުވާއަށް ސިންގަޕޫރަށް ވަޑައިގެންފައެވެ.

އެގޮތުން ރައީސްގެ ދެކަނބަލުން އެންމެ ފުރަތަމަ ބޭސްފަރުވާއަށް ސިންގަޕޫރަށް ވަޑައިގެންނެވީ މިދިޔަ އަހަރުގެ ފެބްރުއަރީ މަހުގެ 10 ވަނަ ދުވަހުއެވެ. އެ ދަތުރުފުޅު ނިންމަވައިލެއްވުމަށްފަހު ރައީސް ރާއްޖެ ވަޑައިގެންނެވީ އެމަހުގެ 15 ވަނަ ދުވަހުއެވެ. އެއަށްފަހު އެމަހުގެ 23 ވަނަ ދުވަހު ވަނީ ޑޮކްޓަރުގެ ލަފާގެ މަތިން ތައިރޮއިޑް ފަރުވާއަށް ސިންގަޕޫރަށް ވަޑައިގެންފައެވެ.

ތައިރޮއިޑް އޮޕަރޭޝަން ކުރެއްވުމަށްފަހު ރައީސް ރާއްޖެ ވަޑައިގެންނެވީ 15 ދުވަސް ފަހުން، މާޗް ހަވަނަ ދުވަހުއެވެ.