މުޅި ރާއްޖެއަށް ހުޅުވާލައިގެން އަތޮޅުތަކުގެ ރަށްތަކަށް ބާއްވާ ރާއްޖޭގެ އެންމެ ބޮޑު ފުޓްސަލް މުބާރާތް، ސޮނީ ސްޕޯޓްސް ގޯލްޑަން ފުޓްސަލް ޗެލެންޖް 2023ގެ ކ. އަތޮޅުގެ ޗެމްޕިއަންކަން ދިއްފުށިން ހޯދައިފިއެވެ.
ގޯލްޑަން ފުޓްސަލް ޗެލެންޖުގެ އަތޮޅު ބުރުގެ އެންމެފަހު ފައިނަލް މެޗުތައް މިރޭ ކުޅެފައިވާ އިރު، ކ. އަތޮޅުގެ ފައިނަލް ފެނިގެން ދިޔައީ އާދަޔާހިލާފު ފޯރިގަދަ ފައިނަލެއްގެ ގޮތުގައެވެ. އެއްކޮޅުން މިދިޔަ އަހަރުގެ ގޯލްޑަން ފުޓްސަލް ޗެލެންޖުގެ ފައިނަލުގައި ކުޅެ، ރަނަރަޕްކަން ހޯދި ގާފަރު ނުކުތް އިރު، އަނެއްކޮޅުން ނުކުތީ ދިއްފުއްޓެވެ.
ގާފަރުގެ ފަރާތުން މިރޭގެ ފައިނަލާ ހަމައަށްވެސް މުބާރާތުގައި މޮޅު ކުޅުމެއް ފެނިގެން ގޮސްފައިވާ އިރު، އެޓީމުން މުބާރާތް ފެށީ ޝީލްޑް މެޗުގައި އެންމެފަހުގެ ޗެމްޕިއަން ތިމަރަފުށިވެސް ބަލިކޮށްފައެވެ. ރަނގަޅު ފޯމެއްގައި ފައިނަލަށް ނުކުތް ގާފަރުން ދިއްފުށި ކައިރިން މިރޭގެ މެޗުގައި ބަލިވީ 4-3 ގެ ނަތީޖާއަކުންނެވެ.
މެޗު ފެށިގެން ތިން މިނެޓް ތެރޭގައި ދިއްފުށިން ލީޑު ނެގި އިރު، އެ ގޯލަކީ ޒައިން ޒަފަރު ފަހިކޮށްދިން ބޯޅައެއްގައި އަހުމަދު މާޒިން ޖެހި ގޯލެކެވެ. އެ ގޯލާއެކު ދިއްފުށީގެ ސަޕޯޓަރުން ކެކިގެން ދިޔައެވެ. މެޗު ފޯރިގަދަ މެޗަކަށް ވެގެންދާނެކަމުގެ ޔަގީންކަން ލިބުނެވެ.
ދިއްފުށީގެ ފުރަތަމަ ގޯލަށް މާ ގިނައިރެއް ނުވެ، އަލީ މާއިސް (މައްޓު)ގެ މޮޅު ހުނަރާއެކު ގާފަރުން ނަތީޖާ ހަމަހަމަކުރިއެވެ. ނަތީޖާ ހަމަހަމަކޮށް ގާފަރުން ތިރިން ޕާސްތައް ކުޅެން މަސައްކަތް ކުރި ނަމަވެސް ދިއްފުށިން ބޮޑަށް ބެލީ ޑައިރެކްޓް އެޓޭކިން ގޭމެއް ކުޅުމަށެވެ. ނަތީޖާއެއްގެ ގޮތުން މެޗުގެ ތިންވަނަ ގޯލުވެސް ފެނުނީ ދިއްފުށީގެ ފަރާތުންނެވެ.
އެ ގޯލު ޖަހައިދިނީ ރިލުވާން ރަޝީދެވެ. އެ ގޯލަށް މިނެޓެއްވެސް ނުވެ، އަލުން ކުޅުން ފަށައި އަނެއްކާވެސް މައްޓު ގާފަރަށް ނަތީޖާ ހަމަހަމަކޮށްދިން އިރު، ދެވަނަ ހާފަށް ނުކުތީ ހަމަހަމަ ނަތީޖާއަކާ އެކުގައެވެ.
ދެވަނަ ހާފަށް ނުކުމެވެސް އަލުން އަނެއްކާވެސް ލީޑު ނެގީ ދއްިފުށިންނެވެ. އެޓީމުގެ ތިންވަނަ ގޯލު ޖަހައިދިނީ ޝައިހާން ފާއިޒެވެ. އެ ގޯލަށްވެސް އެންމެ ބޮޑު ދައުރެއް އަދާކުރީ ކ. އަތޮޅުގެ ޓޮޕް ސްކޯރާއާއި އެންމެ މޮޅު ކުޅުންތެރިޔާގެ މަގާމު ހޯދި ދިއްފުށީގެ މާޒިން އަދި ފައިނަލް މެޗުގައި މޮޅަށް ކުޅުނު ޒައިންއެވެ.
ޝައިހާންގެ ގޯލުން ދިއްފުށި މޮޅުވާން ދަނިކޮށް، ގާފަރުން ވަނީ ތިންވަނަ ގޯލެއް ޖަހައި މެޗުގައި ތިންވަނަ ފަހަރަކަށް ނަތީޖާ ހަމަހަމަކޮށްފައެވެ. އެ ގޯލު ޖެހީ އިބްރާހީމް ރިމާހު (ރިމޭ) އެވެ. ރިމޭގެ އެ ގޯލާއެކު މެޗުގެ ނަތީޖާ ހަމަހަމަވެ، ޕެނަލްޓީއާ ދިމާލަށް ދަނިކޮށް، ދިއްފުށިން މެޗުން މޮޅުވި ގޯލު ޖެހީ ފަހު މިނެޓުގައެވެ. މާޒިން އެ ގޯލު ޖެހީ ގާފަރުގެ ގޯލްކީޕަރު ފައްޔާޒު ފަޔާޒު ހެދި ގޯހެއްގެ ފައިދާ ނަގައިގެންނެވެ.
ގޯލްޑަން ފުޓްސަލް ޗެލެންޖް
ގޯލްޑަން ފުޓްސަލް ޗެލެންޖް
ގޯލްޑަން ފުޓްސަލް ޗެލެންޖް
ގޯލްޑަން ފުޓްސަލް ޗެލެންޖް