މުޅި ރާއްޖެއަށް ހުޅުވާލައިގެން އަތޮޅުތަކުގެ ރަށްތަކަށް ބާއްވާ ރާއްޖޭގެ އެންމެ ބޮޑު ފުޓްސަލް މުބާރާތް، ސޮނީ ސްޕޯޓްސް ގޯލްޑަން ފުޓްސަލް ޗެލެންޖް 2023ގެ އަތޮޅު ޗެމްޕިއަންކަން ހޯދައި، މ. ދިއްގަރާއި ބ. އޭދަފުށީގެ އިތުރުން ދ. ކުޑަހުވަދުއާއި ސ. ފޭދޫން ތަށި އުފުލާލައިފިއެވެ.
އަތޮޅު ބުރުގައި ސ. އަތޮޅުން ދެ ޓީމެއް ބައިވެރިވެފައިވުމާއެކު އެ އަތޮޅުގެ ޗެމްޕިއަން ޓީމު ކަނޑައެޅީ ދެ ލެގުގެ ފައިނަލަކުންނެވެ. ފޭދޫން ވަނީ ދެ ލެގުވެސް ކާމިޔާބުކޮށް ތަށި އުފުލާލައިފައެވެ. ފުރަތަމަ ލެގުގައި 2-0 އިން މޮޅުވެފައި އޮވެގެން ރޭގެ މެޗަށް ނުކުތް ފޭދޫން، މަރަދޫފޭދޫ ކައިރިން މިރޭ މޮޅުވީ 2-1 ގެ ނަތީޖާއަކުންނެވެ.
ފޭދޫން ރަނގަޅަށް ކުޅުނު މެޗުގައި އެޓީމުގެ ދެ ގޯލުވެސް ފެނިގެން ދިޔައީ ފުރަތަމަ ހާފުގައެވެ. ފުރަތަމަ ގޯލު އިބްރާހީމް މަހުދީ (ފޭދޫ އިއްބެ) ޖައްސާލި ބޯޅައެއް އަލީ ނާފިއު (ކަޅޭ) ޖަހައިދިން އިރު، ދެވަނަ ގޯލު ޖެހީ ފޭދޫ އިއްބެއެވެ.
ސ. އަތޮޅުގެ އެންމެ މޮޅު ކުޅުންތެރިޔަކީ ފޭދޫގެ ހުސައިން ގައްސާން ލަބީބު (ހުސީ) އެވެ. އެންމެ ގިނަ ގޯލު ޖެހީ ކުޅުންތެރިޔަކީ ފޭދޫ އިއްބެއެވެ.
މިރޭ ކުޅުނު ދ. އަތޮޅު ފައިނަލްވެސް ފެނުނީ ފޯރިގަދަ ފައިނަލެއްގެ ގޮތުގައެވެ. އެންމެފަހުގެ އެ އަތޮޅުގެ ޗެމްޕިއަން ކުޑަހުވަދޫން، އަލަށް މުބާރާތުގައި ކުޅުނު މާއެނބޫދުއާ ދެކޮޅަށް ނުކުތް ފައިނަލް ކުޑަހުވަދޫން ކާމިޔާބުކުރީ 3-2 ގެ ނަތީޖާއަކުންނެވެ.
މެޗުގައި މާއެނބޫދޫގެ ފުރަތަމަ ގޯލު ކުރީކޮޅުގައި އަހުމަދު މަހުތޫމް ޖަހައިދިން އިރު، ފުރަތަމަ ހާފު ނިމެން ދަނިކޮށް، ހާރޫން އިބްރާހީމް (ހާންޑޯ) ޖެހި ގޯލުން ކުޑަހުވަދޫ މެޗުގެ ނަތީޖާ އެއްވަރުކުރިއެވެ. ދެވަނަ ހާފަށް ނުކުމެ، އިރުފާން އާދަމް ނަސީރު ޖެހި ގޯލުން ކުޑަހުވަދޫ ލީޑު ނަގައި، ޖުމައިލް ޖަމީލް ޖެހި ގޯލުން ލީޑު ފުޅާވެސް ކުރިއެވެ.
ދެ ގޯލުގެ ފަރަގެއްގައި ކުޑަހުވަދޫ އޮތް ނަމަވެސް މާއެނބޫދޫން ދިޔައީ ހިތްވަރާއެކު މަސައްކަތްކޮށް މެޗަށް އަނބުރައި ވަނުމަށް މަސައްކަތް ކުރަމުންނެވެ. އެ ކުރި މަސައްކަތުގައި މަހުތޫމުގެ އިތުރު ގޯލަކާއެކު އެޓީމުން ދެވަނަ ގޯލެއް ޖެހި ނަމަވެސް މެޗު ކާމިޔާބުކުރެވޭނެ ގޮތެއް ނުވިއެވެ.
ދ. އަތޮޅުގެ އެންމެ މޮޅު ކުޅުންތެރިޔަކީ ޖުމައިލްއެވެ. އެންމެ ގިނަ ގޯލު ޖެހި ކުޅުންތެރިޔަކީ މާއެނބޫދޫގެ މަހުތޫމެވެ.
މިރޭ މުބާރާތުގެ މ. އަތޮޅު ފައިނަލްގައި ދިއްގަރާއި ނާލާފުށި ވާދަކުރި މެޗުގައި ހަމަހަމަ ކުޅުމެއް ފެނިގެން ގޮސްފައިވާ އިރު، މެޗުގައި ދިއްގަރުގެ ހަމައެކަނި ގޯލު ޖަހައިދިނީ އަލީ މާޖިދެވެ.
ދިއްގަރުން 1-0 އިން މެޗު ކާމިޔާބުކޮށްފައިވާ އިރު، އެ އަތޮޅުގެ އެންމެ މޮޅު ކުޅުންތެރިޔަކަށް ހޮވުނީވެސް، އަދި އެންމެ ގިނަ ގޯލު ޖެހި ކުޅުންތެރިޔަކީވެސް ނާލާފުށީގެ ކެޕްޓަން އަލީ އަޒުމީލެވެ.
މިރޭ ބ. އަތޮޅު ފައިނަލުގައި އޭދަފުށިން ތަށި ހޯދީ ފަހަތުން އަރައި ފެހެންދޫ ބަލިކޮށްގެންނެވެ. މެޗު ނިމެން ހަ މިނެޓަށްވެފައި ވަނިކޮށް ފެހެންދޫގެ މުހައްމަދު ރީހާން ގޯލު ޖަހައި ލީޑު ނެގި ނަމަވެސް އޭދަފުށިން ވަނީ ނަތީޖާ އަނބުރާލައިފައެވެ.
އޭދަފުއްޓަށް ނަތީޖާ އަނބުރާލުމުގައި އެންމެ މުހިއްމު ދައުރެއް އަދާކުރީ އިޝާން އިބްރާހީމް (ސައްޓު) އެވެ. އޭނާ ވަނީ ފުރަތަމަ ގޯލު ޖަހައި އަނެއް ގޯލަށް އެސިސްޓް ކޮށްދީފައެވެ. ސައްޓު އެސިސްޓްކޮށްދިން ގޯލު ޖެހީ އަބްދުﷲ އަޝްރަފު ޔޫސުފް (ސޮބީ) އެވެ.
ބ. އަތޮޅުގެ އެންމެ ގިނަ ގޯލު ޖެހީ ތުޅާދޫގެ އިބްރާހީމް ރަފާހެވެ. އެންމެ މޮޅު ކުޅުންތެރިޔަކީ ފެހެންދޫގެ ބައްސާމް މުހައްމަދު (ބައްކު) އެވެ.
ގޯލްޑަން ފުޓްސަލް ޗެލެންޖުގައި މި ފަހަރު ރާއްޖޭގެ އެކި ކަންކޮޅުތަކުން 102 ޓީމަކުން ބައިވެރިވެފައިވާ އިރު، މި ފަހަރު މުބާރާތުގައި 242 މެޗު ކުޅޭނެއެވެ. މި އަހަރުގެވެސް ގޯލްޑަން ފުޓްސަލް ޗެލެންޖްގެ އޮންލައިން މީޑިއާ ޕާޓްނަރަކީ "ވަން އޮންލައިން" އެވެ.
މުބާރާތުގައި ދެން އޮންނާނީ ޒޯން ބުރުގެ މެޗުތަކާއި ގަދަ 16ގެ އިތުރުން މުޅި ރާއްޖޭގެ ކުއާޓާ ފައިނަލް އަދި ސެމީ ފައިނަލްގެ އިތުރުން ފައިނަލް މެޗެވެ.