ރާއްޖޭގައި މިހާރު ކުރިއަށްދާ ފޯ ނޭޝަންސް ކަޕް ވޮލީބޯޅަ މުބާރާތުގެ އަންހެން ޑިވިޝަންގައި މިއަދު ހަވީރު ކުޅުނު މެޗުގައި މެލޭޝިއާވެސް ބަލިކޮށް، ސިންގަޕޫރުން ފައިނަލްގެ ފުރަތަމަ ޖާގަ ހޯދައިފިއެވެ.

ސިންގަޕޫރުން މުބާރާތުގެ ފައިނަލުގެ ފުރަތަމަ ޖާގަ ހޯދީ އިއްޔެ ރާއްޖެވެސް ބަލިކޮށްފައެވެ. އެ ޓީމުން ދެ މެޗުވެސް ސީދާ ތިން ސެޓުން ކާމިޔާބު ކޮށްފައިވާ އިރު، އެ ޓީމުން ފައިނަލުގައި ނުކުންނާނީ ރާއްޖެއާއި މެލޭޝިއާ ކުޅޭ ފައިނަލްގެ ޕްލޭ އޮފް މެޗުން މޮޅުވާ ޓީމަކާ ދެކޮޅަށެވެ.

މެލޭޝިއާއާއި ރާއްޖެ ކުޅޭ ސެމީ ފައިނަލް އޮންނާނީ މާދަމާ ހަވީރު 4:30 ގައެވެ. އެ މެޗުން މޮޅުވާ ޓީމެއް ހޯމަ ދުވަހު ހަވީރު 4:30 ގައި ކުޅޭ އަންހެން ޑިވިޝަނުގެ ފައިނަލުގައި ސިންގަޕޫރާ ބައްދަލުކުރާނެއެވެ.

މިއަދުގެ މެޗުގެ ސެޓުތައް ސިންގަޕޫރުން ގެންދިޔައީ 20-25، 14-25 އަދި 19-25 އިންނެވެ.

މިއަދުގެ މެޗުވެސް ސިންގަޕޫރުން ރަނގަޅަށް ފަށައި، އެ ޓީމުން ފުރަތަމަ ސެޓުވެސް ނިންމާލީ ހަމަޖެހިލައިގެންނެވެ. ސިންގަޕޫރުން 25-20 އިން ސެޓު ގެންދިޔައީ ގިނަ ވަގުތު ލީޑުގައި އޮވެގެންނެވެ. މެލޭޝިއާ އިން ދެވަނަ ސެޓަށް ކޮންމެވެސް ވަރަކަށް ކުޅުން ރަނގަޅު ކުރި ނަމަވެސް، ސިންގަޕޫރު ފެނުނީ މާ މޮޅުކޮށެވެ. ސިންގަޕޫރުގެ ސެޓުގެ މެދަކާ ހަމައިން ހަތް ޕޮއިންޓުގެ ލީޑެއްގައިވެސް ކުޅެމުން ދިޔައިރު، ދެވަނަ ސެޓު ގެންދިޔައީ 25-14 އިންނެވެ.

ތިން ވަނަ ސެޓަށް ނުކުތް އިރު، މެލޭޝިއާ އޮތީ ވަރަށް ބޮޑަށް ހިތްވަރު ގެއްލިފައެވެ. އެ ޓީމުގެ ފަރާތުން ގޯސްތައް ފެނިގެން ގޮސްފައިވާއިރު، ސިންގަޕޫރުން ފެނުނީ މާވަރުގަދަކޮށެވެ. ސިންގަޕޫރުން ރަނގަޅު ރޫހެއްގައި ތިންވަނަ ސެޓު ގެންދިޔައީ 25-19 ގެ ނަތީޖާއަކުންނެވެ.

މުބާރާތުގައި މިއަދު ދެން އޮންނާނީ ފިރިހެން ޑިވިޝަނުގެ ލީގު ބުރުގެ ފަހު މެޗުތަކެވެ. ހަވީރު 4:30 ގައި ފަށައިގެން ކުޅެމުން ދަނީ ސިންގަޕޫރާއި މެލޭޝިއާ ކުޅޭ މެޗެވެ. އަދި މިރޭ 8:30 ގައި ރާއްޖެ ކުޅޭނީ އަފްގާނިސްތާނާ ދެކޮޅަށެވެ.