އެމްއެމްޕީއާރްސީ މެދުވެރިކޮށް ވ. އާރަށް ކުއްޔަށް ދޫކުރި މުއާމަލާތާ ގުޅިގެން ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ މައްޗަށް ސާބިތުވި ރިޝްވަތާއި މަނީ ލޯންޑަރިންގެ ކުށުގައި ހިމެނޭ 3،413،230 ޑޮލަރު (53 މިލިއަން ރުފިޔާ) ހަ މަސް ދުވަހުގެ ތެރޭގައި ދައްކަން ކްރިމިނަލް ކޯޓުން މިއަދު އަމުރުކޮށްފި އެވެ.

ދައުލަތުން ބުނެފައިވާ ގޮތުގައި، ވ. އާރަށް ކުއްޔަށް ދިނުމުގައި ރިޝްވަތަށް އެއް މިލިއަން ޑޮލަރު ނަގައި އެ ފައިސާ އެޗްއެސްބީސީއަށް ޖަމާކޮށް އަދި އިތުރު ފައިސާއާ އެކު ބޭންކް އޮފް މޯލްޑިވްސް އަށް ޖަމާކުރުމަށް ފަހު އެއަށް އިތުރު ފައިސާ އެއްކޮށް އިސްލާމިކް ބޭންކްގައި އޮތް ޔާމީންގެ އެކައުންޓަށް ޖުމުލަ 1،295،000 ޑޮލަރު ވަނީ ޖަމާކޮށްފައެވެ.

ދައުލަތުން ބުނެފައިވާ ގޮތުގައި، ޔާމީން ވަނީ އޭގެ ފަހުންވެސް އިސްލާމިކް ބޭންކުގައި އޮތް އިންވެސްޓްމަންޓް އެކައުންޓަކަށް އިތުރު ފައިސާއާއެކު ޖުމުލަ 3،413،230 ޑޮލަރު، 36 މަސް ދުވަހުގެ މުއްދަތަށް އިންވެސްޓްކޮށްފައެވެ.

އެހެންވެ، މަނީ ލޯންޑަރިންއާއި ޓެރަރިޒަމް ހުއްޓުވުމުގެ ގާނޫނުގެ ދަށުން ދައުލަތުން ނަގަން އެދުނީ، އާރަށް މައްސަލައިގައި ލޯންޑާކޮށްގެން ހޯދި އެއް މިލިއަން ޑޮލަރާއި އެއާއި އެއްކޮށްފައިވާ 2،413،230 ޑޮލަރާއި އިންވެސްޓްކޮށްގެން ލިބުނު ފައިސާ އެވެ.

ކްރިމިނަލް ކޯޓުން އެ ފައިސާ ހަ މަސް ދުވަހުގެ ތެރޭގައި ދެއްކުމަށް ޔާމީންގެ މައްޗަށް އިސް ގާޒީ އަހުމަދު ޝަކީލް އަމުރުކުރެއްވީ، އާރަށުގެ މައްސަލާގައި ޔާމީނަށް ކުރި ދެ ދައުވާ ސާބިތުވެ 11 އަހަރަށް ޖަލަށް ލާން ހުކުމް ކޮށްފައި ވާތީ އެ ހުކުމަށް ރިއާޔަތްކޮށެވެ.

ޔާމީންގެ މައްޗަށް ކޮށްފައިވާ 11 އަހަރުގެ ޖަލު ހުކުމް އިސްތިއުނާފު ކުރުމަށް އެމަނިކުފާނުގެ ފަރާތްޕުޅުން މިހާރު ވަނީ ހައި ކޯޓަށް ހުށަހަޅައިފަ އެވެ.